ENGLISH

02 ޖުލައި 2025

Advertisement

ދުނިޔޭގެ އެމްއެސްއެމްއީ ދުވަހާ ގުޅިގެން ބީސީސީ އިން ޚާއްޞަ ވެބިނާ ސީރީސްއެއް ފަށައިފި

29 ޖޫން 2025

|

ހަސަން އާމިރު

އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ދުވަހާއި ގުޅުވައިގެން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީ އިން ޚާއްޞަ ވެބިނަރ ސީރީސް އެއް ފަށައިފިއެވެ.

އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި ވެބިނަރ ސީރީސް، ޖޫން 29 އިން 2 ޖުލައި އާ ހަމައަށް ކުރިއަށްދާނެ ކަމަށް ބީސީސީން މަޢުލޫމާތު ދެއެވެ.

މި ވެބިނަރ ސީރީސްގައި، ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށާއި، އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މުހިންމު މަޢުލޫމާތުތަކެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ބީސީސީން މަޢުލޫމާތުދެއެވެ. އެގޮތުން ރައްކާތެރިގޮތުގައި ޑިޖިޓަލް މުއާމަލާތް ނުވަތަ ޓްރާންސެކްޝަން ކުރިއަށް ގެންދާނެ ގޮތާއި ވިޔފާރިތައް ކުރިއެރުވުމަށް މާލީ އެހީދޭ މުވައްސަސާތަކުން އެހީ ހޯދާނެ ގޮތްތަކާއި، މީރާއަށް ބަޔާން ހުށަހަޅާނެ ގޮތްތަކާއި އަދި މީރާ އާއި ގުޅުންހުރި ވަރަށް މުހިންމު މަޢުލޫމާތު މި ވެބިނަރގައި ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ވެބިނަރގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް، އޮންލައިންކޮށް ރަޖިސްޓަރ ކުރުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. މި ވެބިނަރގައި ރަޖިސްޓަރ ކުރަން ބޭނުންވާ ލިންކާއި މިކަމާ ގުޅޭ މަޢުލޫމާތު ބީސީސީގެ ސޯޝަލް މީޑީއާގެ އެކި މަންސަތަކުން ލިބެން ހުންނާނެ ކަމަށް ބީސީސީން މަޢުލޫމާތު ދެއެވެ.

އޮންލައިންކޮށް، ވެބިނަރ ސީރީސްއެއް ގޮތަށް މި މަޢުލޫމާތު ސެޝަންތައް ކުރިއަށް ގެންދިއުމަށް ބީސީސީން ނިންމާފައިވަނީ ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް ފަސޭހަ ކަމާއެކު މި މަޢުލޫމާތު ސެޝަންގައި ބައިވެރުމުގެ ފުރުޞަތު އާންމުންނަށް ފަހިކޮށްދިނުމަށް ކަމަށް ބީސީސީން މަޢުލޫމާތު ދެއެވެ. ބީސީސީން ވަނީ އެމްއެސްއެމްއީ ދުވަހާއި ގުޅުވައިގެން އެކި އަތޮޅުތަކުގައި ޤާއިމް ކޮށްފައިވާ ބިޒްނަސް ސެންޓަރުތަކުން ވެސް، މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފައެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަނަކީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވައި އިޤްތިޞާދުގައި މި ވިޔަފާރިތަކުގެ ދައުރު ފުޅާ ކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި ލަފާ ދިނުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ.

އެމްއެސްއެމްއީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަނީ، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން، ޤައުމުތަކުގެ ދެމެހެއްޓެނިވި ތަރައްޤީގައި، މުހިންމު ދައުރެއް އަދާކުރާ ކަން ފާހަގަ ކުރައްވާފައެވެ. އަދި އެ ގިންތިތަކުގެ ވިޔަފާރިތައް ކުރިއަރުވައި މާކެޓްކޮށް ފަހި ފުރުސަތުތައް ހޯދައިދިނުމަށް ސަރުކާރުން މަސައްކަތްކުރައްވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. މި އަހަރުގެ އެމްއެސްއެމްއީ ޑޭ، ނުވަތަ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ދުވަހަކީ 27 ޖޫން 2025 އެވެ. 

ކިޔުންތެރިންގެ ހިޔާލު