ENGLISH
03 ސެޕްޓެމްބަރު 2025
ސަސް ރެލިގޭޓްކުރުމުން، ނިއު އަށް ފުރަތަމަ ޑިވިޝަނުގެ ޖާގަ ލިބިއްޖެ
01 ސެޕްޓެމްބަރު 2025
|
ނިއު އަށް ކުޅުންތެރިން ސޮއި ކުރުވުމަށް މިދިޔަ ހަފުތާގައި ބޭއްވި ހަފުލާގެ ތެރެއިން. ފޮޓޯ: މިހާރު
މިފަހަރުގެ ސީޒަނުގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރުމަށް ހަމަޖެހިފައި އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް ކުލަބް (ސަސް)، މި މަހު ފަށަން އޮތް ދިވެހި ޕްރިމިއަރ ލީގުގައި ނުކުޅޭން ނިންމުމުން، އެ ކްލަބު ޖޫރިމަނާކުރުމަށްފަހު ރެލިގޭޓްކުރުމުން، އެ ޖާގައިގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފުރުޞަތު ލިބިއްޖެއެވެ.
ނިއު އަށް ފުރަތަމަ ޑިވިޝަނުން ޖާގަ ލިބިގެންދިޔައީ ހަ އަހަރުގެ މުއްދަތަކަށްފަހު އެވެ. އެއީ، 2019 ވަނަ އަހަރުގެ ޖަނަވަރީ މަހުގައި ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލައިގައި އެފްއޭއެމުން ނިއު ސަސްޕެންޑްކުރުމާ ގުޅިގެންނެވެ. އޭގެފަހުން، ދެވަނަ ޑިވިޝަނުގައި ވާދަކޮށް ނިއު އަށް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވެވޭގޮތެއްނުވިއެވެ.
އެފްއޭއެމުން އިއްޔެ ބޭއްވި އެކްސްކޯ ބައްދަލުވުމުގައި ވަނީ، 2025/2026 ވަނަ އަހަރުގެ ދިވެހި ޕްރިމިއަރ ލީގުގައި ސަސް އިން ވާދަނުކުރަން ނިންމުމާ ގުޅިގެން ލީގުގެ ޤަވާއިދާ އެއްގޮތްވާގޮތުގެ މަތީން، 200،000 (ދެ ލައްކަ) ރުފިޔާ އިން ޖޫރިމަނާކޮށް، އެ ޤަވާއިދުން އެފްއޭއެމަށް ލިބިދޭ ބާރުގެ ދަށުން އެ ކްލަބު މާލޭ ލީގުގެ ކޮލިފިކޭޝަން (3 ވަނަ ޑިވިޝަން) އަށް ރެލިގޭޓްކުރަން ނިންމައިފައެވެ.
އެއީ، 2025/2026 ވަނަ އަހަރުގެ ދިވެހި ޕްރިމިއަރ ލީގުގެ ޤަވާއިދުގެ 2 ވަނަ ނަންބަރާއި އެ ޤަވާއިދުގެ 12.2 ވަނަ ނަންބަރުގައި ބަޔާންކުރާ ހާލަތު (ޕްރިމިއަރ ލީގުގައި ވާދަކުރާ ކްލަބެއް މުބާރާތް ފެށުމުގެ ކުރީން މުބާރާތުން ވަކިވުން) ދިމާވެފައިވާތީވެ، އެ ޤަވާއިދު ބަޔާންކުރާ ގޮތުން މުބާރާތުން ވަކިވާ ކުލަބު ނިސްބަތްވާ ރީޖަނަލް ލީގުގެ ދެން އެންމެ ނަތީޖާ ރަނގަޅު ކުލަބަކަށް ފުރުޞަތު ދިނުމާމެދު އެފްއޭއެމުން ގޮތެއް ނިންމަން ލާޒިމުކޮށްފައިވާތީ ނިންމި ނިންމުމެކެވެ.
އެފްއޭއެމުން ބުނީ، 2023 ވަނަ އަހަރު ފުޓްބޯޅަ ސީޒަނުގެ ދެވަނަ ޑިވިޝަނުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމު ދިވެހި ޕްރިމިއަރ ލީގަށް އެ މުބާރާތުގެ ޤަވާއިދުން ކޮލިފައިވެފައިވާތީވެ، އެ މުބާރާތުގެ ދެން އެންމެ ރަނގަޅު ނަތީޖާ ހޯދާފައިވާ ޓީމުގެ ގޮތުގައި އޮތީ ސެމީ ފައިނަލުގައި ބަލިވި ދެ ޓީމު ކަމަށްވާ، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބު އަދި ޓެންޓް ސްޕޯޓްސް ކުލަބުކަމަށެވެ.
މިއާއެކު، މުޅި މުބާރާތުގައި އެ ދެ ޓީމު ނެރެފައިވާ ނަތީޖާތަކަށް ބިނާކޮށް، އެފްއޭއެމްގެ ކޮމްޕެޓިޝަން ކޮމިޓީއިން، ސްޕޯޓިންގ ކްރައިޓީރިއަށް ބެލުމަށްފަހު ނިންމާފައިވާ ނިންމުމަކީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ފުރުޞަތު ދިނުން ކަމަށްވުމުން އެފްއޭއެމުން ވަނީ އެ ގޮތަށް ފާސްކޮށްފައެވެ.
ނިއު އިން ވަނީ، އެންމެފަހުން ބޭއްވީ އެފްއޭއެމް ލީގު ކަޕްގައި ވާދަކޮށް ރަނގަޅު ކުޅުމެއް ދައްކާފައެވެ. ދުވަސްތަކަކަށްފަހު، ފުޓްބޯޅަ އަށް އެނބުރިއައިސް ފުރަތަމަ ޑިވިޝަނުގެ ވަރުގަދަ ކުލަބުތަކާ ދެކޮޅަށް އެ މުބާރާތުގައި ކުޅުނު މެޗުތަކުގައި އެ ޓީމުން ވަނީ އުއްމީދީ ކުޅުމެއްދައްކައި، ރަނގަޅު ނަތީޖާތަކެއް ހޯދާފައެވެ.
މީގެއިތުރުން، އިއްޔެގެ އެކްސްކޯ ބައްދަލުވުމުގައި ވަނީ، އޭއެފްސީ އޭޝިއަން ކަޕްގެ 17 އަހަރުން ދަށުގެ މުބާރާތުގައި ވާދަކުރާ ފަލަސްޠީނު ޤައުމީ ޓީމާއެކު ދިވެހިރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމުން ދެ މެޗު ކުޅުމަށާއި، ދިވެހިރާއްޖޭގައި ކޭމްޕްކޮށް ތިބުމުގެ އިންތިޒާމް ހަމަޖެއްސުމުގައި ސަރުކާރުގެ އެހީތެރިކަމަށް އެދެން ނިންމައި، އެ ދެ މެޗަށް ސްޕޮންސަރުން ހޯދުމަށް ވެސް ފާސްކޮށްފައެވެ.