ENGLISH

30 ޖޫން 2025

Advertisement

ވީއޭއެމް ކަޕްގެ ސެމީގެ ޖާގަތައް ކަށަވަރުވެއްޖެ

30 ޖޫން 2025

|

މުޙައްމަދު އަދުހަމް

މުބާރާތުގައި އެޗްޑީސީއާ ހުރާ ޓީމު ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: ވީއޭއެމް

މިހާރު ކުރިއަށްދާ ވީއޭއެމް ކަޕް ފިރިހެން ޑިވިޝަނުގެ ފައިނަލް ބުރުގައި އިއްޔެ ކުޅުނު މެޗުތަކަށްފަހު މުބާރާތުގެ ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެއެވެ.

މި މުބާރާތުގައި ރޭ ކުޅުނު މެޗުގައި ގްރޫޕް އޭގެ އެންމެ ކުރީގައި އުޅޭ ދެ ޓީމުގެ ކުރިމަތިލުމުގައި އެންމެ ފަހުގެ ޗެމްޕިއަން، ކްލަބް އެޗްޑީސީ ވަނީ ކުރިހޯދައިފައެވެ. މިއާއެކު، އެ ޓީމުން ގްރޫޕް ސްޓޭޖު ނިންމާލީ ސައްތައިން ސައްތައިގެ ރެކޯޑަކާއެކު އެވެ. ދެވަނަ ޓީމުގެ ގޮތުގައި ހުރާ ކޮމިއުނިޓީ ކްލަބް ސެމީން ޖާގަ ހޯދީ ހަ ޕޮއިންޓާއެކު އެވެ. ތިންވަނައިގައި އޮތް ސްޕޯޓްސް ކްލަބް ސިޓީ އަށް ތިން ޕޮއިންޓް ލިބުނުއިރު، ފުލުގައި އޮތް ބްލޫސް ފޯރ ވޮލީބޯލް އަށް ޕޮއިންޓެއް ނުލިބެއެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ރޭ ކުޅުނު މެޗުގައި ހުރާ ޓީމު އަތުން އެޗްޑީސީ މޮޅުވީ ފަހަތުން އަރައި، 3-1 ސެޓުންނެވެ.

މި މެޗުގެ ފުރަތަމަ ސެޓުގައި 25-22 އިން ހުރާ ކުރިހޯދާފައިވަނިކޮށް، އެޗްޑީސީން ވަނީ ދެން ޖެހިގެންއައި ތިން ސެޓު ކާމިޔާބުކޮށްފައެވެ. އެ ޓީމުން މި ސެޓުތައް ގެންދިޔައީ، 25-23، 28-26 އަދި 25-22 އިންނެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތަކުގެ ކުޅުން އިއްޔެ ނިންމާލިއިރު، ގްރޫޕް ބީ އިން ސެމީ އަށް ދަތުރުކުރީ އެއްވަނަ މަގާމު ހޯދި ދިވެހި ސިފައިންގެ ކްލަބާއި ދެވަނައިގައި އޮވެ ނިންމާލި ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ.

މި މުބާރާތުގައި ދެން ކުރިއަށް އޮތީ ވީއޭއެމް ނޭޝަނަލް ލީގުގެ ޖާގައަކަށް ކުޅޭ ކޮލިފިކޭޝަން މެޗެވެ. މިރޭ ކުޅުމަށް ހަމަޖެހިފައިވާ މި މެޗުގައި ޕޮލިސް ކްލަބު ބައްދަލުކުރާނީ ސްޕޯޓްސް ކްލަބް ސިޓީއާ އެވެ.

މުބާރާތުގެ ސެމީ ފައިނަލް މެޗުތައް: (ޖުލައި 1)

ކްލަބް އެޗްޑީސީ – ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް

ހުރާ ކޮމިއުނިޓީ ކްލަބް – ދިވެހި ސިފައިންގެ ކްލަބް

ކިޔުންތެރިންގެ ހިޔާލު