ENGLISH
28 އޮކްޓޯބަރު 2025
ނައިފަރަށް އުފާވެރި ރެއެއް؛ ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް އިޢުލާނު ކުރައްވައިފި
28 އޮކްޓޯބަރު 2025
|
ނައިފަރުގައި މިރޭ ބޭއްވި ޖަލްސާގެ ތެރެއިން --
ފާދިއްޕޮޅު ނައިފަރުގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދަވަން ނިންމަވާ އެތައް މަޝްރޫޢުއެއްގެ އެއްބަސްވުން ޤާއިމުކޮށްފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު, ފާދިއްޕޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ނައިފަރަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ މިރޭ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވަނީ ނައިފަރުގެ ތަރައްޤީއަށްޓަކައި ގިނަ މަޝްރޫޢުތަކެއްގެ އެއްބަސްވުމުގައި ސޮއިކުރައްވާފަ އެވެ. އަދި މި ދަތުރުފުޅުގެ ތެރެއިން ބައެއް މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތްތައް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.
އެގޮތުން އެ ރަށުގެ އައު ބަނދަރާއި މިހާރު އޮތް ބަނދަރުގެ ކެޕޭސިޓީ އިތުރުކުރުމާއެކު، އަނެއްކާވެސް، މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން އެންމެ ބޮޑު ބަނދަރެއް އޮތް އެއް ރަށަށް ޅ.ނައިފަރު ވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ނައިފަރުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ)ގެ ކެމްޕަހެއް ޤާއިމުކުރުމުގެ އެއްބަސްވުމުގައި މިރޭގެ ޖަލްސާގައި ވަނީ ސޮއިކުރައްވާފަ އެވެ. އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައި.ޔޫ.އެމް)ގެ ކެމްޕަހަކާއި ދަނާލެއް ގާއިމުކުރުމުގެ މަސައްކަތް ދާދިއަވަހަށް ފެށޭނެކަމުގެ ޚަބަރު، ރައީސުލްޖުމްހޫރިއްޔާ ވަނީ ހިއްސާކުރައްވާފަ އެވެ. މީގެ އިތުރުން، 10 ކުލާސްރޫމްއާއި، އެކި ކަހަލަ ލެބްތައް ހިމެނޭ ގޮތަށް ސްކޫލަށް އިތުރުކުރެވޭ ޢިމާރާތުގެ ޢަމަލީ މަސައްކަތް ވެސް މިއަހަރު ތެރޭ ފަށާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމަމިއާއެކު ނައިފަރުގެ އިސްލާމީ މަރުކަޒު ގާއިމުކުރުމުގެ ކަންކަންވެސް ހަމަޖެހިފައިވާކަމަށާއި، މި އަހަރު ތެރޭގައި ޢަމަލީ މަސައްކަތްތައް ފެށޭނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ހޮސްޕިޓަލް އަޕްގްރޭޑްކުރުމުގެ ސްކޯޕް އަދިވެސް އިތުރަށް ފުޅާކުރައްވައި، 50 އެނދުގެ ޒަމާނީ ފެންވަރުގެ ހޮސްޕިޓަލެއް ތަރައްޤީ ކޮށްދެއްވާނެ ކަމަށެވެ. ހަމަ މިއާއެކު އަރބަން ސެންޓަރެއްގައި ލިބެން ހުންނަ ޞިއްޙީ ޚިދުމަތްތައްވެސް ލިބޭނެ އިންތިޒާމު ހަމަޖެހޭނެކަމުގެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވި އެވެ.
މި ދައުރުގެ ތެރޭގައި ޅ. ނައިފަރުގައި 800 ހައުސިންގް ޔުނިޓްގެ މަސައްކަތް ފައްޓަވައިދެއްވާނެ ކަމަށާއި، އޭގެ ތެރެއިން ގިނަ ޔުނިޓްތަކެއް ނިންމަވައިދެއްވާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފަ އެވެ.
އެއީ ރަށުގެ ބިން ހިއްކުމުގެ މަޝްރޫޢު ނިމޭ ހިސާބުން ކުރިއަށްގެންދެވެން ހުރި މަޝްރޫޢު ތަކެއްކަމުގައި ފާހަގަކުރައްވާފައެވެ. ބިން ހިއްކުމުގެ މަޝްރޫޢުގެ ތެރެއިން 45 ހެކްޓަރުގެ ބިން ރަށަށް އިތުރުކުރެވުމަކީ، ތަރައްޤީގެ އައު ޞަފުޙާއެއް އެއްލިގެން ދިއުންކަމުގައިވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ވަޢުދު ވެވަޑައިގަތީ، އެ ވަޢުދުތައް ފުއްދަވައިދެއްވުމުގެ ބޭނުމުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފަ އެވެ.