ENGLISH

03 ފެބްރުއަރީ 2026

Advertisement

އޮޅުވެލިފުއްޓަށް ތަރައްގީގެ އީދެއް؛ ހަތަރު މަޝްރޫއެއްގެ އަމަލީ މަސައްކަތް ފެށިއްޖެ

27 އޮކްޓޯބަރު 2025

|

ޝިފްޒާން އަޙްމަދު

އޮޅުވެލިފުށީގައި އަލަށް ގާއިމުކުރާ ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފީގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް

ޅ. އޮޅުވެލިފުށީގައި ސަރުކާރުން ހިންގަން ނިންމާފައިވާ މުހިއްމު ހަތަރު މަޝްރޫއެއްގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ. 

މި މަޝްރޫއުތައް ފެށިގެންދިޔައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފާދިއްޕޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މިއަދު ޅ. އޮޅުވެލިފުއްޓަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން އެ ރަށުގައި ވަކިވަކިން ބޭއްވި ރަސްމިއްޔާތުތަކުގައެވެ. 

އެގޮތުން އެ ރަށުގައި ފެށުނު މަޝްރޫއުތަކުގެ ތެރޭގައި އޮޅުވެލިފުށީ ބަނދަރުގެ އަމަލީ މަސައްކަތް މިއަދު ފައްޓަވައިދެއްވީ ރައީސް ޑރ. މުއިއްޒު ޝަރަފުވެރިކޮށްދެއްވި ރަސްމިއްޔާތުގައި ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބެވެ. 

އޮޅުވެލިފުށީ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ. މިއަދު އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގައި މިނިސްޓަރު މުއްތަލިބުގެ އަރިހުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ސައުދީ ބައިވެރިވެވަޑައިގެންފައިވެއެވެ. 

ބަނދަރުގެ އިތުރަށް އެ ރަށުގައި އަލަށް ގާއިމުކުރާ ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފީގެ ބިންގާ އަޅައި އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ވެސް މިއަދު ބޭއްވިއެވެ. އެ އިމާރާތުގެ ބިންގާ އަޅުއްވަައިދެއްވީ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އޭނާގެ އަރިހުގައި އެ ދާއިރާގެ މަޖިލިސް މެންބަރާއި އޮޅުވެލިފުށީ ކައުންސިލުގެ ރައީސް އަދި އެ މަޝްރޫއުގެ މަސައްކަތް ކުރިއަށްގެންދާ ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރ ބައިވެރިވެވަޑައިގަތެވެ. 

އޮޅުވެލިފުށީ ބަނދަރުގެ އަމަލީ މަސައްކަތް ވަޒީރު މުއްޠަލިބް ފައްޓަވައިދެއްވަނީ. ފޮޓޯ: ރައީސް އޮފީސް

އޮޅުވެލިފުށީގައި މިއަދު އަމަލީ މަސައްކަތް ފެށުނު ތިންވަނަ މަޝްރޫއަކީ އެ ރަށުގައި ގާއިމުކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެވެ. އެ ސެންޓަރުގެ އަމަަލީ މަސައްކަތް ފައްޓަވައިދެއްވައި އިމާރާތުގެ ބިންގާ އަޅުއްވަައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއެވެ. އޭނާގެ އަރިހުގައި އެ މަޝްރޫއު ކުރިއަށްގެންދަން ހަވާލުކޮށްފައިވަނީ އެމްއޭސީއެލްއާ އެވެ. 

އަދި އާރްސީސީއާ ހަވާލުކޮށްގެން ތަރައްގީކުރާ ކައުންސިލު އިދާރާގެ އިމާރާތްތަކުގެ ތެރޭގައި ހިމެނިގެން އޮޅުވެލިފުށީގައި ތަރައްގީކުރާ އެ ރަށު ކައުންސިލުގެ އައު އިމާރާތުގެ ބިންގާވެސް މިއަދު އަޅުއްވާފައިވެއެވެ. އެކަމަށް ހާއްސަކޮށް ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއުގެ ބިންގާ އަޅުއްވައިދެއްވީ ލޯކަލް ގަވަނެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރެވެ. 

އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދަށުން އޮޅުވެލިފުށީގައި ގާއިމުކުރާ ފުލުހުންގެ މަރުކަޒުގެ އިމާރާތުގެ މަސައްކަތް ވެސް މިއަދު ވަނީ ފެށިފައެވެ. އެ މަސައްކަތް ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާނެވެ. 

ރައީސް އަތޮޅުތަކަށް ކުރައްވަމުންދާ ދަތުރުފުޅުތަކުގެ ތެރެއިން އެކި ރަށްރަށުގައި އެމަނިކުފާނު ހިންގަވަން ވައުދުވެވަޑައިގެންފައިވާ ތަރައްގީގެ ގިނަ މަޝްރޫއުތައް އަންނަނީ ފައްޓަވައިދެއްވަމުންނެވެ. އަދި ބައެއް މަޝްރޫއުތައް ކުންފުނިތަކާ ހަވާލުކޮށް އެއްބަސްވުންތަަކުގައި ސޮއިކުރެއެވެ. 

ކޮންމެ ރަށެއްގެ ރައްޔިތުންނާ ވެސް ވަކިން ބައްދަލުކުރައްވައި، އެ ރަށެއްގަައި ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކާއި، ހިންގަން ރާވާފައިވާ ތަރައްގީގެ މަޝްރޫއުތަކުގެ ތަފުސީލު ރައީސް ގެންދަވަނީ ރައްޔިތުންނާ ހިއްސާކުރައްވަމުންނެވެ. އޭގެ އިތުރަށް މި ދަތުރުފުޅުތަކުގެ ތެރެއިން  ރަށްރަށުގެ ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ އެމަނިކުފާނު ބައްދަލުކުރައްވައި، ރަށްރަށުގެ ރައްޔިތުން ބޭނުންވާ ކަންކަން އޮޅުންފިލުއްވައި، މައްސަލަތައް ހައްލުކުރެއްވުމަށް އަވަސް ފިޔަވަޅުތައް ގެންދަވަަނީ އަޅުއްވަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު