ENGLISH
03 ފެބްރުއަރީ 2026
މި ހަފުތާ ނިމުމުގެ ކުރިން ބަޖެޓު ހުށަހަޅާނެ، ވައުދުވި ހުރިހާ މަޝްރޫއަކަށް ފައިސާ ހިމަނޭނެ: ރައީސް
27 އޮކްޓޯބަރު 2025
|
އޮޅުވެލިފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވާހަކަދައްކަވަނީ، ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
މި ހަފުތާ ނިމުމުގެ ކުރިން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާނެ ކަމަށާއި، އެ ބަޖެޓުގައި މިހާރު ފަށާފައިވާ ތަރައްގީގެ މަޝްރޫއުތަކާއި ރިޔާސީ އިންތިހާބުގައި ވައުދުވެވަޑައިގެންނެވި މަޝްރޫއުތައް ހިންގުމަށް ބޭނުންވާ ފައިސާ ހިމެނިފައިވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ފާދިއްޕޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށާއި މާލެ އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ޅ.އޮޅުވެލިފުއްޓަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވެފައިވަނީ އެ ރަށުގައި މިއަދު ފެށުނު ތަރައްގީގެ ފަސް މަޝްރޫއާއި، ސޮއިކުރެވުނު ދެ މަޝްރޫއުގެ މަސައްކަތްވެސް ބާރު ދުވެލީގައި ކުރިއަށްގެންދަވައި ނިންމަވައިދެއްވާނެ ކަމަށެވެ.
އަދި ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިން އެ ރަށްރަށުގެ ރައްޔިތުންނަށް އެންމެ ބޮޑުވެފައި ހުރި މައްސަލަތަކަކީ ކޮބައިކަން އެނގިވަޑައިގެން، އެކަންކަމުގެ ފުރިހަމަ މައުލޫމާތު ލިބިވަޑައިގަންނަވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އޮޅުވެލިފުށީގެ ރައްޔިތުންނަަށް މިވަގުތު ކުރިމަތިވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ އެ ރަށުގެ ކަރަންޓުގެ ވިއުގައަށް ކުރިމަތިވެފައިވާ މައްސަލަތައް ކަމުގައެވެ.
އެމަނިކުފާނު ވިދާޅުވެފައިވަނީ އެ މައްސަލައިގެ ސަބަބުން އެ ރަށުގައި ގާއިމުކޮށް ނިމިފައި އޮތް ނަރުދަމާގެ ނިޒާމާއި، ބިނާކޮށްފައިވާ ސިއްހީ މަރުކަޒުގެ އައު އިމާރާތް ބޭނުންނުކުރެވޭކަން އެމަނިކުފާނުގެ ސަމާލުކަމަށް ކައުންސިލާއި ރަށުގެ މުއައްސަސާތަކާ ބައްދަލުކުރެއްވި ބައްދަލުވުމުގައި ގެނެވިފައިވާ ކަމަށެވެ. އަދި ކަރަންޓު ވިއުގައިގެ މައްސަލަ ހައްލުކުރެއްވުމަށް މަސައްކަތްކުރައްވާނެކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ އަންނަ ރަމަޟާން މަސް އައުމުގެ ކުރިން އެ މަސައްކަތް ނިންމަވައިދެއްވާނެ ކަމަަށެވެ.
އެ މައްސަލަ ހައްލުކުރުމަށް ފެނަކައަށް ބޭނުންވާ އެހީތެރިކަން ސަރުކާރުގެ ތެރެއިން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
އެ މަޝްރޫއުގެ އިތުރަށް މަޑުޖެހިފައި އޮތް އެ ރަށުގެ ސްކޫލު އިމާރާތުގެ މަސައްކަތަށް އިޝާރާތްކުރައްވަައި ރައީސް ވިދާޅުވީ އެ މަސައްކަތް ހަވާލުކޮށްފައި އޮތް ކުންފުންޏަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ދީފައިވާ ކަމަށެވެ. އެހެންކަމުން މަސައްކަަތް އިތުރަށް ލަސްވުމަކީ ބަލައިގަނެވޭނެ ގަބޫލުކުރެއްވޭނެ ކަމެއް ނޫންކަމަށް ވިދާޅުވިއެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު އަންނަ ހަފުތާގައި މަޖިލީހަށް ސަރުކާރުން ހުށަހަޅާނެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ ބަޖެޓުގައި މިހާރު ފެށިފައިވާ މަޝްރޫއުތައް ނިންމުމަށާއި، އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުފުޅުތައް ފުއްދުމަށް ބޭނުންވާ ފައިސާ ހިމެނިފައިވާނެ ކަމަށެވެ.
"އަންނަ އަހަރަށް ހުށަހަޅާ ބަޖެޓު ވެގެންދާނީ ރައްޔިތުންނަށް ވީ ވައުދުތަކުގެ ދެން ބާކީ ހުރި މަޝްރޫއުތައް ފެށޭ ބަޖެޓަކަށް. އޭގެ އިތުރު ކަންކަންވެސް ރައްޔިތުންނަށް ހިދުމަތްތައް ދިނުމުގެ ގޮތުން މަގުފަހިވާ ގޮތަށް ބަޖެޓު މި ހުށަހަޅަނީ،" ރައީސް ވިދާޅުވިއެވެ.
ރައީސް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ރިޔާސީ އިންތިހާބުގައި ރަށްރަށުގައި ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް ގިނަ މަޝްރޫއުތަކެއްގެ އަމަލީ މަސައްކަތް އަންނަނީ ފެށެމުންނެވެ. އަދި އައު ގިނަ މަޝްރޫއުތަކެއް ހަވާލުކޮށް ކުންފުނިތަކާއެކު މަޝްރޫއުތައް ހިންގުމުގެ އެއްބަސްވުންތަކުގައި އަންނަނީ ސޮއިކުރަމުންނެވެ.