ENGLISH

01 ޖުލައި 2025

Advertisement

އެފްއޭއެމްގެ ކޮންގްރެސްގައި އަސާސީ ޤަވާއިދަށް ބަދަލުތަކެއް ގެނެސް ފާސްކޮށްފި

27 ޖޫން 2025

|

މުޙައްމަދު އަދުހަމް

އެފްއޭއެމް ކޮންގްރެސްގެ ތެރެއިން. ފޮޓޯ: އިމޭޖަސް.އެމްވީ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޢާއްމު ކޮންގްރެސްގައި ބައިވެރިވި ހުރިހާ މެންބަރު ކްލަބުތަކުގެ އިއްތިފާޤުން އެ އެސޯސިއޭޝަނުގެ އައު އަސާސީ ޤަވާއިދު މިއަދު ފާސްކޮށްފިއެވެ.

މި ކޮންގްރެސް އަކީ ފީފާ އިން އެފްއޭއެމްގެ ހިންގުން ނޯމަލައިޒޭޝަން ކޮމިޓީއާ ހަވާލުކުރި ފަހުން ބޭއްވުނު ފުރަތަމަ ޢާއްމު ކޮންގްރެސް އެވެ. މިއީ 2022 ވަނަ އަހަރަށްފަހު އެފްއޭއެމްގެ ޢާއްމު ކޮންގްރެސްއެއް ބޭއްވުނު ފުރަތަމަ ފަހަރު ވެސް މެއެވެ.

މީރުމާ ހޮޓެލްގައި މިއަދު ކުރިއަށްދިޔަ ކޮންގްރެސްގައި ވަނީ މުހިއްމު ގިނަ ކަންތައްތަކެއް ފާސްކޮށްފައެވެ. އެގޮތުން، އެފްއޭއެމްގެ 2023 އަދި 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި، އެ އަހަރުތަކުގެ އޮޑިޓްކޮށްފައިވާ މާލީ ބަޔާންތައް ހުށަހަޅައި ވަނީ ފާސްކޮށްފައެވެ. އަދި، 2025 ވަނަ އަހަރުގެ ބަޖެޓުވެސް ވަނީ ފާސްކޮށްފައެވެ.

މީގެއިތުރުން، ނޯމަލައިޒޭޝަން ކޮމިޓީގެ މެންޑޭޓުގައި ހިމެނޭ އެންމެ މުހިއްމު އެއް މަސައްކަތްކަމަށްވާ، އެފްއޭއެމްގެ ހިންގާ ޤަވާއިދު އިސްލާހުކުރުންވެސް ވަނީ މިއަދުގެ ކޮންގްރެސްގައި ފުރިހަމަކޮށްފައެވެ.

މިއަދުގެ ކޮންގްރެސްގައި އިސްލާހުކުރެވުނު ހިންގާ ޤަވާއިދަކީ، ފީފާ އާއި އޭއެފްސީގެ ލަފަޔާއެކު، އަދި އެފްއޭއެމްގެ މެންބަރުންނާ އެކިފަހަރުމަތިން މަޝްވަރާކުރެވި، ފީފާ އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް އެކުލަވާލެވުނު ޤަވާއިދެކެވެ.

މި ޤަވާއިދުގައި ހިމަނާފައިވާ މުހިއްމު ކަންތައްތަކުގެ ތެރޭގައި؛

  • ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަނުގައި މިހާރު ކުޅެމުންދާ އެންމެހާ ކްލަބްތައް މެންބަރުންގެ ގޮތުގައި ކަނޑައެޅުން
  • އަލަށް ހޮވޭ ހިންގާ ކޮމިޓީން ރީޖަނަލް އެސޯސިއޭޝަންތައް ކަނޑައަޅަންޖެހޭ ގޮތަށް އިންތިޤާލީ މާއްދާގައި ބަޔާންކުރުން. މިގޮތުން، ކުޅިވަރުގެ ޤާނޫނަށް ގެނެވުނު އެންމެ ފަހުގެ އިސްލާހުގެ ދަށުން އެކުލަވާލާ ގަވާއިދުގައި ރީޖަނަލް އެސޯޝިއޭޝަންތަކުގެ އޮނިގަނޑު ސަރުކާރުން ކަނޑައެޅުމާއެކު، ހިންގާ ގަވާއިދުގެ ދަށުން އެ އެސޯސިއޭޝަންތައް ގާއިމުކުރުމަށް ކަނޑައެޅުން.
  • ރީޖަނަލް މުބާރާތްތައް ބޭއްވުމުގައި ހިންގާ ކޮމިޓީން ކަނޑައަޅާ ގޮތެއްގެ މަތީން ބޭއްވުމުގެ އިހްތިޔާރުދިނުން.
  • ހިންގާ ގަވާއިދަށް އަމަލުކުރަން ފަށާތާ 1 އަހަރު ދުވަހުގެ ތެރޭގައި، އަލަށް ހޮވޭ ހިންގާ ކޮމިޓީން އަންހެނުންގެ ފުޓްބޯޅަ މުބާރާތުގެ އޮނިގަނޑެއް އެކުލަވާލައި ކޮންގްރެސްއަށް ހުށަހަޅަންޖެހޭކަމަށް ކަނޑައެޅުން.
  • ހިންގާ ކޮމިޓީގައި މަދުވެގެން 2 (ދޭއް) އަންހެން މަންދޫބުން ތިބެންޖެހޭނެ ކަމަށް ކަނޑައެޅުން.
  • އޮޑިޓް އެންޑް ކޮމްޕްލަޔަންސް އަދި ޖުޑީޝަލް ބޮޑީތަކުގެ މިނިވަންކަން ކަށަވަރުކުރުމަށް ހުރި މިންގަނޑުތައް އިތުރަށް ހަރުދަނާކޮށް، ކޮންފްލިކްޓް އޮފް އިންޓަރެސްޓް އަދި އިންޓެގްރިޓީ ޗެކްސް ހިމެނުން.
  • މާލީ ހިންގުމާ ބެހޭ މަޢުލޫމާތާއި، އޮޑިޓް ރިޕޯޓާއި، އޮޑިޓް އެންޑް ކޮމްޕްލަޔަންސް ކޮމިޓީގެ އަހަރީ ރިޕޯޓާއި، ހިންގާ ކޮމިޓީގެ މެންބަރުންނަށްދޭ މުސާރައާއި އިނާޔަތްތަކާ ބެހޭ މަޢުލޫމާތު ޝާއިޢުކުރަންޖެހޭގޮތަށް ކަނޑައެޅުން.
  • ފައިސާގެ ބޮޑެތި މުޢާމަލާތްތަކާއި، ޚަރަދުތަކާއި، އިންވެސްޓްމަންޓްތަކާއި، އެއްބަސްވުންތައް ހިންގާ ކޮމިޓީގެ ހުއްދަ ހޯދައިގެން މެނުވީ ނުކުރެވޭ ގޮތަށް ކަނޑައެޅުން.

އަދި، މީގެއިތުރުން، އެފްއޭއެމްގެ އައު އިލެކްޓޯރަލް ކޯޑު ކޮންގްރެސްގައި ފާސްކޮށް، އައު ހިންގާ ކޮމިޓީގެ އިންތިހާބު ބާއްވާނެ ތާރީޚުވެސް ވަނީ ކަނޑައަޅާފައެވެ. އެގޮތުން، ނޯމަލައިޒޭޝަން ކޮމިޓީގެ 1 އަހަރު ދުވަހުގެ މެންޑޭޓް އަންނަ މަހުގެ ނިޔަލަށް ހަމަވުމުގެ ކުރީން، ޖުލައި 26 ވަނަ ދުވަހު، އެފްއޭއެމްގެ ހިންގާ ކޮމިޓީގެ އިންތިހާބު ބޭއްވުމަށް ވަނީ ފާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު