ENGLISH

04 ސެޕްޓެމްބަރު 2025

Advertisement

އެމްޕީ ޝަރީ ކަޕް 2025: ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އަންގަބޫލަބަލް ހޯދައިފި

06 އޯގަސްޓު 2025

|

މުޙައްމަދު އަދުހަމް

މުބާރާތުގެ ޗެމްޕިއަން ޓީމަށް ވަޒީރު ރާފިޢު ޓްރޮފީ ހަވާލުކޮށްދެއްވަނީ.

ކެލާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަބްދުﷲ ޝަރީފް އިސްވެ އެ ދާއިރާގައި ހިމެނޭ ރަށްތަކަށް ޚާއްޞަކޮށް ބާއްވާ، "އެމްޕީ ޝަރީ ކަޕް 2025" ގެ ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އަންގަބޫލަބަލް ހޯދައިފިއެވެ.

ފިއްލަދޫ ގްރައުންޑްގައި ރޭ ކުޅުނު ފައިނަލް މެޗުގައި އަންގަބޫލަބަލް ވަނީ ފަހަތުން އަރައި 8-6 އިން ގޫޕްސް ސްޕޯޓްސް ކްލަބް ބަލިކޮށްފައެވެ. 

ވިއްސާރައިގެ ސަބަބުން ފަސްކުރަންޖެހުނު މި މެޗުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، އަންގަބޫލަބަލް ޓީމުން ކާމިޔާބުކުރި އަށް ލަނޑުގެ ތެރެއިން އެ ޓީމުގެ ހަލީމަތު ހަސްނާ ވަނީ ފަސް ލަނޑު ކާމިޔާބުކޮށްފައެވެ. ކުއީން އޮފް ދަ މެޗަށް ހޮވުނީ ވެސް އޭނާ އެވެ.

މެޗުގައި އަންގަބޫލަބަލް ޓީމުން ޖެހި އަނެއް ތިން ލަނޑު ކާމިޔާބުކޮށްދިނީ އާމިނަތު ޝާހާ ހަސަން ދެ ގޯލާއި، މަރިޔަމް ނޫރާ ގޯލެކެވެ. މި މެޗުގައި ގޫޕްސް ޓީމުން ޖެހި ލަނޑުތަކުގެ ތެރެއިން އެ ޓީމުގެ އައިޝަތު ލީން މުޙައްމަދު ވިޖާން ދެ ގޯލްޖެހިއެވެ. ގޫޕްސް ޓީމުގެ އަނެއް ލަނޑުތައް ކާމިޔާބުކުރީ އައިޝަތު ޝާއިނާ ދެ ގޯލާއި، ރައުނާ ރަޝީދު ގޯލެކެވެ.

މުބާރާތުގެ ފައިނަލް މެޗުގެ ތެރެއިން. 

މުބާރާތުގެ ފައިނަލް މެޗަށް ފަހު ވަނަތަކަށް ހޮވުނު ކުޅުންތެރިންނާއި ޗެމްޕިއަން ޓީމަށް ހަނދާނީ ލިޔުމާއި، މެޑެއްޔާއި ޓްރޮފީ ދީފައިވާއިރު، އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ.

މި މަގާމުތަކަށް ހޮވުނު ފަރާތްތަކަށް އިނާމާއި ހަނދާނި ލިޔުން އަދި މެޑެލް ހަވާލުކޮށްދެއްވީ ކުޅިވަރު ވަޒީރު ރާފިޢުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީރު ޢަބްދުﷲ ނާޞިރު އާއި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެފްއޭއެމްގެ ސީނިއާ ނައިބު ރައީސް އަލީ އިބްރާހިމް (ކައްޕި) އެވެ. މީގެއިތުރުން، ރާއްޖޭގެ ނެޓްބޯޅަ އާއި ބާސްކެޓްބޯޅައިގައި ފާހަގަކޮށްލެވުނު އައިމިނަތު ޝިއުރާ ވެސް ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެފައެވެ.

މި މުބާރާތަކީ، ކެލާ ދާއިރާގައި ހިމެނޭ ތިން ރަށް ކަމަށްވާ، ކެލާ އާއި ވަށަފަރު އަދި ފިއްލަދޫ އަށް ނިސްބަތްވާ އަންހެން ބޭފުޅުންނަށް ޚާއްޞަކޮށް ކުރިއަށްގެންދިޔަ ހޭންޑްބޯޅަ މުބާރާތެކެވެ.

ރޭގެ ރަސްމިއްޔާތުގައި މުޅި މުބާރާތުގެ އެއްވަނަ ޓީމު ކަމަށްވާ، އަންގަބޫލަބަލް ޓީމަށް 50،000ރ. ގެ އަގުހުރި ފައިސާގެ އިނާމު ވަނީ ހަވާލުކޮށްދެއްވާފައެވެ. އަދި، ރަނަރަޕް މަގާމަށް ހޮވުނު ގޫޕްސް ޓީމަށް 20،000ރ. ގެ ފައިސާގެ އިނާމު ވަނީ ހަވާލުކޮށްދެއްވާފައެވެ.

މުބާރާތުގެ ވަނަތަކަށް ހޮވުނު ފަރާތްތައް:

އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާ: އައިޝަތު ޝާއިނާ (ގޫޕްސް ސްޕޯޓްސް ކްލަބް)

އެންމެ އުއްމީދީ ކުޅުންތެރިޔާ: ފާތިމަތު ޒާރާ ޝަހީމް (ކެލާ ޔޫތު ފޯރަމް)

އެންމެ މޮޅު ކޯޗު: މުޙައްމަދު ޖައުފަރު (އަންގަބޫލަބަލް)

ފެއާޕްލޭ ޓީމު: ކެލާ ޔޫތު ފޯރަމް

އެންމެ މޮޅު ހަތް ކުޅުންތެރިން: ހަލީމަތު ހަސްނާ (އަންގަބޫލަބަލް)، އައިޝަތު ޝާއިނާ (ގޫޕްސް ސްޕޯޓްސް ކްލަބް)، އައިޝަތު ލީން މުޙައްމަދު ވިިޖާން (ގޫޕްސް ސްޕޯޓްސް ކްލަބް)، ފާތިމަތު ލިއުޝާ (އަންގަބޫލަބަލް)، ފާތިމަތު ސާރަތު (ކެލާ ޔޫތު ފޯރަމް)، އައިޝަތު ނުހާ (އަންގަބޫލަބަލް)، ޔައުލަތު މުޙައްމަދު (ގޫޕްސް ސްޕޯޓްސް ކްލަބް).

ކިޔުންތެރިންގެ ހިޔާލު