ENGLISH

27 އޮކްޓޯބަރު 2025

Advertisement

އަޑުއެހުމެއް ތާވަލުކޮށްފައިވަނިކޮށް މާލޭން ބޭރަށް ވަޑައިގަތުމުން ރައީސް ޔާމީނަށް ކޯޓުން މެސެޖެއް

27 އޮކްޓޯބަރު 2025

|

އަޙުމަދު ޙަމީދު

ކުރީގެ ރައީސް ޔާމީން --

ކްރިމިނަލް ކޯޓްގައި އަޑުއެހުމެއް ތާވަލުކޮށްފައިވަނިކޮށް މާލޭން ބޭރަށް ވަޑައިގަތުމުން ކުރީގެ ރައީސް ޔާމީނަށް އެފަދަ އަމަލެއް ތަކުރާރު ނުކުރެއްވުން އެދި ކޯޓުން މެސެޖެއް ފޮނުއްވައިފި އެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާއެއްގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު މެންދުރު ފަހަށް އޮތީ ތާވަލުކޮށްފަ އެވެ. ނަމަވެސް އެމަނިކުފާނު ވަނީ ހއ. ދިއްދޫގައި އޮންނަ ރަސްމިއްޔާތަކަށް ފުރާވަޑައިގެންފަ އެވެ.

ކޯޓުން ބުނީ ހުއްދައަކާ ނުލައި ރަށުން ފުރައިގެން ދިޔުމަކީ ޤާނޫނީ ފިޔަވަޅު އެޅިދާނެ ފަދަ ކަމެއް ކަމަށެވެ.

"ދައުވާ ލިބޭ ފަރާތުން މަގުބޫލު ސަބަބެއް ނެތި ކޯޓަށް ހާޒިރުނުވުމަކީ އަދި މައްސަލަ ތާވަލު ކުރެވިފައި ވަނިކޮށް ކޯޓުގެ ހުއްދަނެތި ކޯޓު ހުރި ރަށުން ފުރައިގެން ދިއުމަކީ، އެ ފަރާތަކާމެދު ޤާނޫނީ ފިޔަވަޅު އެޅިދާނެ އަމަލުތަކެއް،" ކޯޓުގެ މެސެޖުގައި ވެއެވެ.

ކޯޓުން ކަރަންޓް ދިއުމާއި ގުޅިގެން މިއަދު ޝަރީއަތް ގަޑިއަށް ފެށޭ ގޮތެއްވެސް ނުވި އެވެ. އަދި ފަހުން ވަނީ ޝަރީއަތް ކެންސަލް ކޮށްފަ އެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން މިއަދު ބުނީ އެމަނިކުފާނު މާލޭން ބޭރަށް ވަޑައިގެންނެވީ ޝަރީއަތް އޮންލައިންކޮށް ބޭއްވެވުމަށް އެދިވަޑައިގެން ސިޓީއެއް ފޮނުއްވުމަށް ފަހު އެވެ.

ކިޔުންތެރިންގެ ހިޔާލު