ENGLISH
04 ސެޕްޓެމްބަރު 2025
"ލަބެރަ ބޮޑީބޯޑިންގ ޗެލެންޖް 2025" ގައި ބައިވެރިވާން ހުޅުވާލައިފި
19 ޖުލައި 2025
|
މީގެކުރީން ބޭއްވީ ބޮޑީބޯޑިންގ މުބާރާތެއްގެ ތެރެއިން. --ފޮޓޯ: އެމްބީބީއޭ
މޯލްޑިވްސް ބޮޑީބޯޑިންގ އެސޯސިއޭޝަން (އެމްބީބީއޭ) އިން އިންތިޒާމްކޮށްގެން ބާއްވާ، "ލަބެރަ ބޮޑީބޯޑިންގ ޗެލެންޖް 2025" ގައި ބައިވެރިވާން ހުޅުވާލައިފިއެވެ.
އެމްބީބީއޭ އިން މި އަހަރު އެންމެ ފުރަތަމަ ނެރުނު ކަލަންޑަރުގައި ލަބެރަ ނެތެވެ. ލަބޭރާ މުބާރާތް ބާއްވާ ގޮތަށް ނިންމާފައިވަނީ، އޭރު ކަލަންޑަރުގައި ހިމަނާފައި އޮތް ފުވައްމުލަކު ބޮޑީބޯޑިންގ ޗެލެންޖްގެ ބަދަލުގައެވެ. މިއީ ލަބެރަ ސިރީޒް ކުރިއަށްގެންދާ ހަތަރުވަނަ ފަހަރެވެ.
އަންނަ އޮގަސްޓް މަހުގެ 5 އިން 8 ގެ ނިޔަލަށް މާލޭ ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ހިމެނެނީ ތިން ކެޓަގަރީއެކެވެ. އެއީ، މެންސް އޯޕަން އިވެންޓްގެ އިތުރުން ޑްރޮޕް-ނީ އާއި ޖޫނިއާ މެންސް އިވެންޓެވެ.
އެމްބީބީއޭ އިން ބުނީ، ލަބެރަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މި މަހުގެ 18 އިން ޖުލައި 26 ގެ މެންދުރު 12:00އާ ހަމައަށް ހުޅުވާލައިފައިވާ ކަމަށެވެ.
އެމްބީބީއޭ އިން ބޭއްވީ ލަބެރަގެ އެންމެ ފަހުގެ ޗެމްޕިއަންކަން އަލީ ޚުޝްރުވާން އަހުމަދު (ކުޑަ އައްޔަ) ހޯދިއިރު، ޑްރޮޕް-ނީ ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ ވެސް އޭނާ އެވެ. އަދި ޖޫނިއާ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ މުހައްމަދު އަޒާން އަހުމަދު އެވެ.