ENGLISH
26 ޖޫން 2025
އެޗްޑީސީ އާއި ސިފައިން އަދި ހުރާ ފެށީ މޮޅަކުން
25 ޖޫން 2025
|
މީގެކުރީން އެޗްޑީސީ ކުޅުނު މެޗެއްގެ ތެރެއިން. ފޮޓޯ: އެމްއެމް
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމްކޮށްގެން ބާއްވާ މައިލޯ ވީއޭއެމް ކަޕްގެ ފިރިހެން ޑިވިޝަނުގެ ފައިނަލް ބުރުގެ ފުރަތަމަ މެޗުތަކުން ކްލަބް އެޗްޑީސީ އާއި ދިވެހި ސިފައިންގެ ކުލަބު އަދި ހުރާ ކޮމިއުނިޓީ ކްލަބުން މޮޅުވެއްޖެއެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި މިއަދު މެންދުރު ކުޅުނު މެޗުގައި ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން ސިފައިން މޮޅުވީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ސިފައިން ކާމިޔާބުކުރީ 25-21، 25-23، އަދި 25-21 އިންނެވެ.
މުބާރާތުގައި މިއަދު ކުޅުނު ދެވަނަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން، އެޗްޑީސީން ބްލޫސް ފޯރ ވޮލީބޯލް އަތުން މޮޅުވީ ވެސް ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް އެޗްޑީސީން ގެންދިޔައީ، 28-26، 25-15، އަދި 25-20 އިންނެވެ.
މިރޭ ކުޅުނު މެޗުގައި ސްޕޯޓްސް ކްލަބް ސިޓީ އަތުން ހުރާ ކޮމިއުނިޓީ ކްލަބް މޮޅުވީ ވެސް ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ހުރާ ޓީމު ކާމިޔާބުކުރީ 25-11، 25-17، އަދި 25-21 އިންނެވެ.
މި ފަހަރުގެ ވީއޭއެމް ކަޕްގައި ވާދަކުރާ އަށް ޓީމު ވަނީ ދެ ގްރޫޕަކަށް ބަހާލައިފައެވެ. ގްރޫޕް އޭ ގައި ހިމެނެނީ؛ ކުލަބު އެޗްޑީސީ، ހުރާ ކޮމިއުނިޓީ ކުލަބު، ސްޕޯޓްސް ކުލަބު ސިޓީ އަދި ބުލޫސް ފޯރ ވޮލީބޯލްއެވެ. އަދި ގްރޫޕް ބީ ގައި ހިމެނެނީ؛ ދިވެހި ސިފައިންގެ ކްލަބް، ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް، ޕޮލިސް ކްލަބު އަދި ދަ ސަދާން ސްޕޯޓްސް ކްލަބެވެ.
މި މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ކުޅުމަށްފަހު ދެ ގްރޫޕުން އެންމެ ކުރިހޯދާ ދެ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާނެ އެވެ.
މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ޖުލައި މަހުގެ 2 ވަނަ ދުވަހު އެވެ.