ENGLISH

30 އޮކްޓޯބަރު 2025

Advertisement

ދިވެހި ފުޓްބޯޅަ ކުރިއަރުވާ ތަރައްޤީކުރުމާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި ފީފާގެ ރައީސް މަޝްވަރާކުރައްވައިފި

24 އޮކްޓޯބަރު 2025

|

އަޙުމަދު ޙަމީދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ބައްދަލުކުރެއްވުން --

ދިވެހި ފުޓްބޯޅަ ކުރިއަރުވާ ތަރައްޤީކުރުމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މަޝްވަރާކުރައްވައިފި އެވެ.

ދެ ބޭފުޅުން މަޝްވަރާ ކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ބައްދަލްކުރެއްވުމުގަ އެވެ. މިއަދު ރާއްޖެ ވަޑައިގެންނެވި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ ދަތުރުފުޅުގެ އެންމެ ޚާއްސަ އެއް ކަމަކީ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރެއްވުމެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނި ގޮތުގައި މި ބައްދަލްކުރެއްވުމުގައި ދިވެހި ފުޓްބޯޅަ ކުރިއަރުވާ ތަރައްޤީކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ. އަދި ރައީސްގެ އެދިވަޑައިގަތުމާ އެއްގޮތަށް ދިވެހި ފުޓްބޯޅަ ތަރައްޤީކޮށް ކުރިއެރުވުމުގައި ފުރިހަމަ އެއްބާރުލުން ފީފާއިން އެފްއޭއެމަށް އަބަދުވެސް އޮންނާނެ ކަމުގެ ޔަޤީންކަން ދެއްވެވި އެވެ.

ރައީސުލްޖްމްހޫރިއްޔާ ވަނީ ސަރުކާރުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިއަހަރާއި އަންނަ އަހަރު، ކުޅިވަރުގެ ދާއިރާ ތަރައްޤީކުރެއްވުމަށް ކުރައްވަމުންގެންދަވާ އުމުރާނީ މަސައްކަތްތަކާއި އެހެނިހެން ކަންކަމުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. މީގެ އިތުރުން މުޅި ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) އާއި އެ ޖަމިއްޔާގެ އިސްވެރިންނަށް، ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އެސޯސިއޭޝަން ފުޓްބޯލް ( ފީފާ ) ގެ ރައީސް ދެއްކެވި ވާހަކަފުޅުގައި މިވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގެ ފުޓްބޯޅައަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން ޤަބޫލުކުރައްވާ ކަމުގައި ވިދާޅުވިއެވެ. ނަމަވެސް މިހާރު އަންނަމުންދާ ކުރިއެރުންތަކާމެދު ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ ކަމަށާއި، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) ގެ މިހާރުގެ އިސްވެރިންގެ މަސައްކަތަށް ތައުރީފުކުރައްވާ، ފީފާއިން ދެމުންދާ އެއްބާރުލުން އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. ރާއްޖޭގެ ޒުވާނުންގެ ފުޓްބޯޅައިގެ ހުނަރު ތަރައްޤީ ކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، މުޅިދުނިޔެއަށް، ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި އެއްވަރަށް ފުޓްބޯޅައިގައި ހޯދާކާމިޔާބީ ވެސް ވިދާލާނެ ކަމުގައި ފީފާގެ ރައީސް ވިދާޅުވިއެވެ.

ދުނިޔޭގެ ފުޓުބޯޅަ ފެޑެރޭޝަން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މިއަދު ރާއްޖެއަށް ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާއަށް ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ވަނީ ކިޔާފަ އެވެ.

އިންފަންޓީނޯ ރާއްޖެއަށް ވަޑައިގަތުމުގެ ކުރިން އެފްއޭއެމްގެ ރައީސް އަހްމަދު ތާރިގުވަނީ ފީފާއިން ދިން ދައުވަތަކަށް އެ ޖަމްއިއްޔާގެ މައި މަރުކަޒަށް ޒިޔާރަތްކުރައްވައި އިންފަންޓީނޯއާ ބައްދަލުކުރައްވާފައެވެ.

މީގެ 19 އަހަރު ކުރިން 2006 ވަނަ އަހަރު ފީފާގެ އެއިރުގެ ރައީސް ސެޕް ބްލެޓާ ސުނާމީގައި ގެއްލުން ލިބުނު ގައުމުތަކަށް ކުރެއްވި ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގެންނެވިފަހުން ފީފާގެ ރައީސަކު ރާއްޖެ ވަޑައިގެންފައިނުވެއެވެ. އެހެންކަަމުން އިންފަންޓީނޯގެ މި ދަތުރުފުޅަކީ ރާއްޖޭގެ ފުޓުބޯޅައަށް ހާއްސަ ދަތުރުފުޅެެކެވެ. 

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ އާއި ފީފާގެ ރައީސް ވަނީ ރާއްޖޭގެ ފުޓްބޯޅަ ތަރައްޤީ ކުރެއްވުމަށް އެއްބާރުލުންދެއްވުމާއި އެފް.އޭ.އެމް ކުރިއެރުވުމަށް ގުޅުން އިތުރަށް ބަދަހިކުރުމަށް ދެބޭފުޅުންވެސް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު