ENGLISH

01 ޖުލައި 2025

Advertisement

ފީފާ ކްލަބް ވޯލްޑް ކަޕް: ޗެލްސީ އާއި ޕަލްމެއިރާސް ކުއާޓާ އަށް

29 ޖޫން 2025

|

މުޙައްމަދު އަދުހަމް

ޗެލްސީއާ ބެންފީކާ ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: ރޮއިޓާސް

މިހާރު ކުރިއަށްދާ ފީފާ ކްލަބް ވޯލްޑް ކަޕްގައި ރޭ ކުޅުނު މެޗުތަކަށްފަހު އިންގްލެންޑްގެ ޗެލްސީ އާއި ބްރެޒިލްގެ ޕަލްމެއިރާސް އެ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

މުބާރާތުގެ ގަދަ 16 ގެ ބުރުގައި ރޭ ކުޅުނު މެޗުގައި އިތުރު ވަގުތުގެ ކުޅުމަށްފަހު ޗެލްސީ ވަނީ 4-1 އިން ޕޯޗުގަލްގެ ބެންފީކާ ބަލިކޮށްފައެވެ.

ނޯތު ކެރޮލައިނާގައި ހުންނަ ބޭންކް އޮފް އެމެރިކާ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ގޯލެއް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ.

ޗެލްސީން ލީޑު ނެގީ 64 ވަނަ މިނެޓުގައި ހިލޭޖެހުމަކުން އެ ޓީމުގެ ކެޕްޓަން، ރީސް ޖޭމްސް ވައްދާލި ލަނޑުންނެވެ. މި ގޯލާއެކު ޗެލްސީ މޮޅުވާން ދަނިކޮށް، މެޗު މެދުކަނޑާލަން ޖެހުނީ މޫސުން ގޯސްވެ، ތޫފާންގެ ސަބަބުން ވިއްސާރަވެ ހޮނު އެޅުމުންނެވެ. ކުޅުން މެދުކެނޑުމަށް ފަހު މެޗުގެ ބާކީ ބައި ކުރިއަށްގެންދެވޭ ވަރު ވީ ގާތްގަނޑަކަށް ދެ ގަޑިއިރު ފަހުންނެވެ.

ޕަލްމެއިރާސްއާ ބޮޓަފޯގޯ ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: ރޮއިޓާސް

އަލުން މެޗު ފެށިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ބެންފީކާގެ އާޖެންޓީނާ މިޑްފީލްޑަރު، ޖިއަންލޫކަ ޕްރެސްޓިއަނީ އަށް ސީދާ ރަތް ކާޑު ދެއްކުމުން އެ ޓީމަށް މައްސަލަތައް ކުރިމަތިވިއެވެ. އެކަމަކު، އެ ޓީމުން ވަނީ އިތުރުވަގުތުގެ ފަސްވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އެންހެލް ޑި މާރިއާގެ އެހީގައި ނަތީޖާ އެއްވަރުކޮށްފައެވެ.

މެޗުން ޗެލްސީ މޮޅުވީ، ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ 15 މިނެޓުގެ ދެ ހާފުގެ ތެރެއިން ފަހު ހާފުގައި ޖެހި ތިން ލަނޑުންނެވެ. އެގޮތުން، އެ ޓީމަށް ލީޑު ނަގައިދިނީ 108 ވަނަ މިނެޓުގައި ކްރިސްޓޮފާ އެންކުންކޫ އެވެ. އަދި، އޭގެފަހުން، މެޗުގެ 115 އާއި 117 ވަނަ މިނެޓުގައި ޕެޑްރޯ ނެޓޯ އާއި ކިއެނާން-ޑޫސްބަރީ ހޯލް ވަނީ ޗެލްސީ އަށް މޮޅު ކަށަވަރުކޮށްދީފައެވެ.

މި މުބާރާތުގެ ނޮކްއައުޓް ބުރުގައި ރޭ ކުޅުނު އަނެއް މެޗުގައި ބްރެޒިލްގެ ދެ ޓީމުގެ ކުރިމަތިލުމުގައި ބޮޓަފޯގޯގެ މައްޗަށް ޕަލްމެއިރާސް ކުރިހޯދީ ވެސް އިތުރު ވަގުތުގެ 15 މިނެޓުގެ ދެ ހާފުގެ ކުޅުމަށްފަހު އެވެ.

މި މެޗުގައި ޕަލްމެއިރާސްގެ ހަމައެކަނި ލަނޑު ޖެހީ، 100 ވަނަ މިނެޓުގައި ޕައުލީނިއޯ އެވެ. އޭގެފަހުން، މެޗު ނިމެންދަނިކޮށް، ޕަލްމެއިރާސްގެ ޑިފެންޑަރު، ގުސްޓާވޯ ގޯމޭޒަށް ސީދާ ރަތް ކާޑު ދެއްކުމުން އެ ޓީމުން ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

ކިޔުންތެރިންގެ ހިޔާލު