ENGLISH
01 ޖުލައި 2025
އަންހެން ފުޓްބޯޅަ ޓީމު އޮތީ ރަނގަޅަށް ތައްޔާރުވެފައި، ކުރިއަށްވުރެ ނަތީޖާތައް ރަނގަޅުކުރާނަން: އާތީ
27 ޖޫން 2025
|
އަންހެން ޤައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު، އާތީ. ފޮޓޯ: މަސްއޮޑި
ދެހާސް ސައްބީސް ވަނަ އަހަރު ބާއްވާ އޭއެފްސީ ވިމެންސް އޭޝިއަން ކަޕްގެ ކޮލިފައިންގ މެޗުތަކަށް ފަރިތަކުރުމަށް ލިބުނު އެއްމަސް ދުވަހުގެ ތެރޭގައި އަންހެން ޤައުމީ ފުޓްބޯޅަ ޓީމު އެންމެ ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށް ކޯޗު، މުހައްމަދު އާތިފް (އާތީ) ބުނެފިއެވެ.
އާތީ މިހެން ބުނީ، ވިއެޓްނާމަށް ފުރުމުގެކުރީން، އެމްއެމްޓީވީ އަށް ދިން ހާއްސަ އިންޓަވިއުއެއްގައެވެ.
އޮސްޓްރޭލިއާގައި އަންނަ އަހަރު ބާއްވާ މުބާރާތުގެ ކޮލިފިކޭޝަންގައި ރާއްޖެ އަށް ކުރިއަށްހުރި މެޗުތަކާ ބެހޭގޮތުން އާތީ ބުނީ، ރާއްޖޭން ވާދަކުރާ ޓީމުތަކާއެކު މީގެކުރީން ކުޅެފައިވުމާއެކު އަމާޒަކީ ކުރިއަށްވުރެ އެ ޓީމުތަކާ ދެކޮޅަށް ނަތީޖާތައް ރަނގަޅުކުރުން ކަމަށެވެ.
އަދި، ރާއްޖޭ ޓީމުގެ ވަކިވަކި ކުޅުންތެރިން މިދިޔަ ދުވަސްތަކުގައި ގިނަ ކުރިއެރުންތަކެއް ހޯދާފައިވުމާއެކު ނަތީޖާތައް ރަނގަޅުކުރެވޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށް ވެސް އާތީ ބުންޏެވެ.
މިވަގުތު ޓީމުގައި އަނިޔާގެ އިތުރުން ފިޓްނަސްއާ ގުޅުންހުރި މައްސަލައެއް ވެސް ނެތް ކަމަށާއި، ކޮލިފިކޭޝަން މެޗުތަކަށް ތައްޔާރުވުމަށް ލިބުނު ކުޑަ މުއްދަތުގައި ޓީމުގެ މެނޭޖްމަންޓާއި، އޮފިޝަލުންނާއި ކުޅުންތެރިންގެ ފަރާތުން ވެސް ފުރިހަމަ އަށް ބައިވެރިވުން ލިބިފައިވާ ކަމަށް ވެސް އާތީ ފާހަގަކުރިއެވެ.
ކުރިއަށްހުރި މެޗުތަކުގެ އަލީގައި، މިހާރު ތިބި ޒުވާން ކުޅުންތެރިންނަށްވެސް އިތުރު ތަޖުރިބާ ލިބި އެ ކުޅިވަރަށް އޮންނަ ލޯތްބާއި، ޝައުގުވެރިކަމާއި، ދޭންވާ ސަމާލުކަން އިތުރުވެގެންދާނެ ކަމަށް އުއްމީދުކުރާކަމަށް ވެސް އާތީ ބުންޏެވެ.
"ހާސިލްކުރަން ބޭނުންވަނީ، މި ކުދިންނަކީ ޤައުމަށްޓަކައި ބޯޅަ ކުޅޭ ކުދިންކަން ދެކެލަން. ދަނޑަށް އަރާ ކުޅެލުމުގެ ބަދަލުގައި ޤައުމު ތަމްސީލުކޮށް، އެއީ ކިހާ މުހިއްމުކަމެއްކަން ދަނެ، ދަނޑުމަތީގައި އެވާ ޤުރުބާނީ ދެކެލަން ބޭނުމީ. ދަސްވެފަ ހުރި އެއްޗެއް ދަނޑުމަތީގައި އެ ކުދިން އިމްޕްލިމެންޓްކުރާތަން ދެކުން އެއީ އެންމެ ބޮޑު އުއްމީދަކީ،" - އަންހެން ޤައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު، މުހައްމަދު އާތިފް (އާތީ)
މި މަހުގެ 29 އިން އަންނަ ޖުލައި މަހުގެ 5 ގެ ނިޔަލަށް ވިއެޓްނާމްގައި ކުރިއަށްދާ ވިމެންސް އޭޝިއަން ކަޕްގެ ކޮލިފައިންގެ ގްރޫޕް އީގެ މެޗުތަކުގައި ރާއްޖެ އާއި ވިއެޓްނާމްގެ އިތުރުން ދެން ވާދަކުރަނީ، ގުއާމް އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އެވެ.
ވިމެންސް އޭޝިއަން ކަޕްގެ ކޮލިފިކޭޝަންގައި ރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމު ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 29 ވަނަ ދުވަހު ނުކުންނާނީ ވިއެޓްނާމާ ދެކޮޅަށެވެ. އެއަށްފަހު، އަންނަ ޖުލައި މަހުގެ 2 ވަނަ ދުވަހު ގުއާމްއާ ދެކޮޅަށް ނުކުތުމަށްފަހު، އޭގެ ތިން ދުވަސްފަހުން ބައްދަލުކުރާނީ ޔޫއޭއީ އާއެވެ.