ENGLISH

01 ޖުލައި 2025

Advertisement

ނިއު ރޭޑިއަންޓާއި ވިކްޓްރީ އަށް އަލުން އެފްއޭއެމްގެ މެންބަރުކަން

27 ޖޫން 2025

|

މުޙައްމަދު އަދުހަމް

ނިއު އާއި ވިކްޓްރީ ބައްދަލުކުރި މެޗެއްގެ ތެރެއިން. ފޮޓޯ: މިހާރު

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ފާސްކުރި އައު އަސާސީ ޤަވާއިދާއެކު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ވިކްޓްރީ ސްޕޯޓްސް ކްލަބަށް އަލުން އެ އެސޯސިއޭޝަނުގެ މެންބަރުކަން ލިބިއްޖެއެވެ.

މީގެ ހަ ވަރަކަށް އަހަރުކުރީން، 2019 ވަނަ އަހަރުގެ ޖަނަވަރީ މަހުގައި އެފްއޭއެމް އިން ވަނީ ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލައިގައި ނިއު ސަސްޕެންޑްކޮށްފައެވެ.

ހަމަ، އެ އަހަރުގެ ޑިސެންބަރު މަހުގައި މުސާރައިގެ އިތުރުން އިދާރީ ކަންކަމުގެ މައްސަލަތަކެއް ފާހަގަކޮށް، ވިކްޓްރީ ވެސް ވަނީ ސަސްޕެންޑްކޮށްފައެވެ. އެ ދެ ކްލަބުގެ ސަސްޕެންޝަން އުވާލީ މީގެ ދެ އަހަރު ކުރީންނެވެ.

ވިކްޓަރީ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވެފައިވާއިރު، ނިއު އަދި ވެސް އޮތީ ދެވަނަ ޑިވިޝަނުގައެވެ. ދެ ޓީމުން ވެސް ސަސްޕެންޝަނުން އެނބުރި އައިސް، މީގެ ތިން އަހަރު ކުރިން ފެށިގެން އަންނަނީ ދެވަނަ ޑިވިޝަނުގައި ވާދަކުރަމުންނެވެ. 

ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ފާހަގަކޮށްލެވޭ ދެ ކްލަބު ކަމަށްވާ، ނިއު އާއި ވިކްޓްރީ އަށް އެފްއޭއެމްގެ މެންބަރުކަން އަލުން ލިބުމުގެ ފުރުޞަތު ފަހިވެގެންދިޔައީ، މިއަދު ބޭއްވި ޢާއްމު ކޮންގްރެސްގައި ފާސްކުރި އައު އަސާސީ ޤަވާއިދުގައި އެ ދެ ކްލަބު ނިސްބަތްވާ ޑިވިޝަނުގެ މެންބަރު ކްލަބުތަކުގެ އަދަދު އިތުރު ކުރުމުންނެވެ. މިއާއެކު، ފުރަތަމަ ޑިވިޝަނުގައި އޮންނާނީ 10 ކްލަބެވެ. އަދި، ދެވަނަ ޑިވިޝަނުގައި ހިމެނެނީ 13 ކްލަބެވެ.

މި ނިންމުމާއެކު، އަންނަ މަހުގެ 26 ވަނަ ދުވަހު ބާއްވާ އެފްއޭއެމްގެ ހިންގާ ކޮމިޓީގެ ކޮންގްރެސްގައި އެ ދެ ކްލަބަށް ވެސް ތަމްސީލުކުރުމުގެ ފުރުޞަތު ލިބިގެންދާނެ އެވެ.

މިއަދުގެ ކޮންގްރެސްގައި ބައިވެރިވާން ދެކޮޅުހަދައި، ބޮއިކޮޓްކުރީ ހަމައެކަނި ދެ ކްލަބަކީ ކްލަބް އީގަލްސް އާއި ޔުނައިޓެޑް ވިކްޓްރީ އެވެ.

ކިޔުންތެރިންގެ ހިޔާލު