ENGLISH
08 ނޮވެމްބަރު 2025
ދިވެހި ސިނަމާ ހެއްވާލަން ބާކީ 9 ދުވަސް!
27 އޮކްޓޯބަރު 2025
|
ދިވެހި ފިލްމް އިންޑަސްޓްރީއަށާއި، އޮލިމްޕަސް ސިނަމާއަށް މިއަހަރަކީ ވަރަށް ކާމިޔާބު އަހަރެކެވެ. އެކި ޕްރޮޑަކްޝަންތަކުން ތަފާތު ގިނަ ފިލްމްތަކެއް ބެލުންތެރިންނާއި ހަމަޔަށް ގެނެސްދިން އަހަރަކަށްވާއިރު، މި ފެށޭ ނޮވެމްބަރ 5 ވަނަ ދުވަސް ވެގެންދާނީ އަނެއްކާވެސް އޮލިމްޕްސް ސިނަމާއަށް ތަފާތު ދުވަހަކަށެވެ.
މި އަހަރު އޮލިމްޕަސް ސިނަމާގައި ތަފާތު ގިނަ ފިލްމްތަކެއް އެޅުވިއިރު، މި ފިލްމްތަކަކީ، ލޯބީގެ ނުވަތަ އެކްޝަން ފިލްމްތަކެކެވެ. މި އަހަރު އެންމެ ފުރަތަމަ އަޅުވާ ކޮމެޑީ ފިލްމްކަމަށްވާ "ކޮސްގިނަ މިސްޓޭކް"ގެ ޓިކެޓް މިހާރު ދަނީ ވަރަށް ބާރަށް ވިކެމުންނެވެ. މި ފިލްމަކީ ސެޓާން ސްޓޫޑިއޯ އާއި ޝައި ޕްރޮޑަކަޝަން ގުޅިގެން އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމަކީ ފަހުގެ ތާރީޚެއްގައި އެންމެ ގިނަ މަޝްހޫރު ތަރިންތަކެއް ވެސް ފެނިގެންދާނެ ފިލްމެވެ.
ދިވެހި ފިލްމީ ދާއިރާގައި އެންމެ ކާމިޔާބު ކޮމެޑީ ފިލްމްތައް އުފައްދާ ޕްރޮޑަކްޝަން ހައުސްއަކީ ޝައި ޕްރޮޑަކްޝަން އެވެ. އެގޮތުން އުފައްދާފައިވާ ކާމިޔާބު ފިލްމްތަކަށް ބަލާއިރު "ނޯޓީފޯޓީ" އާއި "ފޯޓީ ޕްލަސް" ހިމެނެއެވެ. ޝައި ޕްރޮޑަކްޝަންގެ ވެރިޔާ އަދި މި ފިލްމުގެ ޕްރޮޑިއުސަރ އިސްމާއިލް ޝަފީޤު ބުނީ "ކޮސްގިނަ މިސްޓޭކް" ވެގެންދާނީ ކުރީގެ ފިލްމްތައްފަދަ ބެލުންތެރިން ކޮސްކޮށްލާ ހެއްވާލާނެ ފިލްމެއް ކަމަށެވެ.
ދިވެހިރާއްޖޭގައި އެންމެ މަގުބޫލު ފިލްމް އުފައްދާ ޕްރޮޑަކްޝަން ހައުސްއަކީ ސެޓާން ސްޓޫޑިއޯ އޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. އެގޮތުން މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ފިލްމު "ކަމަނާ" އަދި މިއަހަރުގެ މިހާތަކަށް އެންމެ ކާމިޔާބު ފިލްމްކަމަށްވާ " ކަނބުލޮ" ފާހަގަކޮށްލެވެއެވެ.
މި ދެ ސްޓޫޑިއޯ ގުޅިގެން ކުރިންވެސް ބެލުންތެރިންނާ ހަމައަށްވަނީ ތަފާތު މޮޅު ފިލްމުތަކެއް ގެނެސްދީފައެވެ.
"ކޮސްގިނަ މިސްޓޭކް" އޮލިމްޕަހުގައި އެޅުވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރ 5 އިން ނޮވެމްބަރ 19 އަށެވެ.
ޓިކެޓް ގަންނަން ބޭނުުންވާ ފަރާތްތަކަށް އޮލިމްޕަސް ޓިކެޓު ކައުންޓަރުން މިހާރު ޓިކެޓް ގަނެވޭނެ އިންތިޒާމްވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން ވައިބަރ ނަންބަރު 7743399 އަށް މެސެޖްކޮށްގެން ވެސް ޓިކެޓް ގަންނަން ލިބޭނެކަމަށް ފިލްމްގެ ޕްރޮޑަކްޝަން ހައުސްއިން ވަނީ ބުނެފައެވެ.
މީގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގަ އާއި، ރިސޯޓްތަކުގައި މި ފިލްމް ސްކްރީން ކުރުމަށް ބޭނުންވާ ފަރާތްތަކުން 7779621 / 9111164 އަށް ވައިބަރ މެދުވެރިކޮށް މެސެޖް ކުރެއްވުމަށް ވެސް ޕްރޮޑަކްޝަން ހައުސްއިން ވަނީ ބުނެފައެވެ.
ޔޫސުފް ޝަފީޢު (ޔޫއްޕެ)ގެ ވާހަކައަކަށް އުފައްދާ މި ފިލްމްގެ ޑައިރެކްޓަރަކީ މަޝްހޫރު އެކްޓަރ އަދި ޑައިރެކްޓަރ ޢަލީ ސީޒަންއެވެ. މިފިލްމް ޝޫޓްކޮށްފައި ވަނީ މިއަހަރު ކުރީކޮޅު މ. މުލަކުގައެވެ.
މި ފިލްމުގައި ފެނިގެންދާ ރާއްޖޭގެ މަޝްހޫރު ހުރިހާ ތަރިންގެ ރޯލު ވެސް އެއްވަރަކަށް ފެނިގެންދާނެެކަމަށް މި ފިލްމުގެ ޑައިރެކްޓަރ ބުންޏެވެ.
މި ފިލްމުގައި ފެނިގެންދާ ތަރިންގެ ތެރޭގައި ، ޔޫސުފް ޝަފީޢު (ޔޫއްޕެ)، ޢަލީ ސީޒަން، އާމިނަތު ރިޝްފާ، މަރިޔަމް ޢައްޒަ، އަހްމަދު ނިމާލް، ޢަލީ ޢާޒިމް (ދޮން އައްޔަ)، ޖުމައްޔިލް ނިމާލް، ފުބޫ، ޝިފާ، ޑޯރާ، އަމަންގެ އިތުރުން ޝާއްކޮ އަންމަޑޭ އާއި ގުލިސްތާނު އަދި ހާމިދު ފަދަ ކުޅަދާނަ ފަންނާނުން ހިމެނެއެވެ.
މި ފިލްމްގެ ކެމެރާމަނަކީ ތަޖުރިބާކާރު އަދި ރާއްޖޭގައި އެފަދަ ދެވަނައެއް ނުވާ ކެމެރާމަން، އިބްރާހިމް ވިސާން (ކަނޑި) އެވެ. އަދި ފިލްމްގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތް ކޮށްފައިވަނީ އަބްދުﷲ މުއާޒް ޕްރޮޑަކްޝަން އާއި، ބްލެކް މީޑިއާގެ އިތުރުން ޔޫއްޕެ ޕްރޮޑަކްޝަން އިންނެވެ.
މުހައްމަދު އަބްދު ޣަނީ (ތޭރަ) ހަދާފައިވާ ޅެންތަކަށް މި ފިލްމުގެ ލަވަތައް ކިޔާފައިވަނީ ތޭރަ، މަރިޔަމް އަޝްފާ، އާއި ޖަލާލްގެ އިތުރުން ފުބޫއެވެ.
އިސްމާއިލް ޝަފީގު ޕްރޮޑިއުސް ކުރާ މި ފިލްމުގެ އެގްޒެކެޓިވް ޕްރޮޑިއުސަރަކީ އަލީ ޝާނިޒް މުހައްމަދުއެވެ.