ENGLISH

06 ސެޕްޓެމްބަރު 2025

Advertisement

އެމްޕީއެލްއިން 1،359 ޓީއީޔޫގެ މުދާ ހަފުތާއެއް ތެރޭ ކްލިއާކޮށްފި

04 ސެޕްޓެމްބަރު 2025

|

ޝިފްޒާން އަޙްމަދު

އެމްޕީއެލް ހުޅުމާލޭ ބަނދަރު ސަރަހައްދު، ފޮޓޯ: އެމްޕީއެލް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން އެއް ހަފުތާ ތެރޭ ވިހި ފޫޓުގެ 1،359 ކޮންޓެއިނަރާ އެއްވަރުގެ އަދަދަކަށް މުދާ ކްލިއާކޮށްފައިވާކަން އެ ކުންފުނިން ހާމަކޮށްފިއެވެ. 

އެ ކުންފުނިން ހާމަކޮށްފަައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އޯގަސްޓު މަހުގެ 24 ވަނަ ދުވަހުން ފެށިގެން 30 އޯގަސްޓާ ދެމެދު 20 ފޫޓުގެ 553 ކޮންޓެއިނަރާއި 40 ފޫޓުގެ 403 ކޮންޓެއިނަރު އެ ކުންފުނިން ކްލިއާކޮށްފައިވެއެވެ. އެ ކޮންޓެއިނަރުތަކުގައި ޖުމްލަ 1،359 ޓީއީޔޫގެ މުދާ ހުއްޓެވެ. ޓީއީޔޫގެ މާނައަކީ ވިހި ފޫޓުގެ ކޮންޓެއިނަރަކާ އެއްވަރު ޔުނިޓެކެވެ.

އެ މުއްދަތުގައި ކްލިއާކުރި ޕެރިޝަބަލް މުދާ ނުވަތަ އަވަހަށް ހަލާކުވާ މުދަލުގެ ތެރެއިން އެންމެ ގިނައީ ބިހެވެ. އެގޮތުން 14،540 ބިސް ކޭސް ކްލިއާކުރިއެވެ. އަދި 11،617 ބަސްތާ ފިޔައި އެ މުއްދަތުގައި އެމްޕީއެލްއިން ކްލިއާކޮށްފައިވެއެވެ. 

އޭގެ އިތުރަށް 5،647 ބަސްތާ އަލުއްވާއި، 5،415 ކޭސް ކަރައާއި، 3،672 ކޭސް ޓޮމާޓޯއާއި، 1،819 ކޭސް އަލަނާސިއާއި، 2،157 ކޭސް ކެބެޖާއި، 2،087 ދޮންކެޔޮގަނޑާއި، 806 ކޭސް ބަރަނބޮލާއި، 539 ކޭސް މެލަން ކްލިއާކޮށްފައިވެއެވެ. 

އެމްޕީއެލްއިން އަންނަނީ ކޮންމެ ހަފުތާއަކު އެ ކުންފުނިން ކްލިއާކުރާ މުދަލުގެ ހިސާބުތައް އާއްމުކުރަމުންނެވެ. އަދި މުދާ ކްލިއާ ކުރުމަށް ހޭދަވާ ވަގުތު ކުޑަކޮށް، ހަލުއިކޮށް މުދާ ކްލިއާކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަަތްތަކުގެ ސަބަބުން ކޮންމެ ހަފުތާއަކު ކްލިއާކުރާ މުދާ އަންނަނީ އިތުރުވަމުންނެވެ. 

އިތުރަށް ހިދުމަތް ރަނގަޅުކުރުމަށްޓަކައި އޮންލައިންކޮށް ވެހިކަލް ކިއުއެއް ގާއިމުކޮށް އެ ކިއު މެދުވެރިކޮށް ވެހިކަލް ބަނދަރަށް ވަދެ ނިކުމުގެ ކަންކަން ހަމަޖެއްސުމަށް އެމްޕީއެލްއިން ނިންމާފައިވެއެވެ. އެ ކިއު ލައިވްކުރަން ނިންމާފައިވަނީ މި މަހުގެ 21 ވަނަ ދުވަހުއެވެ. 

ކިޔުންތެރިންގެ ހިޔާލު