ENGLISH
18 ސެޕްޓެމްބަރު 2025
އެސްޓީއޯގެ ހޮޓަަލުގެ އަގަކީ 20 މިލިއަން ޑޮލަރު، ބަދަލުގައި ހުޅުމާލޭ ދެވަނަ ފިޔަވަހިން ބިމެއް
04 ސެޕްޓެމްބަރު 2025
|
އެސްޓީއޯ ހޮޓާ، ފޮޓޯ: އެސްޓީއޯ
މީގެ 14 އަހަރު ކުރިން އެސްޓީއޯއިން ހުޅުމާލޭގައި ތަރައްގީކުރަން ފެށި އެ ކުންފުނީގެ ހޮޓާ ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަނާ ހަވާލުކުރުމަށްޓަކައި އެ ތަނުގެ އަގެއްގެ ގޮތުގައި 20 މިލިއަން ޑޮލަރު ކަނޑައަޅައި، ބަދަލުގައި ހުޅުމާލޭ ދެވަނަ ފިޔަވަހިން ބިމެއް ދޭން ނިންމައިފިއެވެ.
2011 ވަނަ އަހަރު އެމެރިކާގެ ކާލްސަން ގުރޫޕާއެކު އެސްޓީއޯއިން މަސައްކަތް ފެށި މި ހޮޓަލަކީ 250 ކޮޓަރީގެ ފަސް ތަރީގެ ހޮޓަލެއްގެ ގޮތުގައި ތަރައްގީކުރުމަށް އެ ކުންފުނިން މަސައްކަތް ކުރި ހޮޓަލެކެވެ. ނަމަވެސް ވަކި ހިސާބަކުން އެ ހޮޓަލުގެ މަސައްކަތް ހުއްޓި، އެތަން ތަރައްގީނުކުރެވި މަޑުޖެހުމާ ގުޅިގެން އެ ހޮޓާ ވިއްކައިލުމަށް އެސްޓީއޯއިން މަސައްކަތްކުރިއެވެ.
ނިމުނު ސަރުކާރުގައިވެސް އެސްޓީއޯގެ ހޮޓާ ވިއްކައިލުމުގެ މަސައްކަތް ކުރެވިފައިވެއެވެ. ނަމަވެސް އެއްވެސް ބަޔަކާއެކު އެކަށީގެންވާ އެއްބަސްވުމަކަށް ނާދެވި ހޮޓާ ވިއްކައިލުމުގެ މަސައްކަތް އޮތީ މަޑުޖެހިފައެވެ.
އެސްޓީއޯ ހޮޓާ މަސައްކަތް ނުކުރެވުމުގެ ސަބަބުން އެ ކުންފުންޏަށް މާލީ ގެއްލުންތަކާ ކުރިމަތިވެފައިވަނިކޮށް އެ ހޮޓާ ދޫކޮށްލަން އެސްޓީއޯއިންވަނީ ނިންމާފައެވެ. އެ ނިންމުމާ ގުޅިގެން އެސްޓީއޯގެ ހޮޓާ އެޗްޑީސީއާ ހަވާލުކުރުމަށް ކުރެވުނު މަޝްވަރާތަކަށްފަހު އެއްބަސްވުމެއްގައި ސޮއިކުރެވުނީ 31 އޯގަސްޓު 2025 ވަނަ ދުވަހުއެވެ.
އެ އެއްބަސްވުމުގެ ދަށުން އެސްޓީއޯ ހޮޓަލުގެ އަގަކީ 20 މިލިއަން ޑޮލަރުގެ ގޮތުގައި ކަނޑައަޅައި، އެ ހޮޓަލުގެ ބަދަލުގައި ހުޅުމާލޭ ދެވަނަ ފިޔަވަހިން ބިމެއް ހަމަޖެއްސުމަށް ނިންމާފައިވެއެވެ. އެ ނިންމުމާ ގުޅިގެން އެސްޓީއޯގެ މާލީ ހިސާބުތަކަށް އަންނަ ބަދަލުތައް މި އަހަރުގެ މާލީ ބަޔާންތަކުގައި ހިމެނޭނެ ކަމުގައި އެސްޓީއޯއިން ބުނެފައިވެއެވެ.
ސަރުކާރުން ނިންމާފައިވަނީ އެސްޓީއޯ ހޮޓަލުގައި މީޑިޔާއަށް ހާއްސަކޮށް، މީޑިޔާ ވިލޭޖެއް ގާއިމުކޮށް މަސައްކަތްކުރާނެ ޖާގަ ނެތުން ފަދަ މައްސަލަތައް ކުރިމަތިވާ މީޑިޔާތަކަށް ބޭނުންވާ ޖާގަ ހެޔޮ އަގުގައި އެތަނުން ފޯރުކޮށްދީ، މީޑިޔާ މަސައްކަތަށް ބޭނުންވާ ވަސީލަތްތައް އެތަނުގައި ގާއިމުކުރުމަށެވެ.