ENGLISH

28 އޮކްޓޯބަރު 2025

Advertisement

ސައީދު ދެއްވި ޔަގީންކަން؛ މި ސަރުކާރުން ފައިސާ ޗާޕެއް ނުކުރާނެ!

28 އޮކްޓޯބަރު 2025

|

ޝިފްޒާން އަޙްމަދު

އިގުތިސާދީ ތަރަައްގީއާ ބެހޭ ވަޒީރު މުހައްމަދު ސައީދު މަޖިލީހުގެ މެންބަރުންގެ ސުވާލުތަކަަށް ޖަވާބުދެއްވަނީ، ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މި ސަރުކާރުން ފައިސާ ޗާޕުކުރަން އުޅޭކަމަށް ދޭހަވާ ގޮތަށް އިދިކޮޅު ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތަކަށް ރައްދުދެއްވައި، ސަރުކާރުން ފައިސާ ޗާޕުނުކުރާނެ ކަމުގެ ޔަގީންކަން އިގުތިސާދީ ތަރައްގީއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ދެއްވައިފިއެވެ. 

ސައީދު މި ޔަގީންކަން ދެއްވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވުމަށްފަހު އިތުރު ސުވާލުގެ ވަގުތުގައި ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ.އަހްމަދު ޝަމްހީދު، އެމްއެމްއޭ މެދުވެރިކޮށް ފައިސާ ޗާޕުކޮށްގެން ޕެންޝަން ފަންޑު މެދުވެރިކޮށް އިގުތިސާދަށް ދެ ބިލިއަން ރުފިޔާ ނެރުމަށް މި ސަރުކާރުން މަސައްކަތްކުރާކަމަށް ތުހުމަތުކުރައްވައި ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. 

"އިއްޒަތްތެރި މެންބަރު، މި ސަރުކާރަކުން ފައިސާ ޗާޕެއް ނުކުރާނެ،" ފައިސާ ޗާޕުކުރުމަކީ މި ސަރުކާރުން ކުރާނެ ކަމެއް ނޫންކަން ކަށަވަރުކޮށްދެއްވަމުން މިނިސްޓަރު ވިދާޅުވިއެވެ. 

ކުރީ ފަސް އަހަރު ދައުލަތުގެ މާލީ ކަންކަން ހިންގާފަައިވާ ގޮތަށް އަލިއަޅުވައިލައްވަމުން ސައީދު ވިދާޅުވީ ދައުލަތުގެ ދަރަނި އެ ފަސް އަހަރު އިތުރުވީ ކޮވިޑުގެ ސަބަބުން ކަމަށް ވިދާޅުވިއިރު، ކޮވިޑުގެ ނަމުގައި 8.7 ބިލިއަން ރުފިޔާ ލިބުނު ނަމަވެސް، ކޮވިޑާ ގުޅިގެން ހަރަދުކުރީ 4.2 ބިލިއަން ރުފިޔާ ކަމަށެވެ. އެހެންކަމުން ފައިސާ ޗާޕުކުރި ސަބަބަކީ ކޮބައިތޯ ސައީދު ސުވާލުކުރެއްވިއެވެ. 

އިތުރަށް ސައީދު ފާހަގަކުރެއްވީ އެއިރު ފައިސާ ޗާޕުކުރީ މަޖިލީހުގައި ތިއްބެވި އިދިކޮޅު މެންބަރުން ފައިސާ ޗާޕުނުކުރުމަށް އާދޭސްކުރައްވަނިކޮށް ކަމުގައެވެ. ނަމަވެސް އެކަމަށް ރިއާޔަތްނުކުރައްވައި، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތައް ސަސްޕެންޑުކުރުމަށްފަހު އަށް ބިލިއަން ރުފިޔާ ޗާޕުކުރުމުގެ ސަބަބުން މިއަދު ދިވެހި ރުފިޔާ ނިކަމެތިވެ، ޑޮލަރުގެ އަގު އިންތިހާއަށް ބޮޑުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. 

އެއާއެކު ސައީދު އެދިވަޑައިގަތީ އެއްވެސް ޒަމާނަކުން އިދިކޮޅު މައި ޕާޓީކަމުގައިވާ އެމްޑީޕީއަށް ރާއްޖޭގެ ވެރިކަން ލިބުނަސް ކުރިން ހެދި ގޮތަށް ގާނޫނު ސަސްޕެންޑުކުރުމަށްފަހު ފައިސާ ޗާޕުނުކުރުމަށެވެ. 

ކިޔުންތެރިންގެ ހިޔާލު