ENGLISH
30 ޖޫން 2025
ފީފާ ކްލަބް ވޯލްޑް ކަޕް: ކުއާޓާގައި ބަޔާން އާއި ޕީއެސްޖީގެ ކުރިމަތިލުމެއް
30 ޖޫން 2025
|
ފްލަމެންގޯ ކޮޅަށް ލަނޑުޖެހުމަށް ބަޔާންގެ ކޭން އުފާ ފާޅުކުރަނީ. ފޮޓޯ: ރޮއިޓާސް
ފީފާ ކްލަބް ވޯލްޑް ކަޕްގައި ރޭ ކުޅުނު މެޗުތަކަށް ފަހު، ކުއާޓާ ފައިނަލުގައި ޖަރުމަންގެ ބަޔާން މިއުނިކާއި ފްރާންސްގެ ޕީއެސްޖީ ބައްދަލުކުރާން ޖެހިއްޖެއެވެ.
މުބާރާތުގެ ގަދަ 16 ގެ ބުރުގައި ރޭ ބަޔާނުން ވަނީ، ބްރެޒިލްގެ ފްލަމެންގޯ އަތުން 4-2 އިން މޮޅުވެފައެވެ. އޭގެކުރީން، ކުޅުނު ނޮކްއައުޓް ބުރުގެ އަނެއް މެޗުގައި ޕީއެސްޖީ ވަނީ ފަސޭހަކަމާއެކު އިންޓަރ މިއާމީ ބަލިކޮށްފައެވެ.
މިއާމީގެ ހާޑް ރޮކް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ބަޔާނުން ޖެހި ހަތަރު ލަނޑުގެ ތެރެއިން ދެ ގޯލް ޖަހައިދިނީ އިނގިރޭސި ކެޕްޓަން، ކޭން އެވެ. އެ ޓީމުގެ އަނެއް ދެ ލަނޑުގެ ތެރެއިން އެއް ގޯލަކީ ފްލަމެންގޯގެ އެރިކް ޕުލްގާ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. ބަޔާންގެ އަނެއް ގޯލް ޖަހައިދިނީ ލެއޮން ގޮރެޓްޒްކާ އެވެ.
މެޗުގައި ފްލަމެންގޯގެ ލަނޑުތައް ޖަހައިދިނީ ޖާސަން އާއި ޖޯޖީނިއޯ އެވެ. މީގެތެރެއިން، ޖޯޖީނިއޯގެ ގޯލަކީ ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ގޯލެކެވެ.
މި މުބާރާތުގެ ކުއާޓާގައި ބަޔާން އާއި ޕީއެސްޖީ ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ 5 ވަނަ ދުވަހު އެވެ.