ENGLISH

01 ޖުލައި 2025

Advertisement

ކުޅިވަރުގެ ދާއިރާ އިން އިނގިރޭސިވިލާތާއެކު ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

24 ޖޫން 2025

|

މުޙައްމަދު އަދުހަމް

ކުޅިވަރު ވަޒީރު ރާފިޢު (ކ) އާ އިނގިރޭސިވިލާތުގެ ސަފީރު ނިކޮލަސް ޑޭވިޑް ލޯވ ބޭއްވެވި ބައްދަލުވުމުގެ ތެރެއިން. --ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

އިނގިރޭސިވިލާތުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގައި ކުޅިވަރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު މަޝްވަރާކުރައްވައިފިއެވެ.

ކުޅިވަރާ ބެހޭ ވުޒާރާގައި ބޭއްވި ބައްދަލުވުމުގައި އިނގިރޭސިވިލާތުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ނިކޮލަސް ޑޭވިޑް ލޯވ އާއެކު ވަޒީރު ރާފިޢު ދެއްކެވި ވާހަކަފުޅުގައި ވަނީ، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ ތަރައްޤީކުރުމަށް ދެ ޤައުމުން ގުޅިގެން ދިގު މުއްދަތަކަށް ކުރިއަށްގެންދެވިދާނެ ކަންކަމުގެ މައްޗަށް އަލިއަޅުވާލައިފައެވެ.

މި ބައްދަލުވުމުގައި ވަޒީރު ރާފިޢު ވަނީ، ރާއްޖޭގެ ކުޅިވަރުގެ ހާލަތު ސަފީރާ ހިއްސާކޮށްދެއްވާފައެވެ. އަދި، ދާދިފަހުން ފާސްކުރި ކުޅިވަރުގެ ޤާނޫނަށް ގެނައި ބަދަލުތަކާ ގުޅޭގޮތުން ވެސް މުހިއްމު މަޢުލޫމާތު ވަޒީރު ވަނީ، ސަފީރަށް ދެއްވާފައެވެ.

މީގެއިތުރުން، ކުޅިވަރުގެ ޤާނޫނަށް ގެނެވުނު އިސްލާހުތަކުގެ ސަބަބުން ދިވެހި ކުޅިވަރަށް އަންނާނެ ކުރިއެރުމާއި ހެޔޮބަދަލުތަކާ ގުޅޭގޮތުން ވެސް ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމުގައި މަޝްވަރާކުރި އިތުރު ކަންކަމުގެ ތެރޭގައި، ފަންނީ ދާއިރާތަކުން މީހުން ބިނާކުރުމަށް އިނގިރޭސިވިލާތުގެ އެހީތެރިކަން ހޯދުން ފަދަ ކުޅިވަރުގެ ދާއިރާގެ އެންމެ މުހިއްމު އެއް މަސައްކަތް ހިމެނެއެވެ. އެގޮތުން، އެ ޤައުމުގެ އެހީއާއެކު ކޯޗުންނާއި ރެފްރީން ތަމްރީން ކުރުން ފަދަ ޕްރޮގްރާމްތައް ރާވާ ހިންގުމަށް ވެސް ދެ ބޭފުޅުން މަޝްވަރާކުރައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު