ENGLISH
30 އޮކްޓޯބަރު 2025
ފުޓްބޯޅައިގެ އަލިމަސްޔޫބީލް ފާހަގަކުރުމަށް ތައްޔާރުކުރި ލޯގޯ އިފްތިތާހުކޮށްދެއްވައިފި
24 އޮކްޓޯބަރު 2025
|
ފުޓްބޯޅައިގެ އަލިމަސްޔޫބީލް ފާހަގަކުރުމަށް ތައްޔާރުކުރި ލޯގޯ އިފްތިތާހުކޮށްދެއްވުން. --ފޮޓޯ: ރައީސް އޮފީސް
ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ ހަރަކާތްތަކަށް 75 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ބޭނުންކުރާ ލޯގޯ ރަސްމީކޮށް އިފްތިތާހުކޮށްދެއްވައިފިއެވެ.
މި ލޯގޯ އިފްތިތާހުކޮށް، ދައްކާލާފައިވަނީ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް، އަހުމަދު ޠާރިޤުގެ ދަޢުވަތަކަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް، ޖިއާނީ އިންފަންޓީނޯ ރާއްޖެ އަށް ކުރި ޒިޔާރަތުގެ ތެރެއިން މިއަދު ހަވީރު ކުރިއަށްދިޔަ ފުޓްބޯޅައިގެ ޚާއްސަ ފެސްޓިވަލްގެ ތެރެއިންނެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވި މި ފެސްޓިވަލްގައި ލޯގޯ އިފްތިތާހުކޮށްދެއްވީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު އާއި ފީފާގެ ރައީސް އިންފަންޓީނޯ އެވެ.
ލޯގޯ އިފްތިތާހުކޮށްދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި އެފްއޭއެމްގެ ރައީސް، ޠާރިޤު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ދިވެހި ފުޓްބޯޅަ އަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ރޭވިފައިވާ ހަރަކާތްތައް ކުރިއަށްގެންދިއުމުގެ ގޮތުން އެފްއޭއެމުން ވަނީ، "ޑައިމަންޑް ޖުބިލީ ކޮމިޓީ" ގެ ނަމުގައި ކޮމިޓީއެއް އެކުލަވާލައިފައެވެ. މި ކޮމިޓީގެ ޗެއާޕާސަނަކަށް ހަމަޖައްސާފައިވަނީ، ތަޖުރިބާކާރު ކޯޗު، އަލީ ސުޒޭން އެވެ.
ރާއްޖޭގައި ފުޓްބޯޅައިގެ ފެށުން ކަމަށް ބަލަނީ، އެންމެ ފުރަތަމަ ޤައުމީ ފެންވަރުގެ ފުޓްބޯޅަ މުބާރާތެއް ބޭއްވި 1950 ވަނަ އަހަރު ކަމަށެވެ. އެހެންކަމުން، ފުޓްބޯޅަ އަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، 2000 ވަނަ އަހަރު ވަނީ "ގޯލްޑެން ޖުބިލީ" ގެ ނަމުގައި އެ އަހަރު ފޯރިގަދަ ސަރަހައްދީ ފުޓްބޯޅަ މުބާރާތެއް ބާއްވައިފައެވެ.