ENGLISH
30 ޖޫން 2025
ޕީއެސްޖީ އަތުން ބަލިވެ، މެސީގެ އިންޓަ މަޔާމީ ކްލަބް ވޯލްޑް ކަޕުން ކަޓައިފި
30 ޖޫން 2025
|
ރޭ ޕީއެސްޖީއާ ދެކޮޅަށް ކުޅުނު މެޗުގައި މެސީ.
ފީފާ ކްލަބް ވޯލްޑް ކަޕްގެ ގަދަ ސޯޅައިގައި ރޭ، ޔޫރަޕުގެ އެންމެ ފަހުގެ ޗެމްޕިއަން، ފްރާންސްގެ ޕީއެސްޖީ އަދި އެމެރިކާގެ އިންޓަރ މަޔާމީ ބައްދަލުކުރި މެޗު، ފަސޭހަކަމާއެކު ޕީއެސްޖީން ކާމިޔާބުކޮށްފިއެވެ.
ޖޯޖިއާގެ އެޓަލަންޓާގައި ހުންނަ މަރސިޑީޒް-ބެންޒް ސްޓޭޑިއަމްގައި ރާއްޖެެ ގަޑިން ރޭ 9:00 ގައި ކުޅުނު މެޗު، ޕީއެސްޖީން 0-4 ގެ ނަތީާއަކުން ޕީއެސްޖީން ކާމިޔާބުކޮށްފައިވާއިރު، މި މެޗުގެ ހުރިހާ ލަނޑެއްވެސް ކާމިޔާބުކޮށްފައި ވަނީ މެޗުގެ ފުރަތަމަ ހާފުގައެވެ.
މެޗު ފަށައިގެން މާ ގިނައިރުތަކެއް ނުވެ، ޕީއެސްޖީން ވަނީ ފުރަތަމަ ލަނޑު ޖަހައި، މެޗުގެ މުޅި ކޮންޓްރޯލް މުށުތެރެއަށް ލާފައެވެ. ވިޓީނިއާގެ ޕާހަކުން މެޗުގެ ހަވަނަ މިނެޓުގައި މި ލަނޑު ޖަހާފައިވަނީ، ޕީއެސްޖީގެ ޕޯޗުގަލް ތަރި، ޔާއޯ ނެވޭޒް އެވެ. ޕީއެސްޖީގެ ދެވަނަ ލަނޑުވެސް ޖަހައިދިނީ ހަމަ އޭނާއެވެ. މިއީ، ނެވޭޒްގެ ކެރިއަރުގައިވެސް އެއް މެޗުގައި ދެ ގޯލު ޖެހި ފުރަތަމަ ފަހަރެވެ.
ތިންވަނަ ލަނޑަކީ މަޔާމީގެ ޑިފެންޑަރު، ތޮމަސް އަވިލޭސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި ފަހު ލަނޑު ޖަހައިދިނީ ޕީއެސްީގެ މޮރޮކޯ ޑިފެންޑަރު، އަޝްރަފް ހަކީމީ އެވެ.
ފަސްދޮޅަސް ހަތް އިންސައްތަ ބޯޅަ ހިފަހައްޓާ، މެޗު ކޮންޓްރޯލްކޮށްފައި ވަނީވެސް ޕީއެސްޖީންނެވެ. ޕީއެސްޖީން ހަތަރު ލަނޑު ޖެހި ފުރަތަމަ ހާފު ނިމުނުއިރު، މަޔާމީއަށްް ގޯލާ އަމާޒުކޮށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއް ނުވެއެވެ.
މެޗު ނިމެންދަނިކޮށް، ނުރައްކާތެރި ހިސާބަކުން މަޔާމީއަށް ލިބުނު ހިލޭޖެހުން، ފުޓުބޯޅައިގެ ތާރީޚުގައިވެސް އެންމެ މޮޅަށް ހިލޭޖެހުން ނަގާ ކަމަށް ގިނަ ބަޔަކު ޤަބޫލުކުރާ މެސީ ފޮނުވާލިއިރު އަމާޒުވީ ޕީއެސްޖީން އެތުރި ދިފާއީ ފާރަށެވެ.
ކުޅުނު ހަތަރު މެޗުގެ ތެރެއިން އެންމެ މެޗަކުން މޮޅުވެ، މުބާރާތާ ވަދާއުކިޔަން ޖެހުނު މަޔާމީ، މުބާރާތަށް އައީވެސް ފީފާގެ ރައީސް، ޖިއާނީ އިންފަންޓީނޯގެ ބައިވެރިވުމާއެކު، ފަހިކޮށްދިން ފުރުސަތެއްގައި ކަމަށް ގިނަ ބަޔަކު ބުނެއެވެ.
މުބާރާތުގެ ގަދަ ސޯޅައިގައި މިރޭ ކުޅޭ މެޗުގައި ރާއްެޖެ ގަޑިން 12:00 ގައި ބައްދަލުކުރާނީ އިޓަލީގެ އިންޓަރ މިލާން އަދި ބްރެޒިލްގެ ފްލުމިނީސް އެވެ. އަދި މާދަމާ ހެނދުނު 6:00 ގައި އިނގިރޭސިވިލާތުގެ މެންޗެސްޓަަަރ ސިޓީ ނުކުންނާނީ ސަޢޫދީ އަރަބިއްޔާގެ އަލް-ހިލާލްއާ ދެކޮޅަށެވެ.