ENGLISH

04 ސެޕްޓެމްބަރު 2025

Advertisement

ލަބެރަ ބޮޑީބޯޑިންގ ޗެލެންޖް: މެންސް އޯޕަން ޗެމްޕިއަންކަން އާމިން އަށް

09 އޯގަސްޓު 2025

|

މުޙައްމަދު އަދުހަމް

މުބާރާތުގެ މެންސް އޯޕަންގެ ވަނަތަކަށް ހޮވުނު އެތުލީޓުން. ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

މޯލްޑިވްސް ބޮޑީބޯޑިންގ އެސޯސިއޭޝަން (އެމްބީބީއޭ) އިން އިންތިޒާމްކޮށްގެން ބޭއްވީ ޤައުމީ ބޮޑީބޯޑިންގ ލީގުގެ ދެވަނަ މުބާރާތް ކަމަށްވާ، "ލަބެރަ ބޮޑީބޯޑިންގ ޗެލެންޖް 2025" ގެ މެންސް އޯޕަން ޗެމްޕިއަންކަން ޒުވާން ބޮޑީބޯޑަރު، އާމިން އުމަރު މޫސާ ހޯދައިފިއެވެ.

މިއީ މި ފަހަރުގެ ސީޒަނުގައި އޭނާ ކާމިޔާބުކުރި ދެވަނަ މުބާރާތެވެ. މީގެކުރީން، ބޭއްވީ "ބުރުނު ޝިކާރު ބޮޑީބޯޑިންގ ޗެލެންޖް 2025" ގެ މެންސް އޯޕަންހެ ޗެމްޕިއަންކަން ހޯދީ ވެސް އާމިން އެވެ.

މާބޮޑު ވާދަވެރިކަމެއް ނުފެނުނު މުބާރާތުގެ ފައިނަލުގައި އާމިން ވަނީ އަލީ ޚުޝްރުވާން އަހުމަދު (އައްޔަ) ބަލިކޮށްފައެވެ.

މުބާރާތުގެ ފައިނަލް ހީޓުން އާމިން ކާމިޔާބު ހޯދީ 13.17 ގެ ސްކޯއެއް ހޯދައިގެންނެވެ. ކުޑަ އައްޔަ އަށް ސްކޯ ކުރެވުނީ 8.60 އެވެ.

މުބާރާތުގެ ޖޫނިއާ ބައިގެ ވަނަތަކަށް ހޮވުނު އެތުލީޓުން. ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

ފައިނަލް ހީޓުގައި އާމިން ހަތް ރާޅުގައި އެޅިއިރު، އޭގެތެރެއިން އެންމެ މަތިން ސްކޯކުރީ އެއްވަނަ އަދި ފަސްވަނަ ރާޅުގައެވެ. ފުރަތަމަ ރާޅުގައި 6.00 ސްކޯކުރިއިރު، ފަސްވަނަ ރާޅުގައި ވަނީ 7.17 ގެ ސްކޯއެއް ކޮށްފައެވެ.

މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަން، ކުޑަ އައްޔަ މުޅިއެކު އަށް ރާޅުގައި އެޅިއިރު، އޭނާ އެންމެ މަތިން ސްކޯކުރީ ދޭއް އަދި ހަވަނަ ރާޅުގައެވެ. ދެވަނަ ރާޅުގައި 4.50 ސްކޯކުރިއިރު، ހަވަނަ ރާޅުގައި ވަނީ 4.10 ގެ ސްކޯއެއް ކޮށްފައެވެ.

ޖޫނިއާ މެންސް ބައިގެ ޗެމްޕިއަންކަން މިދިޔަ އަހަރުވެސް އެ މުބާރާތް ކާމިޔާބުކުރި މުޙައްމަދު އަޒާން އަހުމަދު ވަނީ ދިފާއުކޮށްފައެވެ. އޭނާ ވަނީ ފައިނަލް ހީޓުގައި 13.17 ސްކޯ ކޮށްފައެވެ. ދެވަނަ އަށް ދިޔަ އިޔާން އަހުމަދުގެ ސްކޯ އަކީ 6.33 އެވެ.

މުބާރާތުގެ ޑްރޮޕްނީ ކެޓަގަރީގެ ވަނަތައް ހޯދީ އެތުލީޓުން. ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރުގެ ޑްރޮޕްނީ ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ ވެސް ކުޑަ އައްޔަ އެވެ. އޭނާ ވަނީ ފައިނަލުގައި އާމިން ބަލިކޮށްފައެވެ. މި އިވެންޓްގެ ފައިނަލް ހީޓުގައި ކުޑަ އައްޔަ ވަނީ 9.50 ސްކޯ ކޮށްފައެވެ. އާމިން އަށް ސްކޯ ކުރެވުނީ 6.16 އެވެ.

މާލޭ ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި ކުރިއަށްދިޔަ މުބާރާތުގައި ހުރިހާ އިވެންޓަކުން މުޅިއެކު 20 އެތުލީޓުން ވަނީ ބައިވެރިވެފައެވެ.

މިއީ މި މުބާރާތް ބޭއްވީ ހަތަރުވަނަ ފަހަރެވެ. އެމްބީބީއޭ އިން މި އަހަރު އެންމެ ފުރަތަމަ ނެރުނު ކަލަންޑަރުގައި ލަބެރަ ނެތެވެ. ލަބެރަ މުބާރާތް ބާއްވާ ގޮތަށް ނިންމާފައިވަނީ، އޭރު ކަލަންޑަރުގައި ހިމަނާފައި އޮތް ފުވައްމުލަކު ބޮޑީބޯޑިންގ ޗެލެންޖްގެ ބަދަލުގައެވެ.

ކިޔުންތެރިންގެ ހިޔާލު