ENGLISH

03 ފެބްރުއަރީ 2026

Advertisement

ކުރެންދޫ ސްކޫލުގެ މަލްޓި ޕަރޕަސް ހޯލު ރަސްމީކޮށް ހުޅުވައި، އިތުރު މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ފަށައިފި

27 އޮކްޓޯބަރު 2025

|

ޢަލީ ޝަހީމް

ކުރެންދޫގައި ހުންނަ އަތޮޅު މަދަރުސާގެ މަލްޓި ޕަރޕަސް ހޯލު ހުޅުވުން. ފޮޓޯ: ރައީސް އޮފީސް

ޅ. ކުރެންދޫގައި ހުންނަ އަތޮޅު މަދަރުސާގައި ސަރުކާރުން ތަރައްޤީކުރި މަލްޓި ޕަރޕަސް ހޯލު ރަސްމީކޮށް ހުޅުވައި، ކުރެންދޫގެ ތަރައްޤީއަށް ބޭނުންވާ މުހިއްމު މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ. 

ކުރެންދޫގައި މަޝްރޫޢުތަކުގެ މަސައްކަތް ކުރިއަށްގެންދިޔައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އެރަށަށް ކުރެއްވި ދަތުރުފުޅުގައެވެ. 

ކުރެންދޫ ސްކޫލުގައި ތަރައްޤީކުރި މަލްޓި ޕަރޕަސް ހޯލު ރަސްމީކޮށް ހުޅުއްވައިދެއްވީ ތަޢުލީމާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢުއެވެ. އަލަށް އިމާރާތްކުރި މަލްޓި ޕަރޕަސް ހޯލަކީ އެރަށުގެ ސްކޫލަށް ބޭނުންވެފައިވާ މުހިއްމު ތަނެކެވެ. ކުރެންދޫގައި މަލްޓި ޕަރޕަސް ހޯލުގެ މަސައްކަތް ނިންމައި ރަސްމީކޮށް ހުޅުވިއިރު، ރާއްޖޭގެ ގިނަ ރަށްތަކެއްގައި ސްކޫލް އިމާރާތްތައް ތަރައްޤީކުރުމުގެ މަޝްރޫޢުތައް ސަރުކާރުން ދަނީ ހިންގަމުންނެވެ. 

ކުރެންދޫ ބަނދަރު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ފައްޓަވައިދެއްވަނީ. ފޮޓޯ: ރައީސް އޮފީސް

ކުރެންދޫގައި މިއަދު ޢަމަލީ މަސައްކަތް ފެށީ އެރަށުގެ ބަނދަރު ތަރައްޤީކުރުމާއި ފުލުހުންގެ މަރުކަޒު އިމާރާތްކުރުމާއި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރުސީ) އިމާރާތްކުރުމުގެ މަޝްރޫޢެވެ. 

ބަނދަރު ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އެ މަޝްރޫޢުގެ މަސައްކަތް ކުރެންދޫގައި ކުރަނީ އެމްޓީސީސީންނެވެ. ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢުދީ ބައިވެރިވަޑައިގެންނެވިއެވެ. 

ކުރެންދޫގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅުން. ފޮޓޯ: ރައީސް އޮފީސް

ކުރެންދޫ ފުލުހުންގެ މަރުކަޒާއި ފިޓްނަސް ރެކްރިއޭޝަންގެ މަސައްކަތް ކުރަނީ ފެނަކަ ކޯޕަރޭޝަނުންނެވެ. 

ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ވަޒީރު ޢަލީ އިޙްސާނެވެ. އަދި، ފިޓްނަސް ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. ދެ ރަސްމިއްޔާތުގައި ވެސް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ނަޖާހު ބައިވެރިވެވަޑައިގެންނެވިއެވެ. 

ކުރެންދޫ އެފްއާރުސީގެ ބިންގާ އަޅަނީ. އެރަށުގައި ގިނަ މަޝްރޫޢުތަކެއްގެ ޢަމަލީ މަސައްކަތް ވަނީ ފަށާފަ. ފޮޓޯ: ރައީސް އޮފީސް

ކުރެންދޫ މަލްޓި ޕަރޕަސް ހޯލު ރަސްމީކޮށް ހުޅުވުމާއި، ތަރައްޤީގެ މަސައްކަތްތައް ފެށުމުގެ ރަސްމިއްޔާތުތައް ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. ރަސްމިއްޔާތުތަކުގައި ކުރެންދޫ ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ޝާމިން ހަބީބު ވެސް ބައިވެރިވެވަޑައިގަތެވެ. އަދި، ރަށު ކައުންސިލްގެ ރައީސްގެ އިތުރުން މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެލެއްވިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ޅ. އަތޮޅާއި ކ. އަތޮޅުގެ ބައެއް ރަށްތަކަށް ރަސްމީ ދަތުރުފުޅު ފެއްޓެވީ މިއަދެވެ. މިއަދު އެމަނިކުފާނު ޅ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެއެވެ. އެގޮތުން މިއަދު ވަޑައިގަންނަވާ ރަށްތަކަކީ އޮޅުވެލިފުއްޓާއި ކުރެންދޫގެ އިތުރުން ހިންނަވަރު އަދި ނައިފަރެވެ. 

ކިޔުންތެރިންގެ ހިޔާލު