ENGLISH
06 ޖުލައި 2025
ޤައުމީ ވޮލީ ލީގު: ހުރާ އަތުން ސިފައިންނަށް މުހިއްމު މޮޅެއް
06 ޖުލައި 2025
|
މީގެކުރީން، ދިވެހި ސިފައިންގެ ކްލަބް ކުޅުނު މެޗެއްގެ ތެރެއިން. ފޮޓޯ: ވީއޭއެމް
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމްކޮށްގެން ބާއްވާ، ޤައުމީ ވޮލީބޯލް ލީގުގައި ރޭ ކުޅުނު މެޗުގައި ހުރާ ކޮމިއުނިޓީ ކްލަބް ބަލިކޮށް، ދިވެހި ސިފައިންގެ ކްލަބު މުހިއްމު މޮޅަކާއެކު ފަށައިފިއެވެ.
މިއީ މި ފަހަރުގެ ޤައުމީ ވޮލީ ލީގުގައި ސިފައިން ކުޅުނު ފުރަތަމަ މެޗެވެ. މުބާރާތުގައި ހުރާ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ޕޮލިސް ކްލަބް އަތުން ވަނީ މޮޅުވެފައެވެ.
ރޭގެ މެޗުން ސިފައިން މޮޅުވީ 3-1 ސެޓުންނެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުޅުނު މެޗުގެ ފުރަތަމަ ސެޓު 25-20 އިން ސިފައިން ގެންގޮސްފައިވަނިކޮށް، ހުރާ ޓީމު ވަނީ 25-20 އިން ދެވަނަ ސެޓު ކާމިޔާބުކޮށް، ނަތީޖާ ހަމަހަމަކޮށްފައެވެ.
އެއަށްފަހު، ދެން ކުޅެވުނު ތިންވަނަ ސެޓު 25-17 އިން އަދި، ހަތަރުވަނަ ސެޓުން 25-20 އިން ކުރިހޯދައި، ސިފައިން ވަނީ މެޗު ކާމިޔާބުކޮށްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދިވެހި ސިފައިންގެ ކްލަބުގެ ބިދޭސީ ކުޅުންތެރިޔާ، ލުއިޒް އެވެ.
މުބާރާތުގައި މިއަދު ކުޅުމަށް ހަމަޖެހިފައިވާ ފުރަތަމަ މެޗުގައި ސިފައިންނާއި ޕޮލިސް ބައްދަލުކުރާއިރު، ދެވަނަ މެޗުގައި ކްލަބް އެޗްޑީސީ ނުކުންނާނީ ހުރާ ޓީމާ ދެކޮޅަށެވެ.