ENGLISH

06 ޖުލައި 2025

Advertisement

ހުރިހާ ކްލަބެއްގެ ތާއީދާއެކު ތާރިޤު ރައީސް ކަމަށް ކެންޑިޑެސީ ހުށަހަޅައިފި

06 ޖުލައި 2025

|

މުޙައްމަދު އަދުހަމް

އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރައްވަން އަހުމަދު ތާރިޤް (ކ) ކެންޑިޑެސީ ހުށަހެޅުން. ފޮޓޯ: ފޭސްބުކް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ހުރިހާ މެމްބަރު ކްލަބެއްގެ ތާއީދާއެކު، ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަދި ޤައުމީ ޓީމުގެ ކުރީގެ ފޯވާޑް، އަހުމަދު ތާރިޤު (ޓޮމް) ރައީސްގެ މަގާމަށް ކެންޑިޑެސީ ހުށަހަޅައިފިއެވެ.

މި މަހުގެ 26 ވަނަ ދުވަހު ބާއްވަން ތާވަލްކޮށްފައިވާ އެފްއޭއެމް އިންތިހާބުގައި ވާދަކުރުމަށް ތޯރިގުގެ ކެންޑިޑެސީ މިއަދު ހުށަހެޅީ އެފްއޭއެމްގެ ފުލް މެންބަރުންގެ ގޮތުގައި ހިމެނޭ 23 ކްލަބުގެ ފުރިހަމަ ތާއީދާއެކު އެވެ. އެއީ، ފުރަތަމަ ޑިވިޝަނުގައި އޮންނަ 10 ކްލަބާއި، ދެވަނަ ޑިވިޝަނުގައި ހިމެނޭ 13 ކްލަބެވެ.

ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ރީޖަނަލް އެސޯސިއޭޝަން ހަދައި، އެ ރީޖަންތަކުން އެފްއޭއެމްގެ ކަންކަމުގައި ބަސްކިޔުމުގެ ފުރުޞަތު ހޯދައިދިނުމުގެ ވަޢުދާއެކު ކުރީން ވެސް ރައީސްކަން ކޮށްފައިވާ، ތާރިޤުގެ ކެންޑިޑެސީ ހުށަހެޅިއިރު، އެކްސްކޯގެ މެންބަރުންގެ ގޮތުގައި ވަނީ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ހިމެނޭ ގޮތަށް ފަސް ކްލަބަކަށް ފުރުޞަތުދީފައެވެ.

ތާރިޤުގެ ޓީމުގައި ހިމެނޭ ފަރާތްތަކަށް ބަލާއިރު، ސީނިއާ ނައިބު ރައީސްގެ ގޮތުގައި، ހެންވޭރު ހުޅަނގު ދާއިރާގެ އިއްޒަތްތެރި މެންބަރު، އަދި ނިއުގެ ވައިސް ޗެއާމަން، އަލީ އިބްރާހިމް (ކައްޕި)ގެ އިތުރުން ނައިބު ރައީސުންގެ ގޮތުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ސީއީއޯ، ހުސައިން ޝާފިއު (ކޮކީ) އާއި ނިއުގެ ބޯޑް މެންބަރު އަދި ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރު، މުޖުތަބާ ޖަލީލް ހިމެނެއެވެ.

އެންމެ ފަހުން ބޭއްވީ އެފްއޭއެމްގެ ކޮންގްރެސްގެ ތެރެއިން. ފޮޓޯ: އިމޭޖަސް.އެމްވީ

ތާރިޤުގެ ޓީމުގައި އެކްސްކޯ މެންބަރުންގެ ގޮތުގައި ހިމެނެނީ؛ ޤައުމީ ޓީމަށް ކުރީން ތާރިޤާއެކު ކުޅުނު، ގޯލްކީޕަރު، އިމްރާން މުޙައްމަދު އާއި މުޙައްމަދު އުމެއިރު، ޓީސީ ސްޕޯޓްސް ކްލަބުގެ އަހުމަދު އައްބާސް، އޮޑި ސްޕޯޓްސް ކްލަބުގެ ޢަބްދުﷲ ނާސިހު އަދި ބީޖީ ސްޕޯޓްސްގެ އަލީ ރިޒްވާން އެވެ. މީގެއިތުރުން، އަންހެން މެންބަރުންގެ ގޮތުގައި ހައްވާ ނަސްރާ ސައީދު އާއި ހައްވާ ރަޝީދާ ހިމެނެއެވެ.

މީގެ ކުރިން، 2016 ވަނަ އަހަރު ގާތްގަނޑަކަށް ހަތަރު ވަރަކަށް މަސް ދުވަހު އެފްއޭއެމްގެ ރައީސްކަން ކުރެއްވި ތާރިޤު ވަނީ މި ފަހުން އެފްއޭއެމް އިން ބާއްވަން މަސައްކަތްކުރި ދެ އިންތިހާބުގައި ވެސް ވާދަކުރައްވަން ކެންޑިޑެސީ ހުށަހަޅައިފަ އެވެ. އެކަމަކު، މި ފަހަރު ތަފާތަކީ، އެފްއޭއެމްގެ މެމްބަރު ހުރިހާ ކްލަބެއްގެ ތާއީދު އޭނާ އަށް ލިބިފައިވުމެވެ.

ތާރިޤު އަތުން ކުރިން ފަހަރު އެފްއޭއެމްގެ ރައީސްކަން ގެއްލުނީ، 2016 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި، އޭރުގެ އެކްސްކޯގެ ފަސް މެންބަރުން އިސްތިއުފާދިނުމާ ގުޅިގެން އަސާސީ ޤަވާއިދުގައި ބުނާ ގޮތަށް އިންތިހާބެއް ބާއްވަން ޖެހުމުންނެވެ. އެއަށްފަހު، ދެން ބޭއްވި އިންތިހާބުގައި ތާރިޤާ ވާދަކުރައްވައި، ކާމިޔާބުކުރީ، މިދިޔަ ދެ ދައުރު ރައީސްކަންކުރި ބައްސާމް އަދީލް ޖަލީލް އެވެ.

އެހެންނަމަވެސް، އެންމެ ފަހުން ބޭއްވީ، އެފްއޭއެމްގެ އާއްމު ކޮންގްރެސްގައި ފާސްކުރި އައު އަސާސީ ޤަޥާއިދުގައިވާ ގޮތުން، ކުރިއަށް މިއޮތް އިންތިހާބުގައި ވާދަކުރުމުގެ ފުރުޞަތު ކުރީގެ ރައީސް ބައްސާމް އަށް ވަނީ ބަންދުވެފައެވެ.

އެންމެ ފަހުން ބޭއްވި އެފްއޭއެމްގެ ކޮންގްރެސްގެ ތެރެއިން. ފޮޓޯ: އިމޭޖަސް.އެމްވީ

އެފްއޭއެމް އިން މިދިޔަ ޖޫން މަހު ގެޒެޓްގައި ޢާއްމުކޮށްފައިވާ އިޢްލާނުގައިވާގޮތުން، ކެނޑިޑޭޓުންގެ ޝަރުތުތަކުގެ ތެރޭގައި ނަޒާހަތްތެރިކަމާ ގުޅުންހުރި އެއްވެސް މައްސަލައެއްގައި ފީފާ އިން ފިޔަވަޅު އަޅާފައިވާ މީހަކަށް ނުވުމާއި، ކުރިމަތިލާ ކެނޑިޑޭޓެއްގެ މަދަނީ އަދި ޖިނާއީ ދައުވާއެއް އުފުލާފައިވާ މީހަކަށް ވެގެން ނުވާނެ އެވެ.

އެހެންކަމުން، މި ދެ ޝަރުތުންކުރެ އެއްވެސް ޝަރުތެއް ބައްސާމްގެ ފުރިހަމަނުވާތީ، ކުރިއަށް އޮތް އެފްއޭއެމްގެ އިންތިޚާބުގައި އޭނާ އަށް ވާދަކުރުމުގެ ފުރުޞަތެއް ނެތެވެ.

ނޯމަލައިޒޭޝަން ކޮމިޓީގެ ބެލުމުގެ ދަށުން ބާއްވާ އެފްއޭއެމްގެ އިންތިޚާބަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީޚަކީ މިއަދެވެ. ކެންޑިޑެސީ ފޯމުގައި ފުރިހަމަނުވެ ހުރި ކަންކަމަކީ ކޮބައިކަން ކެންޑިޑޭޓުންނަށް އަންގަންޖެހޭ އެންމެ ފަހު ތާރީޚެއްގެ ގޮތުގައި ޖުލައި މަހުގެ 9 ވާ ބުދަ ދުވަސް ކަނޑައަޅާފައިވާއިރު، ކެންޑިޑެސީ ފޯމުގައި ފުރިހަމަނުވެ ހުރި މަޢުލޫމާތު ފުރިހަމަ ކުރުމަށްފަހު އަލުން ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީޚަކީ ޖުލައި 13 ވާ އާދީއްތަ ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު