ENGLISH

01 ޖުލައި 2025

Advertisement

ޔޫރަޕްގެ ގަ ދެ ބާރު، އިންޓަ އާއި މެންޗެސްޓަރ ސިޓީ ކްލަބް ވޯލްޑް ކަޕުން ކަޓައިފި

01 ޖުލައި 2025

|

އިސްމާއީލް ރާތިއު

މެންޗެސްޓަރ ސިޓީ އަދި އަލް-ހިލާލް ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ރޮއިޓާސް

ރޭގެ އިތުރުން މިއަދު ހެނދުނު ކުޅެވިދިޔަ، ކްލަބް ވޯލްޑްކަޕުގެ ގަދަ ސޯޅައިގެ ދެ މެޗުވެސް ސަޕޯޓަރުން ހައިރާން ކޮށްލައިފިއެވެ.

ރޭ ކުޅުނު މެޗުގައި ރާއްޖެ ގަޑިން ދަންވަރު 12:00 ގައި ބައްދަލުކޮށްފައިވަނީ ޔޫރަޕުގެ އެންމެ ފަހުގެ ދެވަނަ، އިޓަލީވިލާތުގެ އިންޓަރ މިލާން އަދި ބްރެޒިލްގެ ފްލުމިނެންސް އެވެ. ފްލުމިނެންސް އިން މި މެޗު ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުންނެވެ.

މެޗު ފެށިގެން ގިނައިރުތަކެއް ނުވެ، ފްލުމިނެންސްއިން އިންޓަރގެ ޑިފެންސް ފޫއަޅުވާލާ، ކަނާތުފަޅިން އުފެއްދި އަވަސް ހަމަލާއަކުން ފުރަތަމަ ލަނޑު ކާމިޔާބުކުރިއެވެ. ފްލުމިނެންސްގެ ކުޅުންތެރިން ނަގައިދޭން އުޅުނު ހުރަސް، އިންޓަރގެ ޑިފެންޑަރުގެ ފައިގައި ޖެހުމަށްފަހު ޕެނަލްޓީ އޭރިއާ ތެރެއަށް ހުރަސްވި ބޯޅައިގެ ފައިދާ ނަގާ، މި ލަނޑު ކާމިޔާބުކުރީ އާޖެންޓީނާ ފޯވާޑް، ޖަރމަން ކަނޯ އެވެ.

މި ލަނޑަށްފަހު އިންޓަރ އިން ކުޅުން ރަނގަޅުކޮށް، މެޗުގެ 68 އިންސައްތަ ބޯޅަ ހިފަހައްޓާ، ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތް ކުރިއެވެ. ނަމަވެސް އެ ޓީމުން ފޮނުވާލި 14 ހަމަލާގެ ތެރެއިން ގޯލާ އަމާޒުވީ އެންމެ ހަތަރު ހަމަލާއެވެ. މިކަމުގެ ފައިދާ ނަގާ، މެޗުގެ 90 މިނެޓުގެ ކުޅުން ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި ފްލުމިނެންސް އަށް މެޗު ކަށަވަރު ކޮށްދިނީ ބްރެޒިލްގެ ޒުވާން މިޑްފީލްޑަރު، ހަރކިއުލީޒް އެވެ. ޕެނަލްޓީ އޭރިއާގެ ރޮނގުމަތިން ކަހަލަ ގޮތަކަށް އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ކަނާތު ތިރީ ކަނަށެވެ.

ދެވަނަ މެޗުގައި ސަޢޫދީ ޢަރަބިއްޔާގެ އަލް-ހިލާލް، އިނގިރޭސިވިލާތުގެ މެންޗެސްޓަރ ސިޓީ ބަލިކުރީ 3-4 ގެ ނަތީޖާއަކުންނެވެ. މެޗުގެ ނުވަނަ ވަނަ މިނެޓުގައި މެންޗެސްޓަރ ސިޓީންވަނީ އިލްކޭ ގުންޑޮހާން ދިން ޕާހަކުން ބަރނާޑޯ ސިލްވާ ވަނީ ސިޓީއަށް ލީޑު ނަގައިދީފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ މި ލަނޑާއެކު ސިޓީ ކުރީގަ އޮވެގެންނެވެ.

ނަމަވެސް، ދެވަނަ ހާފު ފެށުމާއެކު ސިކުންތުކޮޅެއްގެ ތެރޭގައި ބްރެޒިލްގެ މާކޮސް ލިއޮނާޑޯ ކާމިޔާބުކުރި ލަނޑާއެކު އަލް-ހިލާލުން ނަތީޖާ ހަމަހަމަކުރިއެވެ. އޭގެފަހުން މާ ގިނައިރެއް ނުވެ، 54 ވަނަ މިނެޓުގައި ކުރިން ސިޓީއަށްވެސް ކުޅުނު، ޕޯޗުގަލްގެ ޔާއޯ ކަންސެލޯ ދިން ޕާހަކުން ބްރެޒިލްގެ މެލްކޮމް، އަލް-ހިލާލް އަށް ފުރަތަމަ ފަހަރަށް ލީޑު ނަގައިދިން ނަމަވެސް އޭގެ ތިން މިނެޓު ފަހުން ނޯވޭގެ އަރލިންގ ހާލަންޑް ވަނީ ސިޓީއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

މެޗުގެ 90 މިނެޓު ހަމަވިއިރު، 2-2 އަކުން ދެ ޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން ޖެހުނީ އިތުރަށް 30 މިނެޓު ކުޅެގެންނެވެ. އެގޮތުން އޭގެ ފުރަތަމަ 15 މިނެޓުގައި ދެ ޓީމުންވެސް ވަނީ ކައިރި ކައިރީގައި ލަނޑު ޖަހާ، މެޗުގެ ފޯރި އިތުރަށް ގަދަކޮށްފައެވެ. އޭގެ ފުރަތަމަ ލަނޑު އަލް-ހިލާލް އަށް ޖަހައިދިނީ ޕޯޗުގަލްގެ ރޫބެން ނެވޭޒް ދިން ޕާހަކުން، ސެނެގާލްގެ ކާލިދޫ ކޮލިބާލީ އެވެ. ސިޓީން ނަތީޖާ ހަމަހަމަކުރީ، ފްރާންސްގެ ރަޔަން ޗަރކީ ދިން ޕާހުން އިނގިރޭސިވިލާތުގެ ފިލް ފޯޑެން ޖެހި ލަނޑުންނެވެ. އަލް-ހިލާލް މޮޅުވި ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 112 ވަނަ މިނެޓުގަ، މާކޮސް ލިއޮނާޑޯއެވެ. 

މި ނަތީޖާތަކާއެކު އަލް-ހިލާލް އަދި ފްލުމިނެންސް، މުބާރާތުގެ ކުއާޓަރ ފައިނަލަށް ގޮސްފައި ވާއިރު، މި ދެ ޓީމުގެ ކުރިމަތިލުން އޮންނާނީ މި މަހުގެ ފަސްވަނަ ދުވަހު، ރާއްޖެ ގަޑިން ދަންވަރު 12:00 ގައެވެ. 

ގަދަ ސޯޅައިގެ ފަހު ދެ މެޗުގައި މިރޭ 12:00 ސްޕެއިންގެ ރެއާލް މެޑްރިޑް، އިޓަލީގެ ޔުވެންޓަސް އާ ދެކޮޅަށް ނުކުންނައިރު، މާދަން ހެނދުނު 6:00 ގައި ޖަރުމަންވިލާތުގެ ބޮރޫޝިއާ ޑޯޓްމުންޑް ނުކުންނާނީ، ބްރެޒިލްގެ މޮންޓެރޭ އާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު