ENGLISH
28 އޮކްޓޯބަރު 2025
ދިއްފުށީގެ ބިން ހިއްކުމާއި، ކުނި މެނޭޖްކުރުން އަދި ސްކޫލް އިމާރާތުގެ މަސައްކަތް ފަށައިފި
28 އޮކްޓޯބަރު 2025
|
ދިއްފުށީ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފެށުން. ފޮޓޯ: ރައީސް އޮފީސް
ކ. ދިއްފުށީގައި ސަރުކާރުން ކުރިއަށްގެންދިއުމަށް ނިންމާފައިވާ މަޝްރޫޢުތަކުގެ ތެރެއިން އެރަށުގެ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރުމާއި، ކުނި މެނޭޖްކުރާ މަރުކަޒުގެ މަސައްކަތާއި ގިނަ ޚިދުމަތްތަކާއެކު އެރަށުގެ ސްކޫލަށް އިތުރުކުރާ އިމާރާތުގެ ޢަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
އެ މަޝްރޫޢުތަކުގެ އިތުރުން ދިއްފުށީގައި މިއަދު ވަނީ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު އެޅުމުގެ މަސައްކަތް ވެސް ފަށައިފައެވެ.
ދިއްފުށީ ރައްޔިތުންނަށް މުހިއްމުވެފައިވާ، ބިން ހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ.
އެމްޓީސީސީން ކުރިއަށްގެންދާ އެ މަޝްރޫޢުގެ ދަށުން، 22.97 ހެކްޓަރުގެ ސަރަޙައްދުގެ ބިން ހިއްކައި 710 މީޓަރުގެ ސަރަޙައްދުގައި ރިވެޓްމެންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި، 670 މީޓަރުގެ ސަރަޙައްދުގައި ގްރޮއިން ޖެހުމާއި، މިހާރު ޖަހާފައި ހުރި ގްރޮއިންއަށް 270 މީޓަރު އިތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި، މިހާރު ޖަހާފައިވާ ރިވެޓްމެންޓުގެ 300 މީޓަރު މަރާމަތުކުރުމުގެ މަސައްކަތް ވެސް ކުރާނެކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
އެ މަޝްރޫޢު 450 ދުވަސްތެރޭ ނިންމަން ހަވާލުކުރިއިރު މުޅި މަސައްކަތަށް 157.33 މިލިއަން ރުފިޔާ ޚަރަދުވާނެއެވެ.
ދިއްފުށީގެ ކުނި މެނޭޖްކުރާ މަރުކަޒުގެ ބިންގާ ވަޒީރު އަޅުއްވައިދެއްވަނީ. ފޮޓޯ: ރައީސް އޮފީސް
ދިއްފުށީގައި ކުންޏާއި ވަޞީލަތްތައް މެނޭޖްކުރާ މަރުކަޒުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ވަޒީރު ޠާރިގު އިބްރާހީމްއެވެ. ކުނި މެނޭޖްކުރުމުގެ މަޝްރޫޢު ދިއްފުށީގައި ކުރިއަށްގެންދާނީ ވެމްކޯގެ ފަރާތުންނެވެ.
ދިއްފުށީ ސްކޫލަށް އިތުރުކުރާ އިމާރާތުގެ މަސައްކަތް ފައްޓަވައިދެއްވީ ތަޢުލީމާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢުއެވެ. އަލަށް ޤާއިމުކުރާ ސްކޫލް އިމާރާތުގައި ހަތަރު ކްލާސްރޫމާއި، މަލްޓި ޕަރޕަސް ހޯލެއްގެ އިތުރުން ސައިންސް ލެބަކާއި ސެން ކްލާސް ރޫމެއް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.
ދިއްފުށީ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް ޙަވާލުކުރީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާ އެވެ.
ދިއްފުށީގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. ދިއްފުށީގައި ފިޓްނަސް ސެންޓަރުު އެޅުމުގެ މަސައްކަތް ކުރަނީ އެމްޓީސީސީންނެވެ. އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސަޢުދީ ވަނީ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވަޑައިގެންފައެވެ.
ދިއްފުށީގައި ޢަމަލީ މަސައްކަތް ފެށި ރަސްމިއްޔާތުތައް ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ތުލުސްދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ނަސީމް ބައިވެރިވަޑައިގެންނެވިއެވެ.