ENGLISH
26 ޖޫން 2025
ރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމާ ވަޒީރު ބައްދަލުކުރައްވައިފި
25 ޖޫން 2025
|
ރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމު. ފޮޓޯ: ޕީއެސްއެމް
ދެހާސް ސައްބީސް ވަނަ އަހަރު އޮސްޓްރޭލިއާގައި ބާއްވާ އޭއެފްސީ ވިމެންސް އޭޝިއަން ކަޕްގެ ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމާ ބައްދަލުކުރައްވައި އެ ޓީމަށް، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ހިތްވަރުދެއްވައިފިއެވެ.
ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި ބޭއްވުނު ބައްދަލުވުމުގައި ކުޅިވަރު ވަޒީރު ވަނީ، ޓީމެއްގެ ގޮތުގައި ރަނގަޅު ޑިސިޕްލިންއާއެކު މެޗުތަކާ ކުރިމަތިލުމަށް ހުރިހާ ކުޅުންތެރިންގެ ކިބައިން އެދިވަޑައިގެންފައެވެ. އެގޮތުން، ވަގުތަށް ފަރުވާތެރިވުމާއި، ކޯޗުންގެ އިރުޝާދާ އެއްގޮތަށް ހުރިހާ ކަމެއް ބައްޓަންކުރުން މުހިއްމުކަމަށް ވަޒީރު ވިދާޅުވިއެވެ.
ޤައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނާ ބައްދަލުކުރައްވާ ވަޒީރު ރާފިޢު ވަނީ، ޤައުމީ ޓީމު ތަމްސީލުކުރަން ލިބޭ ކޮންމެ ފުރުޞަތެއްގައިވެސް ކުޅިވަރުގެ ރިވެތި އަޚުލާޤާއި، ޤައުމީ ރޫޚާއެކު ކުޅުމަށް ކުޅުންތެރިންނަށް ގޮވާލައްވާފައެވެ.
އަބަދުވެސް އިމްޕްރޫވްކުރަން ޖެހޭ ކަންކަން ހަނދާނުގައި ބަހައްޓައިގެން އެކަން ރަނގަޅުކޮށްގެން، ކޮންމެ މެޗަކަށް ނިކުތުމަށާއި، ކުރެވޭ އެންމެ ކުދިކުދި ކަންތަކުންވެސް ތަފާތު ދެއްކޭނެކަން ދަނެގެން ތިބުމަށް ވެސް ވަޒީރު ވަނީ ހަނދާންކޮށްދެއްވާފައެވެ.
މިހާރު އޮތް ހާލަތުގައި ކުރިއަށް މިއޮތް މެޗުތަކާ ކުރިމަތިލުމަށް އަންހެން ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން މިހާތަނަށް ދައްކަމުންއަންނަ ނަމޫނާ އަށް ޝުކުރުވެރިވެ، ހުރިހާ ކުޅުންތެރިންނާ މެދު ފަޚުރުވެރިވާ ކަމަށް ވެސް ވަޒީރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމުގައި އޮފިޝަލުންގެ ގޮތުގައި މިހާރު ތިބި ތަޖުރިބާކާރު ޓީމާއެކު މަސައްކަތްކޮށް، ލިބިފައިމިވާ ފުރުޞަތުގެ ބޭނުން އެންމެ ފުރިހަމަ އަށް ހިފައި، ހުރިހާ ކުޅުންތެރިންގެ 100 ޕަސެންޓް ދީގެން ކުރިއަށް މިއޮތް މެޗުތަކުގައި ރަނގަޅު ޕާފޯމަންސެއް ދިނުމަށް ވެސް ވަޒީރު އެދިވަޑައިގެންނެވިއެވެ.
ވަޒީރުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ، ޓީމުގެ އިސްކޮށް ތިބި މީހުންގެ އިރުޝާދަށް ތަބާވެ، ކުރިއަށްގޮސް، މެޗުތަކުގައި ވާދަކުރުމަށް އެއް އަޒުމެއްގައި ނިކުތުމަށް އެދޭ ކަމަށާއި، ކުރިއަށް މިއޮތް މެޗުތަކުން ކާމިޔާބީއަށް އެދޭ ކަމަށް ވެސް ވިދާޅުވެފައެވެ.
މި މަހުގެ 29 އިން އަންނަ ޖުލައި މަހުގެ 5 ގެ ނިޔަލަށް ވިއެޓްނާމްގައި ކުރިއަށްދާ ވިމެންސް އޭޝިއަން ކަޕްގެ ކޮލިފައިންގެ ގްރޫޕް އީ ގެ މެޗުތަކުގައި ރާއްޖެ އާއި ވިއެޓްނާމްގެ އިތުރުން ދެން ވާދަކުރަނީ، ގުއާމް އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އެވެ.
ވިމެންސް އޭޝިއަން ކަޕްގެ ކޮލިފިކޭޝަން މެޗުތަކުގައި ވާދަކުރާ ރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމަށް އިރުޝާދުދޭނީ ކޯޗު، މުހައްމަދު އާތިފް (އާތީ) އެވެ.