ENGLISH
07 ޖުލައި 2025
ޤައުމީ ވޮލީ ލީގު: ހުރާ ޓީމާއި ސިފައިންނަށް ދެވަނަ މޮޅު
07 ޖުލައި 2025
|
ޕޮލިހާ ދެކޮޅަށް ސިފައިން ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: ވީއޭއެމް
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމްކޮށްގެން ބާއްވާ، ޤައުމީ ވޮލީބޯލް ލީގުގައި އެންމެ ފަހުން ކުޅުނު މެޗުތަކުން ހުރާ ކޮމިއުނިޓީ ކްލަބާއި ދިވެހި ސިފައިންގެ ކްލަބް މޮޅުވެއްޖެއެވެ.
މިއީ މި ދެ ޓީމުން ވެސް މުބާރާތުގައި މޮޅުވި ދެވަނަ ފަހަރެވެ. ހުރާ ޓީމު ވަނީ، ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމު ބަލިވީ ސިފައިން އަތުންނެވެ. ސިފައިން ވަނީ ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށްފައެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުޅުނު މެޗުގައި ހުރާ ޓީމު ވަނީ 3-1 ސެޓުން އެންމެ ފަހުގެ ލީގު ޗެމްޕިއަން، ކްލަބް އެޗްޑީސީ ބަލިކޮށްފައެވެ.
މި މެޗުގެ ފުރަތަމަ ސެޓު 25-19 އިން ހުރާ ޓީމު ކުރިހޯދާފައިވަނިކޮށް، ދެވަނަ ސެޓުގައި އެޗްޑީސީ އިން ވަނީ 25-22 އިން ކުރިހޯދާފައެވެ. އެކަމަކު، އޭގެފަހުން ދެން ކުޅުނު ދެ ސެޓުން ހުރާ ޓީމު ވަނީ ކުރިހޯދާފައެވެ. އެ ޓީމުން މި ދެ ސެޓު ކާމިޔާބުކުރީ 25-22 އަދި 25-21 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހުރާ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ، މައިކަލް އެވެ.
މުބާރާތުގައި ވާދަކުރާ ހުރާ ޓީމު. --ފޮޓޯ: ވީއޭއެމް
މިއީ މި ފަހަރުގެ މުބާރާތުގައި އެޗްޑީސީ ބަލިވި ދެވަނަ މެޗެވެ. މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން އެ ޓީމު މޮޅުވެފައެއްނުވެއެވެ.
މި މުބާރާތުގައި ކުޅުނު އަނެއް މެޗުގައި ޕޮލިސް ކްލަބް އަތުން ސިފައިން މޮޅުވީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ސިފައިން ކާމިޔާބުކުރީ 25-18، 25-22، އަދި 25-14 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ދިވެހި ސިފައިންގެ ކްލަބުގެ ބިދޭސީ ކުޅުންތެރިޔާ، ލުއިޒް އެވެ.
މި މުބާރާތުގައި ދެން މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހު އެވެ. އެ ދުވަހުގެ ފުރަތަމަ މެޗުގައި އެޗްޑީސީ ނުކުންނާނީ ޕޮލިހާ ދެކޮޅަށެވެ. އަނެއް މެޗުގައި ސިފައިން ނުކުންނާނީ ދަޑިމަގު ޓީމާ ދެކޮޅަށެވެ.