ENGLISH
27 ޖޫން 2025
ފުޓްސަލް އޭޝިއަން ކަޕްގައި ރާއްޖެ، އަފްޣާނިސްތާން އެއް ގްރޫޕަކަށް
26 ޖޫން 2025
|
މީގެކުރީން ކުޅުނު މެޗެއްގެ ކުރީން ރާއްޖޭގެ ފުޓްސަލް ޓީމު. --ފޮޓޯ: ފުޓްސަލް ޓީމު
ދެހާސް ސައްބީސް ވަނަ އަހަރު އިންޑޮނޭޝިއާގައި ބާއްވާ އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕަށް ކުޅޭ ކޮލިފައިންގައި އަފްޣާނިސްތާނާއި، މިޔަންމާ އާއެކު ރާއްޖޭން ގްރޫޕް އެޗްގައި ލައްވާލައިފިއެވެ.
ރާއްޖެ ހިމެނޭ ގްރޫޕްގެ ކޮލިފައިންގ މެޗުތައް އަންނަ ސެޕްޓެންބަރު މަހުގެ 20-24 ދެމެދު ކުރިއަށްދާނީ މިޔަންމާ ގައެވެ.
މި ގްރޫޕުގައި ހިމެނޭ މިޔަންމާ އާއި އަފްޣާނިސްތާނަކީ ވެސް ފުޓްސަލް ރޭންކިންގައި ރާއްޖެ އަށް ވުރެ ކުރީގައި އުޅޭ ދެ ޤައުމެވެ. އޭޝިއާ ބައްރުގެ އެންމެ ގަދަ 10 ގެ ތެރޭގައި މިވަގުތު ހިމެނޭ އަފްޣާނިސްތާން އޮތީ ދުނިޔޭގެ ރޭންކިންގެ 33 ވަނައިގައެވެ. މިޔަންމާ 56 ވަނައިގައި އުޅޭއިރު، ރާއްޖެ އޮތީ ދުނިޔޭގެ ރޭންކިންގެ 106 ވަނައިގައެވެ.
އަންނަ އަހަރުގެ ޖަނަވަރީ 27 އިން ފެބުރުއަރީ 7 ގެ ނިޔަލަށް ތާވަލްކޮށްފައިވާ މުބާރާތުގެ ހޯސްޓުގެ ގޮތުގައި އިންޑޮނޭޝިއާ އަށް އޮޓޮމެޓިކް ޖާގައެއް ލިބިފައިވާއިރު، ބާކީ 15 ޖާގަ ކަނޑައެޅިގެންދާނީ ކޮލިފިކޭޝަން ބުރުގައި ވާދަކުރާ 31 ޓީމު ބަހާލެވިފައިވާ 8 ގްރޫޕުގެ މެޗުތަކަށްފަހު އެވެ.
އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕްގެ ކޮލިފައިންގެ ގްރޫޕްތައް ބެހިފައިވާ ގޮތް. ފޮޓޯ: އޭއެފްސީ
އެގޮތުން، މުބާރާތުގެ ކޮލިފިކޭޝަން ބުރުގައި ހިމެނޭ 8 ގްރޫޕުގެ އެއްވަނަ މަގާމު ހޯދާ ޓީމުތަކުގެ އިތުރުން، ހުރިހާ ގްރޫޕަކުން ދެވަނައަށްދާ 8 ޓީމުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ހަތް ޓީމަކަށްވެސް އޮޓޮމެޓިކް ޖާގަ ލިބޭނެ އެވެ.
ރާއްޖޭން އެންމެ ފަހުން ފުޓްސަލް އޭޝިއަން ކަޕްގެ ކޮލިފައިންގައި ކުޅުނީ 2023 ވަނަ އަހަރު އެވެ. އެފަހަރު ރާއްޖެ ހިމެނުނީ އޭޝިއާ ބައްރުގެ ޗެމްޕިއަންކަން އެންމެ ގިނަ ފަހަރު ހޯދާފައިވާ އީރާންގެ އިތުރުން ލެބަނަން އަދި ކިރްގިސްތާނާ އެއް ގްރޫޕެއްގައެވެ. އީރާން އަތުން 18-2 އިން ބަލިވިއިރު، ލެބަނަން އަތުން ބަލިވީ 6-1 އިންނެވެ. އަދި، ފަހު މެޗުގައި ކިރްގިސްތާން އަތުން ބަލިވީ 8-3 އިންނެވެ.
އަންނަ އަހަރު އިންޑޮނޭޝިއާގައި ބޭއްވުމަށް ތާވަލްކުރެވިފައިވާ މުބާރާތުގެ ކޮލިފައިންގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ ސެޕްޓެންބަރު މަހުގެ 20 ވަނަ ދުވަހު ބައްދަލުކުރާނީ އަފްޣާނިސްތާނާ އެވެ. އޭގެ ދެ ދުވަސްފަހުން ރާއްޖޭގެ ފަހު މެޗުގައި ނިކުންނާނީ މިޔަންމާއާ ދެކޮޅަށެވެ.