ENGLISH

27 އޮކްޓޯބަރު 2025

Advertisement

އެއާޕޯޓުން ފައިސާ ފޭރުނު މައްސަލައިގައި ހަތަރު މީހަކު ހައްޔަރުކޮށް، ލޯންޗު ވެސް ހޯދައިފި

27 އޮކްޓޯބަރު 2025

|

ޢަލީ ޝަހީމް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް. ފައިސާތައް ފޭރުނީ އާ ޓާމިނަލަށް ދާ ވޯކްވޭއިން. ފޮޓޯ: ކިޔުންތެރިއެއް

މޫނު ނިވާކޮށްގެން ތިބި ބަޔަކު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލަށް ވަންނަން ދިޔަ ބޭންކެއްގެ މުވައްޒަފުންތަކެއް އަތުން ފައިސާތަކެއް ފޭރިގަތުމަށް ފަހު، ފިލި މައްސަލައިގައި ހަތަރު މީހަކު ހައްޔަރުކޮށް ފައިސާ ހިފައިގެން އެމީހުން ފިލަން މަސައްކަތްކުރި ލޯންޗު ވެސް ހޯދައިފިއެވެ. 

އެއާޕޯޓުގެ އާ ޓާމިނަލަށްދާ ވޯކްވޭއިން ފައިސާތަކެއް ފޭރިގަތް މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅީ މިއަދު ފަތިހު 4:45 ހާއިރެވެ. 

އެ މައްސަލައާ ގުޅޭގޮތުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ވަޒީރު ޢަލީ އިޙްސާން މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މައްސަލައިގައި ތުހުމަތުކުރެވޭ ހަތަރު މީހުން ހައްޔަރުކޮށް އެމީހުން ދުއްވި ލޯންޗު ވެސް ހޯދާފައިވާ ކަމަށެވެ. 

ވަޒީރު އިޙްސާން ވަނީ ވައްކަމުގެ މައްސަލަ އަވަސްކޮށް ތުހުމަތުކުރެވޭ މީހުން ހޯދުމަށް ފުލުހުން ކުރި މަސައްކަތަށް ތަޢުރީފުކުރައްވާފައެވެ. 

ތުހުމަތުކުރެވޭ މީހުން ފިލީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މުވައްޒަފުންތަކެއް ހިފައިގެންދިޔަ ފައިސާތަކެއް ފޭރިގަތުމަށްފަހުއެވެ. ފޭރުނު ފައިސާތަކުގެ އަދަދު ގާތްގަނޑަކަށް 130،000 ޑޮލަރަށް އަރާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ބީއެމްއެލްގެ މުވައްޒަފުންނަށް ބިރުދައްކައިގެން ފައިސާތައް ފޭރިގަތުމަށްފަހު އެމީހުން އެ ފައިސާތައް އެރުވީ ލޯންޗަކަށެވެ. ފުލުހުންގެ ތަޙްޤީގަށް ހޯދީ އެ ލޯންޗެވެ. 

ހައްޔަރުކުރި މީހުންގެ ވަނަވަރު މިހާތަނަށް ފުލުހުން އާއްމުކޮށްފައެއް ނުވެއެވެ. 

ކިޔުންތެރިންގެ ހިޔާލު