ENGLISH

06 ޖުލައި 2025

Advertisement

ޑޯޓްމަންޑް އަތުން އުނދަގުލުން ސަލާމަތްވެ، ސެމީގެ ފަހު ޖާގަ ރެއާލަށް

06 ޖުލައި 2025

|

މުޙައްމަދު އަދުހަމް

ރެއާލާއި ޑޯޓްމަންޑް ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: ރޮއިޓާސް

ފީފާ ކްލަބް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ރޭ ކުޅުނު މެޗުން ޖަރުމަންގެ ބޮރޫޝިއާ ޑޯޓްމަންޑް އަތުން 3-2 އިން މޮޅުވެ، ރެއާލް މެޑްރިޑުން ސެމީ ފައިނަލްގެ ފަހު ޖާގަ ކަށަވަރުކޮށްފިއެވެ.

ނިއު ޖާޒީގައި ހުންނަ މެޓްލައިފް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ ވިއްސަކަށް މިނެޓުގެ ތެރޭގައި ރެއާލުން ވަނީ ދެ ލަނޑުގެ ލީޑެއް ނަގައިފައެވެ.

މެޗު ފެށިގެން 10 ވަނަ މިނެޓުގައި ރެއާލުން ލީޑު ނެގީ ޒުވާން ފޯވާޑް، ގޮންޒާލޯ ގާސިއާގެ ގޯލުންނެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ އާރްދާ ގުލާ އެވެ. މިއީ އުމުރުން 21 އަހަރުގެ ފޯވާޑް، ގާސިއާ މި ފަހަރުގެ މުބާރާތުގައި ޖެހި ހަތަރުވަނަ ގޯލެވެ. މި ގޯލާއެކު އޭނާ އުޅެނީ މުބާރާތުގެ ލަނޑު ލިސްޓުގެ އެންމެ ކުރީގައެވެ.

އޭގެ ދިހަ ވަރަކަށް މިނެޓުފަހުން، 20 ވަނަ މިނެޓުގައި ޓްރެންޓް އެލެގްޒެންޑާ-އާނޯލްޑް ދިން ބޯޅައެއްގެ އެހީގައި ފްރޭން ގާސިއާ ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ.

ރެއާލާއި ޑޯޓްމަންޑް ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: ރޮއިޓާސް

ރެއާލްގެ ލީޑު ފުޅާކޮށްދޭން ޖޫޑް ބެލިންހަމް އާއި ވިނީޝިއުސް ޖޫނިއާ އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތްނުވިއިރު، ދެވަނަ ހާފުގެ ކުރީކޮޅު އައުރެލިއަން ޗުއަމެނީ ފޮނުވާލި ބޯޅައެއް ވަނީ ގޯލްގެ ހުރަސްދަނޑިއަށް އަމާޒުވެފައެވެ.

މި މެޗުގައި ޑޯޓްމަންޑުން ޖެހި ފުރަތަމަ ލަނޑު، އިތުރުވަގުތުގެ ތިންވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފަހު ހާފުގައި ބަދަލަކަށް ކުޅެން އެރި މެކްސިމިލިއަން ބެއިއާ އެވެ.

އޭގެ މިނެޓެއްފަހުން، ރެއާލަށް އަލުން ދެ ގޯލްގެ ލީޑު ދަމަހައްޓައިދިނީ ކީލިއަން އެމްބާޕޭ އެވެ. އޭނާ މި ލަނޑުޖެހީ ޕެނަލްޓީއޭރިޔާ ތެރެއިން ލިބުނު ބޯޅައެއް ބައިސިކަލް ކިކަކުން ގޯލްގެތެރެއަށް ފޮނުވާލައިގެންނެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ވެސް ގުލާ އެވެ.

ރެއާލްގެ އެމްބާޕޭ (ވ) ޑޯޓްމަންޑްގެ ގޯލަށް ބޯޅަ ފޮނުވާލަނީ. ފޮޓޯ: ރޮއިޓާސް

އޭގެފަހުން، މި ނަތީޖާގައި އޮވެ، މެޗު ނިމެންދަނިކޮށް، ރެއާލްގެ ސްޕެއިން ޑިފެންޑަރު، ޑީން ހައުސަން އަށް ސީދާ ރަތް ކާޑު ދެއްކުމުން އެ ޓީމުން ބާކީބައި ފުރިހަމަކުރީ 10 ކުޅުންތެރިންނާއެކު އެވެ. ހައުސަން އަށް ރަތް ކާޑު ދެއްކީ ޕެނަލްޓީއޭރިޔާ ތެރެއިން ހުހަށްހުރި ޑޯޓްމަންޑްގެ ފޯވާޑް، ސެރްހޫ ގިރާސީ އަށް ކުރި ފައުލަކާ ގުޅިގެންނެވެ. މިއާއެކު، ޑޯޓްމަންޑަށް ލިބުނު މި ޕެނަލްޓީ ކާމިޔާބުކޮށް،ގިރާސީ ވަނީ ދެ ޓީމުގެ ފަރަގު ކުޑަކޮށް، ރެއާލަށް ހާސްކަން ގެނުވާފައެވެ.

އަދި އޭގެފަހުން، މެޗުގެ ފަހު ސިކުންތުކޮޅުގެ ތެރޭގައި ޕެނަލްޓީ އޭރިޔާ ތެރެއިން ޑޯޓްމަންޑްގެ މާސެލް ސަބިޓްޒާ ފޮނުވާލި ބޯޅައެއް ގޯލަށް ނުވަނީ ހަމަކިރިޔާ އެވެ. އެ ބޯޅަ ރެއާލްގެ ކީޕަރު، ތިބައުޓް ކޯޓުއާ ވަނީ ހުއްޓުވައިފައެވެ.

މުބާރާތުގެ ސެމީގައި ރެއާލް ނުކުންނާނީ އެންމެ ފަހުގެ ޔޫރަޕްގެ ޗެމްޕިއަން، ޕީއެސްޖީއާ ދެކޮޅަށެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 10 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު