ENGLISH

27 އޮކްޓޯބަރު 2025

Advertisement

ހިތްފަސޭހަ ހުޅުމާލެ: ހެޖުތެރެއިން ނަގާ ބިޔަ ގަސްތައް އިންދާނީ ހުޅުމާލޭގެ އެކި ޕާކުތަކުގައި

27 އޮކްޓޯބަރު 2025

|

އަޙުމަދު ޙަމީދު

ހެޖުތެރޭގައި ހުރި ބިޔަ ގަސްތައް ނެގުމުގެ މަސައްކަތް ކުރަނީ --

ހުޅުމާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް، މަގުތައް ސާފުކޮށް، ހެޖުތެރޭގައި ހެދިފައިވާ ބިޔަ ގަސްތައް ނެގުމަށްފަހު، ހުޅުމާލޭގެ އެކި ޕާކުތަކުގައި އިންދަން ނިންމައިފިއެވެ. 

"ހިތްފަސޭހަ ހުޅުމާލެ" ކެމްޕެއިންގެ ދަށުން، ހުޅުމާލޭގެ ދުވާރުމަތީގައި ބަހައްޓާފައިވާ ގޮނޑިއާއި މޭޒުފަދަ ތަކެތި ނަގައި، ރަށުތެރެ ސާފުކުރުމުގެ މަސައްކަތް އެއްޗްޑީސީން އިއްޔެ ވަނީ ފަށާފަ އެވެ. މި ކެމްޕެއިންގެ ދަށުން، ހެޖުތެރޭގައި ހެދިފައިވާ ބިޔަވާ ޒާތުގެ އެކި ގަސްތައް ނެގުމުގެ މަސައްކަތް ފެށީ، ހެޖުތެރޭގައި އެފަދަ ގަސްތައް ހުރުމުގެ ސަބަބުން މަގުތަކަށް ޖަމާވާ ފެން ހިންދުމަށް ދަތިވެ، ހުޅުމާލޭގެ މަގުތަކުގައިފެން ބޮޑުވުމަށް މެދުވެރިވާތީ އެވެ. އަދި އޭގެ އިތުރުން، އެފަދަ ބިޔަ ގަސްތަކުގެ މުލުގެ ސަބަބުން އެ ސަރަހައްދުތަކުގެ މަގުގެ ތާރުވެސް ވަރަށް ބޮޑަށް ވަނީ ހަލާކުވެފަ އެވެ.

އެހެންކަމުން، އެފަދަ ސަރަހައްދުތަކުގައި ހުރި ބިޔަ ގަސްތައް ކަނޑާލުމުގެ ބަދަލުގައި، އެ ގަސްތައް ނަގައި، ހުޅުމާލޭގެ އެކި ޕާކުތަކުގައި އިންދުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ވަނީ ނިންމާފަ އެވެ. އަދި ހުޅުމާލެ ފެހިކުރުމަށް އެ ކޯޕަރޭޝަނުން ކުރާ މަސައްކަތުގެ ތެރެއިން، މިހާރު ކުރިއަށްދާ ސާފުކުރުމުގެ ކެމްޕެއިނަށްފަ ހު، މަގަށް ގެއްލުންނުވާ ޒާތުގެ ކުދި ގަސް ހެޖުތެރޭގައި އިންދުމުގެ ފުރުސަތު އާންމު ރައްޔިތުންނަށް ލިބޭނެ ކަމަށް ވަނީ ބުނެފަ އެވެ.

ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ދަތިވާގޮތަށް ހުޅުމާލޭގެ ދުވާރުމަތީގައި ކެފޭތަކުން ގޮނޑި މޭޒު ބަހައްޓައިގެން ހިދުމަތްދޭތީ އާއި، ދުވާރުމައްޗަށް ބިޔަ ގަސްތަކުގެ މޫ އަރާފައި ހުރުމުގެ ސަބަބުން އެ ކޯޕަރޭޝަނަށް ގިނަ އަދަދަކަށް ޝަކުވާ ލިބޭކަން އެޗްޑީސީން ވަނީ ފާހަގަކޮށްފަ އެވެ.

އެހެންކަމުން "ހިތްފަސޭހަ ހުޅުމާލެ" ކެމްޕެއިންގެ ދަށުން މި ފެށުނު ކެމްޕެއިންގެ މަޤްސަދަކީ ހުޅުމާލެއަކީ ސާފުތާހިރު އަދި ހިތްފަސޭހަ ތަނަކަށް ހެދުން ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު