ENGLISH

03 ސެޕްޓެމްބަރު 2025

Advertisement

ކެރަމްގެ ތާރީޚުގައި މިހާތަނަށް ބައިވެރިވާނެ އެންމެ ގިނަ އެތުލީޓުންނާއެކު ބާއްވާ ވޯލްޑް ކަޕް ރާއްޖޭގައި

02 ސެޕްޓެމްބަރު 2025

|

މުޙައްމަދު އަދުހަމް

ކެރަމް ވޯލްޑް ކަޕް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ މުބާރާތުގެ ޕޯސްޓަރު ކުޅިވަރު ވަޒީރު، ޢަބްދުﷲ ރާފިޢު (މ) ދައްކާލަނީ. ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސީއޭއެމް) އިން އިސްނަގައިގެން ބާއްވާ ކެރަމް ވޯލްޑް ކަޕް އަންނަ ޑިސެންބަރު މަހަށް ތާވަލްކޮށް، އެ މުބާރާތް އިފްތިތާހުކޮށްފިއެވެ.

މިއީ 2014 ވަނަ އަހަރުގެ ފަހުން ރާއްޖޭގައި ކެރަމް ވޯލްޑް ކަޕް ބާއްވާ ފުރަތަމަ ފަހަރެވެ.

އަންނަ ޑިސެންބަރު މަހުގެ 2 އިން 6 ގެ ނިޔަލަށް ކެރަމް ވޯލްޑް ކަޕް ކުރިއަށްދާނީ ބާސެލޯ ނަސަންދުރައިގައެވެ.

އިއްޔެ މެންދުރުފަހު ހެންވޭރު ބޯޅަގޭގައި ބޭއްވި ރަސްމިއްޔާތުގައި މުބާރާތް އިފްތިތާހުކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ.

ރަސްމިއްޔާތުގައި ކުޅިވަރު ވަޒީރު ރާފިޢު (މ) ވާހަކަ ދައްކަވަނީ. ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

މި ރަސްމިއްޔާތުގައި ވަޒީރު ރާފިޢު ވަނީ، މުބާރާތް އިޢްލާނުކުރުމާއެކު ލޯގޯގެ އިތުރުން ޕޯސްޓަރު ވެސް އިފްތިތާހުކޮށްދެއްވާފައެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ރާފިޢު ވިދާޅުވީ، ރާއްޖެ އަކީ މީގެކުރީން ވެސް ބައިނަލްއަގުވާމީ މުބާރާތްތަކުގައި ފަޚުރުވެރި ރަންވަނަތައް ހާސިލްކޮށްފައިވާ ޤައުމަކަށް ވާތީވެ، އަޅުގަނޑުމެންގެ ޤައުމު މި މުބާރާތުގައި އެންމެ އުހަށް ދިއުމަށް މަގުފަހިކުރުން މުހިއްމު ކަމަށެވެ.

ވަޒީރު ވިދާޅުވީ، މިފަދަ މުބާރާތްތައް ބޭއްވުމުގެ ބޭނުމަކީ، ދިވެހިރާއްޖެ އަކީ ވެސް ކުޅިވަރުގެ މުބާރާތްތައް ހޯސްޓުކުރުމުގައި ޑެސްޓިނޭޝަނެއްގެ ގޮތުގައި ތަޢާރަފްވެ، އެންމެ އުސް ހަރުފަތަށް ދެވިދާނެކަން މުޅި ދުނިޔެއަށް ދެއްކުން ކަމަށެވެ.

"ސްޕޯޓްސް ޓޫރިޒަމް އަކީ އަޅުގަނޑުމެން ކުރިއަރުވަން ވަރަށް ބުރަކޮށް މަސައްކަތްކުރަމުން އަންނަ ކަމަކަށް ވާތީ، އަދި އެކަން އެއް ދުވަހުން އަނެއް ދުވަހަށް އަޅުގަނޑުމެން ފުޅާކުރަމުން ގެންދަންވެސް ބޭނުންވާތީވެ މި މުބާރާތް ރާއްޖޭގައި ހޯސްޓްކުރަން ނިންމީ، " - ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު

ކެރަމް ވޯލްޑް ކަޕް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

މި ފަހަރުގެ ކެރަމް ވޯލްޑް ކަޕްގައި މުޅި ދުނިޔޭގެ އެކި ބައްރުތަކުން 20 އަށް ވުރެ ޤައުމުން ގާތްގަނޑަކަށް 200 އަށްވުރެ ގިނަ އެތުލީޓުން ވާދަކުރާނެ ކަމަށާއި، ކެރަމްގެ ތާރީޚުގައި ވެސް މިހާތަނަށް އެންމެ ގިނަ އަދަދެއްގެ އެތުލީޓުން ބައިވެރިވާ ކެރަމް ވޯލްޑް ކަޕްގެ ގޮތުގައި މި މުބާރާތް ރާއްޖޭގައި ބޭއްވިގެންދިއުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު ފަޚުރެއް ކަމަށް ވެސް ރާފިޢު ވިދާޅުވިއެވެ.

ސަރުކާރުގެ ތެރެއިން މިފަދަ ކަންކަން ފެސިލިޓޭޓް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ދެއްވަވާ އެއްބާރުލުމާއި، އިރުޝާދާއި އަދި އެހީތެރިކަމަށްޓަކައި ވަޒީރު ވަނީ ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ.

ކެރަމް އެސޯސިއޭޝަންގެ ރައީސް، އިބްރާހިމް ރަޝީދު ވިދާޅުވީ، މުބާރާތް އިފްތިތާހުކުރެވިގެންދިއުމާއެކު މުހިއްމު މަސައްކަތްތައް ފެށިގެންދިޔައީ ކަމަށާއި، ރާއްޖޭގައި ބޭއްވޭ މި ކެރަމް ވޯލްޑް ކަޕް ކާމިޔާބު މުބާރާތަކަށް ހަދައި، ޤައުމީ ޓީމަށް ރަން ވަނައެއް ހާސިލްކޮށްދިނުމަށް ހުރިހާ ފަރާތްތަކުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާނެ ކަމަށެވެ.

ކެރަމް އެސޯސިއޭޝަނުން މި މުބާރާތް ބޭއްވުމަށް ނިންމި ހަމައެކަނި މަޤްޞަދަކީ، އެތުލީޓުން ގެނެސް ކެރަމް މުބާރާތެއްގެ ކުޅެލުން އެކަނި ނޫން ކަމަށާއި، ވަޒީރު ފާހަގަކުރެއްވި ގޮތަށް ސްޕޯޓްސް ޓޫރިޒަމް ވަރަށް ބޮޑަށް ތަޢާރަފްކޮށް، އެތުލީޓުންނަށް ރާއްޖޭގެ ރީތިކަން ދައްކާލުމަށް ބޭނުންވާ ކަމަށް ކެރަމް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ، ހުސައިން ރައުޝާން ވިދާޅުވިއެވެ.

ކެރަމް ވޯލްޑް ކަޕް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

މީގެއިތުރުން، މުބާރާތް ބޭއްވުމަށް ގަސްދުކުރި މައިގަނޑު އަނެއް ސަބަބަކީ، މިދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ކެރަމްގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އެކަޑެމީތަކެއް އުފެދިގެން ގާތްގަނޑަކަށް 300 ނުވަތަ 400 ދެމެދުގެ ޖޫނިއާ އެތުލީޓުންތަކެއް ތަމްރީންވަމުން އަންނައިރު، އެ ކުދިންނަށް ސީނިއާ ކުޅުންތެރިން ކުޅޭތަން ފެނި، ކެރަމްގެ މުސްތަގުބަލު އޮތް ގޮތާއި، އިންޓަރނޭޝަނަލް ޕްލެޓްފޯމެއްގައި ވާދަކުރާތަނާއި، އެ ކުޅިވަރުގައި އޮތް ފުރުޞަތުތައް ދައްކާލުމަށް ވެސް ބޭނުންވާތީވެ ކަމަށް ވެސް ރައުޝާން ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ސްޕޯޓްސް ކޮމިޝަނަރު، މުޙައްމަދު ޠަލާލްގެ އިތުރުން ކުޅިވަރު ވުޒާރާގެ އިސްވެރިންނާއި، ކެރަމް އެސޯސިއޭޝަންގެ އިސްވެރިން އަދި ޤައުމީ ކެރަމް ޓީމުގެ ކުޅުންތެރިން ބައިވެރިވެފައިވެއެވެ.

ކެރަމް ވޯލްޑް ކަޕަކީ އިންޓަރނޭޝަނަލް ކެރަމް ފެޑެރޭޝަން (އައިސީއެފް) އިން ބާއްވާ އެންމެ ޝަރަފުވެރި މުބާރާތެވެ. މިއީ ކެރަމް ވޯލްޑް ކަޕްގެ ހަތްވަނަ މުބާރާތެވެ. މިދިޔަ އަހަރު އެމެރިކާގައި ކުރިއަށްދިޔަ ހަވަނަ ވޯލްޑް ކަޕްގައި ރާއްޖޭން ވަނީ އަންހެން އަދި ފިރިހެނުންގެ ޓީމް އިވެންޓުން ބްރޯންޒް މެޑެލް ހާސިލްކޮށްފައިވެއެވެ. އޭގެކުރީން، ރާއްޖޭގައި ބޭއްވި އޭޝިއަން ކެރަމް ޗެމްޕިއަންޝިޕްގައި ވެސް ދިވެހި ޓީމުން ވަނީ ފަޚުރުވެރި ކާމިޔާބީތައް ހާސިލްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު