ENGLISH

01 ޖުލައި 2025

Advertisement

އެފްއޭއެމްގެ އާ ޤަވާއިދުގެ ދަށުން، އިންތިޚާބުގައި ބައްސާމަށް ވާދަނުކުރެވޭނެ

29 ޖޫން 2025

|

މުޙައްމަދު އަދުހަމް

އެފްއޭއެމްގެ ކުރީގެ ރައީސް، ބައްސާމް. ފޮޓޯ: މިހާރު

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލިއިރު، އައު އަސާސީ ޤަވާއިދުގެ ދަށުން ކަނޑައަޅާފައިވާ ޝަރުތުތަކުގެ ސަބަބުން، އެ އެސޯސިއޭޝަންގެ ރައީސްކަމަށް ކުރިމަތިލުމުގެ ފުރުޞަތު ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ބަންދުވެއްޖެއެވެ.

އެފްއޭއެމް އިން އިއްޔެ ގެޒެޓްގައި ޢާއްމުކޮށްފައިވާ އިޢްލާނުގައިވާގޮތުން، ކެނޑިޑޭޓުންގެ ޝަރުތުތަކުގެ ތެރޭގައި ނަޒާހަތްތެރިކަމާ ގުޅުންހުރި އެއްވެސް މައްސަލައެއްގައި ފީފާ އިން ފިޔަވަޅު އަޅާފައިވާ މީހަކަށް ނުވުމާއި، ކުރިމަތިލާ ކެނޑިޑޭޓެއްގެ މަދަނީ އަދި ޖިނާއީ ދައުވާއެއް އުފުލާފައިވާ މީހަކަށް ވެގެން ނުވާނެ އެވެ.

އެހެންކަމުން، މި ދެ ޝަރުތުންކުރެ އެއްވެސް ޝަރުތެއް ބައްސާމްގެ ފުރިހަމަނުވާތީ، ކުރިއަށް އޮތް އެފްއޭއެމްގެ އިންތިޚާބުގައި އޭނާ އަށް ވާދަކުރުމުގެ ފުރުޞަތު ވަނީ ގެއްލިފައެވެ.

މިދިޔަ އަހަރުގެ ޖޫން މަހު ފީފާގެ މިނިވަން އެތިކްސް ކޮމިޓީން ވަނީ ކޮރަޕްޝަންގެ ތުހުމަތުތަކެއްގައި، ނުވަ މަސް ދުވަހަށް ބައްސާމް ސަސްޕެންޑްކޮށްފައެވެ. މީގެއިތުރުން، ބައްސާމްގެ މައްޗަށް ރާއްޖޭ ކޯޓުތަކުގައި ޚިޔާނާތާއި މަނީ ލޯންޑަރިންގެ މައްސަލަތަކެއްގެ ތުހުމަތުކޮށް، ވަނީ ދައުވާ އުފުލާފައެވެ.

އެފްއޭއެމުން މިދިޔަ އަހަރު ދެވަނަ ފަހަރަށް ބާއްވަން މަސައްކަތްކުރި އިންތިޚާބުގައި ބައްސާމް ވާދަކުރިއެވެ. ބައްސާމްގެ އިތުރުން އެ އިންތިޚާބަށް ކުރިމަތިލީ އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް އަހުމަދު ތޯރިޤް (ޓޮމް) އެވެ. އެކަމަކު، ފީފާ އިން އެ އިންތިޚާބު ހުއްޓުވިއެވެ.

އޭގެފަހުން، އެފްއޭއެމްގެ ކަންކަން ރަނގަޅު ކުރުމުގެ ގޮތުން ހުރިހާ މަސައްކަތެއް ކުރީ ނޯމަލައިޒޭޝަން ކޮމިޓީގެ ބެލުމުގެ ދަށުންނެވެ. އޭގެތެރޭގައި އަސާސީ ޤަވާއިދު އިސްލާހުކުރުން ހިމެނެއެވެ.

އެކްސްކޯ އެކުލެވިގެންވާ ގޮތް:

- ރައީސް

- ފުރަތަމަ ނުވަތަ ސީނިއާ ނައިބު ރައީސް

- ދެވަނަ ނައިބު ރައީސް

- އެކްސްކޯގެ އާންމު ހަތް މެންބަރުން

އިންތިޚާބުގެ ޓައިމްލައިން:

- ޖޫން 28: އިންތިޚާބު އިއުލާންކޮށް ކުރިމަތިލާން ހުޅުވާލުން

- ޖުލައި 6: އިންތިޚާބަށް ކެންޑިޑެސީ ފޯމު ހުށަހެޅުމުގެ ފަހު ތާރީޚު

- ޖުލައި 9: ކެންޑިޑެސީ ފޯމުގައި ފުރިހަމަނުވެ ހުރި ކަންކަމަކީ ކޮބައިކަން ކެންޑިޑޭޓުންނަށް އަންގަން ޖެހޭ އެންމެ ފަހު ތާރީޚު

- ޖުލައި 13: ކެންޑިޑެސީ ފޯމުގައި ފުރިހަމަނުވެ ހުރި މާއުލޫމާތު ފުރިހަމަ ކުރުމަށްފަހު އަލުން ހުށަހަޅަން ޖެހޭ އެންމެ ފަހު ތާރީޚު

- ޖުލައި 15: ކެންޑިޑެސީ ފޯމާ މެދު އިލެކްޓޯރަލް ކޮމިޓީން ނިންމި ގޮތް އަންގަންޖެހޭ އެންމެ ފަހު ތާރީޚު

- ޖުލައި 16: އިންތިޚާބުގެ 10 ދުވަސްކުރިން ބާއްވާ ފައިނަލު ބައްދަލުވުން (އެ ބައްދަލުވުމުގައި އިންތިޚީބީ ކޮންގްރެސްގެ އެޖެންޑާ އާއި ކެންޑިޑޭޓުންގެ ރަސްމީ ލިސްޓު ކެންޑިޑޭޓް ނަންބަރު ތަރުތީބުކޮށްފައިވާ ގޮތަށް އިއުލާން ކުރުން ހިމެނެ އެވެ.)

- ޖުލައި 26 އިންތިޚާބީ ކޮންގްރެސް ބާއްވާ ތާރީޚު

ނޯމަލައިޒޭޝަން ކޮމިޓީގެ ބެލުމުގެ ދަށުން ބާއްވާ އެފްއޭއެމްގެ އިންތިޚާބަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ ޖުލައި މަހުގެ 6 ވާ އާދީއްތަ ދުވަހެވެ. އިންތިޚާބު އޮންނާނީ ޖުލައި 26 ގައެވެ. ނޯމަލައިޒޭޝަން ކޮމިޓީގެ ދައުރު ވެސް އަންނަ މަހުގެ ނިޔަލަށް ހަމަވާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު