ENGLISH
28 އޮކްޓޯބަރު 2025
ނައިފަރަށް އިތުރުކުރާ 45 ހެކްޓަރުގެ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށައިފި
28 އޮކްޓޯބަރު 2025
|
ނައިފަރުގެ ބިން ހިއްކުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: އެމްޓީސީސީ
ބިމުގެ ދަތިކަން ދިމާވެފައިވާ ޅ. ނައިފަރަށް އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރެއްވި 45 ހެކްޓަރުގެ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް މިއަދު އެރަށުގައި ފަށައިފިއެވެ.
ނައިފަރުގެ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފެށުން ޝަރަފްވެރިކޮށްދެއްވީ އެރަށުގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. ވަޒީރު ޑރ. މުއްޠަލިބްގެ އަރިހުގައި ނައިފަރު ދާއިރާގެ މަޖިލިސް މެންބަރު އަޙްމަދު ޝިޔާމްއާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢުދީގެ އިތުރުން ނައިފަރު ކައުންސިލްގެ ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.
ނައިފަރުގައި މިއަދު ހެނދުނު ވަނީ އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ ވެސް އަޅައިފައެވެ. ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމާތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ވަޒީރު ޢަލީ އިޙްސާންއެވެ. ވަޒީރުގެ އަރިހުގައި ނައިފަރު ދާއިރާގެ މަޖިލިސް މެންބަރު އަޙްމަދު ޝިޔާމް އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޒީމް އަދި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އަދި ނައިފަރު ކައުންސިލްގެ ރައީސް ބައިވެރިވަޑައިގެންނެވިއެވެ.
ނައިފަރު ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ކުރާއިރު، ފުލުހުންގެ މަރުކަޒުގެ އާ އިމާރާތް އަޅާނީ އާރުޑީސީންނެވެ.
އެމްޓީސީސީން ބުނީ ނައިފަރުން 44.80 ހެކްޓަރުގެ ބިން ހިއްކައި، 1813 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި، 474 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 803 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. ހުރިހާ މަސައްކަތެއް ހިމެނޭ ބިން ހިއްކުމުގެ މަޝްރޫޢަށް ސަރުކާރުން 679.03 މިލިއަން ރުފިޔާ ޚަރަދުކުރާނެއެވެ. އެމްޓީސީސީއާ މަސައްކަތް ޙަވާލުކުރީ 630 ދުވަހުން މަސައްކަތް ނިންމާ ގޮތަށެވެ.
ރައީސުލްޖުމްހޫރިއްޔާ އިއްޔެ ހަވީރު ނައިފަރަށް ވަޑައިގެން ރޭ ވަނީ އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވައިފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ނައިފަރުގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް އިޢުލާނުކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ނައިފަރުގައި އަޅަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކުރި 300 ހައުސިން ޔުނިޓުގެ އިތުރުން، ބާކީ 100 ޔުނިޓުގެ މަސައްކަތް ވަރަށް އަވަހަށް ބަޔަކާ ހަވާލުކުރާނެ ކަމަށެވެ.
ނައިފަރުން 45 ހެކްޓަރުގެ ބިން ހިއްކާނެކަން އިއުލާނުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ނައިފަރުގެ ބިން ހިއްކަނީ އާބަން ސެންޓަރެއްގެ ގޮތުގައި ސަރުކާރުން އިއުލާނުކޮށްފައިވާތީ ދެމެހެއްޓެނިވި ތަރައްޤީގައި އެރަށް މުހިއްމު ވާތީ ކަމަށެވެ.
ރޭގެ ޖަލްސާގައި ވަނީ ނައިފަރުގައި 1200 މީހުންގެ ޖާގައިގެ ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމުކުރުމަށް އެމްއޭސީއެލްއާ ހަވާލުކުރުމުގެ އިތުރުން ނައިފަރުގެ ކުނި މެނޭޖް ކުރުމުގެ މަސައްކަތް ވެމްކޯއާ ހަވާލުކޮށްފައެވެ. އަދި، ނައިފަރުގައި 30 ޓަނުގެ އައިސްޕްލާންޓެއް ގާއިމުކުރުމާއި މަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ވެސް ވަނީ ޙަވާލުކޮށްފައެވެ.