ENGLISH
12 ޖުލައި 2025
ފީފާ ކްލަބް ވޯލްޑް ކަޕް: ރެއާލް އަދި ޑޯޓްމުންޑް ކުއާޓަރ އަށް
02 ޖުލައި 2025
|
ރެއާލް މެޑްރިޑްގެ ގޮންޒާލޯ ގާސިއާ ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ-- ފޮޓޯ: އޭޕީ ނިއުސް
ފީފާ ކްލަބް ވޯލްޑް ކަޕުގެ ގަދަ ސޯޅައިގެ ފަހު މެޗުތަކުގައި ރޭ ދަންވަރު އަދި މިއަދު ހެނދުނު ކުޅުނު މެޗުތައް ކާމިޔާބުކޮށް، ސްޕެއިންގެ ރެއާލް މެޑްރިޑް އަދި ޖަރުމަނުވިލާތުގެ ބޮރޫޝިއާ ޑޯޓްމުންޑުން މުބާރާތުގެ ކުއާޓަރ ފައިނަލުން ޖާގަ ހޯދައިފިއެވެ.
ރޭ ދަންވަރު ކުޅުނު މެޗުގައި އިޓަލީވިލާތުގެ ޔުވެންޓަސް އާ ވާދަކޮށް، ރެއާލުން ކުރިހޯދީ 0-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ 54 މިނެޓުގައި، މެޗުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ މި މުބާރާތުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ޒުވާން ފޯވާޑް، ގޮންޒާލޯ ގާސިއާއެވެ. މިއީ، މުބާރާތުގެ ހަތަރު މެޗުގައި އޭނާ ޖެހި ތިންވަނަ ލަނޑެވެ. މީގެ އިތުރަށް، ގާސިއާ ވަނީ ދެވަނަ މެޗުގައި ޕަޗޫކާ އާ ދެކޮޅަށް އާރްދާ ގޫލާރ ޖެހި ލަނޑު ޖަހަން އެހީވެސް ވެފައެވެ.
ރޭގެ މެޗުގައި ރެއާލުން ވަނީ މެޗުގެ 57 އިންސައްތަ ބޯޅަ ހިފަހައްޓާ، ޖުމްލަ 18 ހަމަލާއެއް ފޮނުވާލާ، 11 ހަމަލާ ގޯލާ އަމާޒުކޮށްފައެވެ. ނަމަވެސް ގިނަ ލަނޑުތަކެއް ފެނިގެން ނުދިޔައީ ޔުވެންޓަސްގެ ކީޕަރު، މިޝޭލް ޑި ގްރެގޯރިއޯ ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ. އޭނާ ވަނީ، ގޯލަށް ނުވަދެ ނުދާނެހެން ހީވި ގިނަ ހަމަލާތަކެއް ހުޝިޔާރުކަމާއެކު ދިފާޢުކޮށްފައެވެ.
މިއަދު ހެނދުނު ކުޅުނު މެޗުގައި، މެކްސިކޯގެ މޮންޓެރޭއާ ދެކޮޅަށް ކުޅުނު މެޗު، ބޮރޫޝިއާ ޑޯޓްމުންޑުން ކާމިޔާބުކުރީ، 1-2 ގެ ނަތީޖާއަކުންނެވެ. މިމެޗުގައި ޑޯޓްމުންޑުގެ ދެ ލަނޑުވެސް ކަރީމް އަދްޔެމީގެ ދެ ޕާހުން ކާމިޔާބުކޮށްދިނީ، ގިނީގެ ފޯވާޑް، ސެރހޫ ގިރާސީއެވެ. އަދި މޮންޓެރޭގެ ލަނޑު ކާމިޔާބުކޮށްދިނީ ޖެރމަން ބެރޓެރާމީ އެވެ. މި މެޗުގައި 65 އިންސައްތަ ބޯޅަ ހިފެހެއްޓުމުގެ އިތުރުން، ޑޯޓްމުންޑަށްވުރެ ގިނަ ހަމަލާތަަކެއްވެސް ފޮނުވާލާފައިވަނީ މޮންޓެރޭއިން ނަމަވެސް، އެކަމުގެ ބޭނުން މާ އެދެވޭ ގޮތަކަށް ހިފިފައެއް ނުވެއެވެ.
ކުއާޓަރ ފައިނަލްގައި ރެއާލް އަދި ޑޯޓްމުންޑް ބައްދަލުކުރާ މެޗު އޮންނާނީ މި މަހުގެ ހަވަނަ ދުވަހުގެ ދަންވަރު، 1:00 ގައެވެ.