ENGLISH
03 ޖުލައި 2025
ގުއާމް އަތުން ރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމު ބަލިވެއްޖެ
02 ޖުލައި 2025
|
ގުއާމްއާ ދެކޮޅަށް ރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމު ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: އޭއެފްސީ
ދެހާސް ސައްބީސް ވަނަ އަހަރު އޮސްޓްރޭލިއާގައި ބާއްވާ އޭއެފްސީ ވިމެންސް އޭޝިއަން ކަޕްގެ ކޮލިފައިންގައި މިއަދު ކުޅުނު މެޗުގައި ގުއާމް އަތުން ރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމު ބަލިވެއްޖެއެވެ.
މިއީ ބައިނަލްއަގުވާމީ އަންހެނުންގެ ފުޓްބޯޅައިގައި ގުއާމާ ދެކޮޅަށް ރާއްޖެ ކުޅުނު ފުރަތަމަ ފަހަރެވެ. ގުއާމަކީ ދުނިޔޭގެ ރޭންކިންގެ 97 ވަނައިގައި އުޅޭ ޤައުމެކެވެ. ރާއްޖެ އޮތީ 163 ވަނައިގައެވެ.
މި މެޗުން ގުއާމް މޮޅުވީ 3-0 އިންނެވެ.
މި ނަތީޖާއާއެކު، ގުއާމް އަށް ދެ މެޗުން ހަތަރު ޕޮއިންޓާއެކު ދެވަނަ މަގާމް ލިބިފައިވާއިރު، އެންމެ ކުރީގައި އުޅޭ ވިއެޓްނާމް ވަނީ ހަ ޕޮއިންޓް ހަމަކޮށްފައެވެ. ތިންވަނައިގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އޮތީ އެއް ޕޮއިންޓާއެކު އެވެ. ފުލުގައި ރާއްޖެ އޮތީ ޕޮއިންޓެއްނުލިބިއެވެ.
ވިއެޓްނާމްގެ ވިއެޓް ޓްރައި ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ގުއާމުން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ގޯލްޖެހީ ފަހު ހާފުގައެވެ. އެ ޓީމަށް ފުރަތަމަ ހާފުގައި ޖެހުނީ އެންމެ ގޯލެކެވެ.
މެޗުގައި ގުއާމުން ޖެހި ތިން ލަނޑުވެސް ކާމިޔާބުކުރީ ރެބެކާ ބާޓޯޝް އެވެ.
މި ގްރޫޕުގައި ހިމެނޭ އަނެއް ދެ ޓީމުގެ ކުރިމަތިލުމުގައި ވިއެޓްނާމުން ވަނީ 6-0 ގެ ނަތީޖާއަކުން ޔޫއޭއީ ބަލިކޮށްފައެވެ.
ވިމެންސް އޭޝިއަން ކަޕްގެ ކޮލިފިކޭޝަންގައި ރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމު ދެން ކުޅޭ މެޗުގައި މި މަހުގެ 5 ވަނަ ދުވަހު ބައްދަލުކުރާނީ ޔޫއޭއީ އާއެވެ.