ENGLISH
01 ޖުލައި 2025
މެސީގެ ކުރީގެ ޓީމާއި މިހާރުގެ ޓީމުގެ ކުރިމަތިލުން، މިރޭ
29 ޖޫން 2025
|
ޕީއެސްޖީ އަދި ބޮޓަފޯގޯ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: އެލްއޭ ޓައިމްސް
ބާސެލޯނާގެ ކުރީގެ ތަރި، ލިއޮނަލް މެސީ، ކުރިން ކުޅެފައިވާ ފްރާންސްގެ ޕީއެސްޖީ އަދި މިހާރު އޭނާ ކުޅެމުންދާ ކުލަބު ކަމަށްވާ އެމެރިކާގެ އިންޓަރ މަޔާމީގެ ކުރިމަތިލުން މިރޭ އޮންނާނެއެވެ.
ފީފާ ކްލަބް ވޯލްޑްކަޕުގެ ގަދަ ސޯޅައިގައި މި ދެޓީމު ނުކުންނަ އިރު، ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވަނީ ވެސް މެސީއަށް އެކަންޏެވެ. ޕީއެސްޖީން މެސީ ދިޔަ ފަހުން އެ ޓީމުގެ ކުޅުން މާ ރަނގަޅު ކަމަށް ވާހަކަ ދެކެވޭއިރު، މިދިޔަ ސީޒަނުގެ ޔުއޭފާ ޗެމްޕިއަންސް ލީގުގެ ތަށި، ޕީއެސްޖީން އުފުލާލުން ވެގެންދިޔާއީ މި ވާހަކައަށް ބާރުދިން ކަމަށެވެ. ޕީއެސްޖީގައި މެސީ ހުރި އިރު، އެ ޓީމަށް މުބާރާތުގައި އެންމެ ދުރަށް ވެސް ދެވިފައިވަނީ ގަދަ ސޯޅައާ ހަމައަށެވެ. ނަމަވެސް މެސީ، ޕީއެސްޖީއާ ވިކިވި ހިސާބުން އެ ޓީމު ވަނީ ފުރަތަމަ ސީޒަނުގައި ސެމީގައި ކުޅެ، އަދި ދެވަނަ ސީޒަނުގައި މުބާރާތް ކާމިޔާބުކޮށްފައެވެ.
މި ދެޓީމު ގަދަ ސޯޅައާ ހަމައަށް އައިސްފައިވާ ގޮތަށް ބަލާއިރު، ޕީއެސްޖީން ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗު ކާމިޔާބުކޮށް އެއް މެޗުން ބަލިވެފައެވެ.
އެގޮތުން، ފުރަތަމަ މެޗުގައި ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑްއާ ބައްދަލުކޮށް، ޕީއެސްޖީން ވަނީ 4-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އެ މެޗުގައި ޕީއެސްޖީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ، ފަބިއަން ރުއިޒް، ވިޓީނިއާ، ސެނީ މަޔޫލޫ އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި ވަގުތުގެ ހަތްވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން، ލީ ކަންގް-އިން އެވެ.
ދެވަނަ މެޗުގައި ބްރެޒިލްގެ ބޮޓަފޯގޯއާ ބައްދަލުކޮށް، ޕީއެސްޖީ ވަނީ 1-0 ގެ ނަތީޖާއަކުން ބަލިވެފައެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އިގޯރ ޖީސުސްއެވެ. މި މެޗުން ޕީއެސްޖީ ބަލިވިނަމަވެސް، މެޗުގެ 75 އިންސައްތަ ބޯޅަ ހިފަހައްޓާފައި ވަނީ އެ ޓީމުންނެވެ.
ތިންވަނަ މެޗުގައި އޮސްޓްރޭލިއާގެ ސިއާޓްލް ސައުންޑަރޒްއާ ބައްދަލުކޮށް، 0-2 ގެ ނަތީޖާއަކުން ޕީއެސްޖީން މެޗު ކާމިޔާބު ކުރިއެވެ. މި މެޗުގައި ޕީއެސްޖީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ކްވިޗާ ކްވަރަޓްސްކޭލިއާގެ އިތުރުން އަޝްރަފް ހަކީމީއެވެ. މި މެޗުގައި ޕީއެސްޖީން ވަނީ 78 އިންސައްތަ ބޯޅަ ހިފަހައްޓާ، ޖުމްލަ 11 ހަމަލާ ފޮނުވާލާފައެވެ.
އިންޓަރ މަޔާމީއަށް ބަލާއިރު، ގްރޫޕް ސްޓޭޖުގައި އެ ޓީމު، ދެ މެޗުން އެއްވަރުވި އިރު މޮޅުވެފައި ވަނީ އެންމެ މެޗަކުންނެވެ.
ފުރަތަމަ މެޗުގައި މިޞްރުގެ އަލް-އަހްލީ އާ އެއްވަރުވީ 0-0 އިންނެވެ. މި މެޗުގައި އެ ޓީމުން އެންމެ މޮޅު ކުޅުމެއް ދައްކާފައިވަނީ ޓީމުގެ ކީޕަރެވެ. އޭނާ ވަނީ އަލް-އަހްލީއަށް ލިބުނު ޕެނަލްޓީ ވެސް ދިފާޢުކޮށްފައެވެ. ދެވަނަ މެޗުގައި އެ ޓީމު ވަނީ ޕޯޗުގަލްގެ ޕޯޓޯ، 1-2 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ.
މި މެޗުގައި ޕޯޓޯއިން ފުރަތަމަ ލަނޑުޖަހާ، ލީޑު ނަގާފައިވަނިކޮށް މަޔާމީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ޓެލަސްކޯ ސެގާވިއާ އަދި ލިބުނު ހިލޭޖެހުމަކުން، ލިއޮނަލް މެސީއެވެ. ތިންވަނަ މެޗުން މަޔާމީ އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި މަޔާމީ ބައްދަލުކުރީ ބްރެޒިލްގެ ޕަލްމީރަސްއާ އެވެ. މެޗުގައި މަޔާމީއަށް ލަނޑުތައް ޖަހައިދިނީ ޓަޑެއޯ އަލެންޑޭގެ އިތުރުން ލުއިސް ސުއަރެޒްއެވެ.
މުބާރާތުގައި މޮޅު ކުޅުމެއް ދައްކާނެކަމަށް ގިނަ ބަޔަކު ގަބޫލުކުރި މެސީއަށް، ގްރޫޕް ސްޓޭޖުގައި ޖެހިފައިވަނީ އެންމެ ލަނޑެކެވެ.
ގަދަ ސޯޅައިގައި ޕީއެސްޖީ އަދި މަޔާމީ ބައްދަލުކުރާ މެޗު އޮންނާނީ މިރޭ ރާއްޖެ ގަޑިން 9:00 ގައެވެ.