ENGLISH

30 އޮކްޓޯބަރު 2025

Advertisement

ފީފާގެ ރައީސްގެ ޝަރަފުގައި ބޭއްވި ޚާއްޞަ އެގްޒިބިޝަން މެޗުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންފި

24 އޮކްޓޯބަރު 2025

|

މުޙައްމަދު އަދުހަމް

އެފްއޭއެމުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ މެޗުގެ ކުރީން ފީފާގެ ރައީސް އިންފަންޓީނޯ އާއި ރައީސުލްޖުމްހޫރިއްޔާ ސަލާންކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް، ޖިއާނީ އިންފަންޓީނޯގެ ޝަރަފުގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ ކިޑްސް ފުޓްބޯލް ފެސްޓިވަލްގެ ތެރެއިން ކުޅުނު ޚާއްޞަ އެގްޒިބިޝަން މެޗުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ.

މި މެޗުގައި ރައީސުލްޖުމްހޫރިއްޔާގެ ޓީމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި، ބައެއް ވަޒީރުންނާއި ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންވެސް ހިމެނިވަޑައިގަތެވެ. އަދި ފީފާގެ ރައީސްގެ ޓީމުގައި އިޓަލީގެ ކުރީގެ ފުޓުބޯޅަ ކުޅުންތެރިޔާ މާކޯ މަޓަރާޒީގެ އިތުރުން، ދިވެހި ފުޓުބޯޅައިގެ ތާރީޚުގައި ނަންވިދާލި ގިނަ ޢަދަދެއްގެ ކުޅުންތެރިން ހިމެނިވަޑައިގަތެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗުން 6-4 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ، ފީފާގެ ރައީސް އިންފަންޓީނޯގެ ޓީމުންނެވެ.

މިއަދުގެ މެޗު ފެށުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާ އާއި ފީފާގެ ރައީސް ވަނީ، ދިވެހި ފުޓުބޯޅައިގެ ޑައިމަންޑް ޖުބިލީ ލޯގޯ އިފުތިތާޙުކޮށްދެއްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އާއި ފީފާގެ ރައީސް އަދި މެޗުގައި ބައިވެރިވެވަޑައިގެންނެވި މަޝްހޫރު ކުޅުންތެރިން ވަނީ، ކިޑްސް ފުޓްބޯލް ފެސްޓިވަލްގައި ބައިވެރިވާ ޓީމްތަކުގެ ކުދިންނަށް އޮޓޯގްރާފް ދެއްވާފައެވެ.

ފީފާގެ ރައީސް، އިންފަންޓީނޯ އެއްދުވަހަށް ރާއްޖެއަށް ކުރައްވާ މި ޒިޔާރަތަކީ ރާއްޖޭގެ ފުޓްބޯޅަ ދިރުވައި، ކުރިންއޮތް ފޯރި އަލުން ގެނައުމަށް އެފްއޭއެމުން ކުރަމުން އަންނަ މަސައްކަތަށް ހިތްވަރު ދެއްވުމަށް ކުރައްވާ ޒިޔާރަތެކެވެ.

ދިވެހިރާއްޖޭގައި ރަސްމީ ސިފައެއްގައި ފުޓުބޯޅަ މުބާރާތްތައް ބާއްވަން ފަށާފައިވަނީ 1950 ވަނަ އަހަރު އުފެއްދެވި، ކުޅިވަރު މުންތަޡިމްގެ ބެލެނިވެރިކަމުގައެވެ. އަދި 1982 ވަނަ އަހަރު އުފެއްދެވި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް)، އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް އެސޯސިއޭޝަން ފުޓްބޯލް (ފީފާ) ގެ މެންބަރު އެސޯސިއޭޝަނަކަށް ވެފައިވަނީ 1986 ވަނަ އަހަރުގައެވެ.

ދިވެހިރާއްޖޭގައި ކުޅިވަރުގެ ބިނާރު ހަރުދަނާކުރައްވައި، ކުޅިވަރު ކުޅުންތެރިނަށް ފުރުޞަތުތައް ފަހިކުރައްވައި، ހަށިހެޔޮ މުޖުތަމަޢެއް ބިނާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވާ ސިޔާސަތެކެވެ.

ކިޔުންތެރިންގެ ހިޔާލު