ENGLISH

03 ފެބްރުއަރީ 2026

Advertisement

ފުލުހުންގެ ފޮރެންސިކް ތަހުގީގުގެ ގާބިލުކަން އިތުރުކުރުމަށް ޔޫއެންއޯޑީސީން ޒަމާނީ އާލާތްތައް ހަދިޔާކޮށްފި

27 އޮކްޓޯބަރު 2025

|

ޢަލީ ޝަހީމް

ޔޫއެންއޯޑީސީއިން ދިވެހި ފުލުހުންގެ ޚިދުމަތަށް ޒަމާނީ ފޮރެންސިކް އާލާތްތައް ހަދިޔާކުރުން. ފޯޓޯ: ޕޮލިސް

ދިވެހި ފުލުހުންގެ ޚިދުމަތުގެ ފޮރެންސިކް އަދި ތަހުގީގީ ގާބިލުކަން އިތުރުކުރުމަށްޓަކައި، ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އިން ޒަމާނީ ފޮރެންސިކް އާލާތް ހަދިޔާކޮށްފިއެވެ.

އެ ތަކެތި ހަދިޔާކުރީ އޮކްޓޫބަރު 25 ވަނަ ދުވަހު އިސްކަންދަރު ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ދިވެހި ފުލުހުންގެ ޚިދުުމަތުގެ ފަރާތުން އެ ތަކެއްޗާ ހަވާލުވެލެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނަވީން ވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ހިންގުމުގެ ގާބިލުކަން އިތުރުކުރުމަށް ޔޫއެންއޯޑީސީއިން ދެމުންގެންދާ އެހީތެރިކަމަށް ޝުކުރުއަދާކުރައްވާފައެވެ. ނަވީން ވިދާޅުވީ، ޒަމާނީ އާލާތްތަކުން މުޅި ރާއްޖޭގައި ފުލުހުންގެ ފޮރެންސިކް އަދި ތަހުގީގީ މަސައްކަތް ވަރަށް ބޮޑަށް ހަރުދަނާވެގެންދާނެ ކަމަށެވެ. 

ރަސްމިއްޔާތުގައި ޔޫއެންއޯޑީސީއިން ފަސް ފްރެޑް ސިސްޓަމާއި، ހަތަރު ރަމާން ސްޕެކްޓްރޮސްކޮޕިކް ޑިވައިސް ހަވާލުކޮށްފައިވެއެވެ. މި އެހީތެރިކަމަކީ، ދިވެހިރާއްޖޭގައި ކަނޑުމަތީގައި ހިންގާ ކުށްތައް ދެނެގަތުމަށްޓަކައި މާލީ އަދި ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ގާބިލުކަން އިތުރުކުރުމަށް ހިންގާ "ސްޓްރެންތެނިންގ ފައިނޭންޝިއަލް އިންވެސްޓިގޭޝަން ކެޕޭބިލިޓީސް އެންޑް ލޯ އެންފޯސްމަންޓް ކެޕޭސިޓީ އޮފް މޯލްޑިވްސް ޓު ކައުންޓަރ މެރިޓައިމް ކްރައިމް" މަޝްރޫއުގެ މުހިންމު ބައެއްކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފައިވެއެވެ. 

އާލާތްތަކުގެ ތެރޭގައި ހިމެނޭ ފްރެޑް ސިސްޓަމްތަކަކީ ޑިޖިޓަލް ހެކި ހޯދުމަށާއި ތަހުލީލުކުރުމަށް ބޭނުންކުރެވޭ އެންމެ ފުރިހަމަ އާލާތްތަކުގެ ތެރެއިން އާލާތްތަކެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ރަމާން ސްޕެކްޓްރޮސްކޮޕިކް ޑިވައިސްތަކަކީ މަސްތުވާތަކެއްޗާއި އެހެނިހެން ނުރައްކާތެރި މާއްދާތައް އަވަހަށް ދެނެގަތުމަށް ބޭނުންކުރެވޭ އާލާތްތަކެއްކަމަށް ފުލުހުން މީޑިއާއާ ހިއްސާކޮށްފައިވާ މަޢުލޫމާތުގައި ބުނެފައިވެއެވެ. 

ފުލުހުންގެ ޚިދުމަތުން ބުނީ، ޒަމާނީ އާލާތްތައް ލިބުމަކީ، ދިވެހިރާއްޖޭގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ގާބިލުކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ މުހިންމު މަރުހަލާއެއް ކަމަށެވެ. 

އެ ޚިދުމަތުގެ ފޮރެންސިކް ތަޙްޤީގަށް އިތުރުވި އާލާތްތަކާއެކު، ފުލުހުންނަށް ޒަމާނީ ގޮންޖެހުންތަކާ ކުރިމަތިލުމަށާއި، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުުރުމަށާއި، ދިވެހި ފުލުހުންނަށް ކުށްތައް ހޯދައި ބަލައި ދިރާސާކުރުމުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބިގެން ދާނެކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު