ENGLISH

02 ޖުލައި 2025

Advertisement

ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް ބީއެމްއެލް އިން ޚާއްޞަ ޕްރޮގްރާމެއް

25 ޖޫން 2025

|

ޢަލީ ޙުސައިން

ބޭންކް އޮފް މޯލްޑިވްސް އިން ތިމާވެށި ޙިމާޔަތްކުރުމަށް މަސައްކަތްކުރުމަށް އެހީވުމުގެ ގޮތުން ޚާއްސަ ޕްރޮގްރާމެއް ތަޢާރަފްކޮށްފިއެވެ. "އީއެންވީ ޕޮސްގެ" ނަމުގައި ތަޢާރަފްކުރި މި ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމެވެ.

މިއީ ބީއެމްއެލްގެ ކާޑު މެޝިން ބޭނުންކޮށްގެންކުރާ ކޮންމެ މުޢާމަލާތަކަށް ބޭންކުން ވަކި ޢަދަދެއް ކަނޑައަޅައި، ރާއްޖޭގެ ތިމާވެށި ޙިމާޔަތްކުރުމަށް ކުރެވޭ މަސައްކަތްތަކަށް ހޭދަކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މިޕްރޮގްރާމް ތަޢާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ، އީއެންވީ މުޢާމަލާތްތަކުން ފައިސާ ކަނޑަނީ އާންމުންގެ އަތުން ނުވަތަ ވިޔަފާރިތަކުން ނޫންކަމަށެވެ. މި ފައިސާ ކަނޑާނީ ޢާންމުންކުރާ މުޢާމަލާތްތަކުން ބީއެމްއެލް އަށް ލިބޭ ފައިދާއިން ކަމަށެވެ.

"މިހާރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އީއެންވީ ޕީއޯއެސް މެދުވެރިކޮށް ކުރާ މުއާމަލާތްތަކުން ބޭންކުން ކަނޑައަޅާ އަދަދު ކޮންމެ އަހަރަކު 5.5 މިލިއަން ރުފިޔާ ވަރުވާނެ. އަދި މުޢާމަލާތްތަކުގެ އަދަދު އިތުރުވަމުންދާ ވަރަކަށް، އެއްވެސް ކަސްޓަމަރަކަށްވެސް އަދި ވިޔަފާރިތަކަށްވެސް އެއްވެސް އިތުރު ޚަރަދަކާ ނުލައި، މި ޕްރޮގްރާމަށް ހިއްސާވެވޭ އަދަދުވެސް ދާނީ އިތުރުވަމުން." މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، މިއީ އެއްފަހަރު ހިނގާ ކެޕޭނެއް ނޫންކަމަށާއި ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރުމަކީ ޒިންމާދާރު ކުންފުންޏެއްގެ ޙައިސިއްޔަތުން ބީއެމްއެލްގެވެސް ޒިންމާއެއްކަމަށް ޤަބޫލުކުރާކަމަށެވެ. އޭނާ ވިދާޅުވި މި ޕްރޮގްރާމްގެ ތެރެއިން ފައިސާ ހޭދަކުރާނީ އިތުބާރުހުރި، ކަމުގެ ތަޖުރިބާ ލިބިފައިވާ ޖަމްޢިއްޔާތަކާއި ބައިވެރިންނާ ގުޅިގެން ތިމާވެށި ރައްކާތެރިކުރުމަށް ހިންގޭ މަޝްރޫޢުތަކަށްކަމަށެވެ. މިގޮތުން ރީސައިކަލްކުރުމާއި، ފެހިކަން ގެނުވައިދޭ ޕްރޮޖެކްޓްތަކާއި ކުނި މެނޭޖްކުރުމުގެ މަސައްކަތްތައްކުރުމަށް ހިންގާ މަޝްރޫޢުތަކަށް މިޕްރޮގްރާމުން ހޭދަކުރުމަށް ވަނީ ނިންމާފައެވެ.

ބީއެމްއެލްއިން މިޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. މި ޕްރޮގްރާމާއެކު، އީއެންވީ ޕޮސް މެޝިންތައް މެދުވެރިކޮށް ކުރާ ކޮންމެ މުޢާމަލާތަކުން ކަސްޓަމަރުންނަށް ސީދާގޮތުން ރާއްޖޭގެ ތިމާވެށްޓާއި ކަނޑުފަރުގެ ދިރުންތައް އަންނައޮތް ޖީލުތަކާ ހަމައަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތުގައި ބައިވެރިވެ އެހީތެރިވެދެވޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު