ENGLISH
28 އޮކްޓޯބަރު 2025
ކާށިދޫއަށް ދަތުރުފަތުރުގެ ރަނގަޅު ނިޒާމެއް މުހިއްމު، އެކަން ސަރުކާރުން ފަހިކޮށްދޭނަން: ރައީސް
28 އޮކްޓޯބަރު 2025
|
ކާށިދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުދައްކަވަނީ. ފޮޓޯ: ރައީސް
ކ. ކާށިދޫގައި ދަތުރުފަތުރުގެ ނިޒާމް ރަނގަޅަށް ޤާއިމުވާގޮތަށް ކަންކަންތައް ފަހިކޮށްދިނުމަކީ މުހިއްމު ކަމެއް ކަމަށާއި، ސަރުކާރުން އެކަމަށް ޚާއްޞަ އިސްކަމެއް ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޅ. އަދި ކ. އަތޮޅުގެ ރަށްތަކަށް ފެއްޓެވި ދެ ދުވަހުގެ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ކާށިދޫއަށް ވަޑައިގެންފައެވެ. އެރަށަށް ވަޑައިގެން މުހިއްމު މަޝްރޫޢުތަކެއް ރައީސުލްޖުމްހޫރިއްޔާ ފައްޓަވައިދެއްވިއެވެ.
އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެކަހެރިކޮށް އޮންނަ ކާށިދޫއަށް ދަތުރުފަތުރުގެ ރަނގަޅު ނިޒާމެއް މުހިއްމު ކަމަށެވެ. އަދި، ދަތުރުފަތުރުގެ ރަނގަޅު ނިޒާމެއް ޤާއިމުކުރުމުގައި އެރަށުގައި ފަތުރުވެރިކަން ފުޅާވެގެން ދިއުން މުހިއްމު ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކާށިދޫ ފަޅުގައި ރިސޯޓް ތަރައްޤީކުރަން ހުޅުވާލި ފުރުޞަތުގައި އިންވެސްޓަރުން ޝައުގުވެރިކަން ފާޅުކޮށްފައިނުވާ ކަމަށެވެ. ބޮޑެތި ލުއިތަކާއެކު އެ ފުރުޞަތު ދެވަނަ ފަހަރަށް ހުޅުވާލުމާއެކު، އިންވެސްޓަރުން ލިބޭނެކަމަށް އުއްމީދުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ރިސޯޓް ތަރައްޤީވުމާއެކު އިޤްތިޞާދީ ގޮތުން ތަރައްޤީވެ ވަޒީފާގެ ފުރުޞަތުތައް ލިބިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ކާށިދޫ ފަޅުގައި ރިސޯޓް ތަރައްޤީކުރާއިރު، ކައުންސިލުން ކުރިއަށްގެންދާ ލޯކަލް ޓޫރިޒަމަށް ސަރުކާރު އެއްބާރުލުން ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ކާށިދޫއަށް ޓޫރިޒަމް އައުމުގައި ހުރަސްތަކެއް އެބަހުރިކަމަށާއި، މުހިއްމު ލޮކޭޝަނެއްގައި ރަށް އޮތް ނަމަވެސް އިންވެސްޓަރުން ނުލިބުމުގައި، ކާށިދޫ ވަކިން އޮތުން އެއީ ސަބަބަކަށް ވެދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މާލެ އަތޮޅުގައި އާރުޓީއެލްގެ ޚިދުމަތް ފެށުމުން ކަނޑުދަތުރުފަތުރު ކުރުމުގައި ލުއިތަކެއް ލިބިގެންދާއިރު، ވައިގެ މަގުން ދަތުރުކުރުމަށް އެރަށުގައި ސީޕްލޭންގެ އޮޕަރޭޝަންސް ޤާއިމުކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ސީޕްލޭންގެ ޕްލެޓްފޯމެއް ޤާއިމުކޮށް ދަތުރުތައް ކުރަން ބަލާއިރުގަ ފީސިބަލް ވާނީ ޓޫރިޒަމާއެކު ފަސިންޖަރުން ލިބިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި މަސައްކަތްކުރަނީ މި ރިސޯޓް ހަދާނެ ފަރާތެއް ހޯދުމާއެކު ދާއިމީ ގޮތެއްގަ މިތަނުގަ ސީޕްލޭން އޮޕަރޭޝަން ވެސް ގެނެވޭ ގޮތަށް މިކަން ކުރަން. އެހެންވީމަ ސަރުކާރުގެ ސިޔާސަތު މިއޮތީ މިދެންނެވި ގޮތަށް ސީޕްލޭންގެ ޚިދުމަތް ދާއިމީކޮށް ޝެޑިއުލްކޮށް ހަމަޖެހޭނެ ގޮތަށް ޓޫރިޒަމާ އެކީގަ ގެނެވޭނެ ގޮތް ހެދުން" - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ވައިގެ މަގުންނާއި އާރުޓީއެލްގެ މަގުން ދަތުރުފަތުރުގެ ކަންކަން ކާށިދޫގައި ޤާއިމްވެގެންދިއުން ވާނީ، އެކި ދާއިރާތަކުން ވިޔަފާރިކުރުމަށް ޝައުގުވެރިކަން ހުންނަ ފަރާރްތަކަށް ލިބިގެންދާނެ ހިތްވަރަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވީ ކާށިދޫއަށް ޞިއްޙީ ޚިދުމަތް ވެސް މުހިއްމު ކަމަށާއި، މިއަދު ޢަމަލީ މަސައްކަތް ފެށިގެންދިޔަ ޞިއްޙީ މަރުކަޒުގެ އާ އިމާރާތާއެކު ޞިއްޙި ގޮތުން އެރަށަށް ތަރައްޤީ ލިބިގެންދާނެ ކަމަށެވެ. އެގޮތުން އަލަށް އިތުރުކުރާ އިމާރާތުގައި އެކްސްރޭގެ ޚިދުމަތާއި ސްކޭނިން ހިދުމަތް ލިބޭނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި، ކާށިދޫގައި ފިޒިއޮތެރަޕީގެ މަސައްކަތް ފެށޭނެގޮތް ހެދުމުގެ މަސައްކަތް ކުރައްވަމުންގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ކާށިދޫގައި ކުރިއަށްގެންދަވާނެ އެންމެ ބޮޑު މަޝްރޫޢަކީ ބަނދަރުގެ މަސައްކަތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢިއުލާނުކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ކާށިދޫއަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކުރުމާއެކު އެރަށުގައި ފުޑް ސެކިއުރިޓީ މަޝްރޫއެއް ހިންގުމަށް ރަށު ކައުންސިލާއެކު ސޮއިކުރިއެވެ.
ޢަމަލީ މަސައްކަތް ފެށި މަޝްރޫޢުތަކުގެ ތެރޭގައި ޞިއްޙީ މަރުކަޒުގެ މަސައްކަތުގެ އިތުރުން ފުލުހުންގެ މަރުކަޒެއް އިމާރާތްކުރުމާއި، ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަނަށް މަރުކަޒެއް ޤާއިމުކުރުން އަދި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަޝްރޫޢު ހިމެނެއެވެ.