ENGLISH
11 ސެޕްޓެމްބަރު 2025
ގއ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމްކޮށްފި
11 ސެޕްޓެމްބަރު 2025
|
ބޭންކް އޮފް މޯލްޑިވްސްއިން ގއ. ކޮނޑޭއާއި ކަނޑުހުޅުދޫ އަދި ފިޔޯރީގައި އޭޓީއެމްގެ ޚިދުމަތް މިއަދު ފަށައި، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފަސޭހައިން ބޭންކިންގެ ޚިދުމަތްތައް ދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ގއ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ގާއިމްކޮށްފިއެވެ.
ގއ. އަކީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމްކުރި 10 ވަނަ އަތޮޅެވެ.
އޭޓީއެމްގެ ޚިދުމަތް ތައާރަފްކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުތަކުގައި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބު އާއި ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
އަލަށް ގާއިމުކުރި އޭޓީއެމް ސެންޓަރުތަކުން ފައިސާ ނެގުމާއި ޖަމާކުރުން ފަދަ އަސާސީ ބޭންކިންގ ޚިދުމަތްތައް 24 ގަޑިއިރު ލިބޭނެއެވެ. މި މަސައްކަތަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ފަސޭހައިން ވާސިލުވެވޭނެ ބޭންކިންގ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭންކުން ހިންގާ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން ކުރެވުނު މަސައްކަތެކެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، މި އައު އޭޓީއެމް ސެންޓަރުތަކަކީ ކަސްޓަމަރުންނާ ވީހާވެސް ގާތުން ބޭންކިންގ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ ބުރަ މަސައްކަތުގެ ހެއްކެއް ކަމަށެވެ. އަދި މިއަދުން ފެށިގެން ފައިސާ ނެގުމާއި ޖަމާކުރުމަށް ގއ. އަތޮޅުގެ އެއްވެސް ރަށެއްގައި ދިރިއުޅޭ މީހަކު އެހެން ރަށަކަށް ދަތުރުކުރަން ނުޖެހޭނެ ކަމަށާއި އަތޮޅުގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ފަސޭހައިން ވާސިލުވެވޭނެ ބޭންކިންގ ޚިދުމަތެއް މިހާރު ކޮންމެ ރަށަކުންވެސް ލިބޭނެ ކަމަށެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 158 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 217 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.