ENGLISH

24 ޖޫން 2025

Advertisement

ބެލިންހަމް ކޮނޑުހުޅުގެ އޮޕަރޭޝަނެއް ކުރަނީ

23 ޖޫން 2025

|

މުޙައްމަދު އަދުހަމް

ރެއާލްގެ މިޑްފީލްޑަރު، ބެލިންހަމް. --ފޮޓޯ: ގެޓީ އިމޭޖަސް

މިހާރު އެމެރިކާގައި ކުރިއަށްދާ ފީފާ ކްލަބް ވޯލްޑް ކަޕް ނިމުމުން، ކޮނޑުހުޅުގެ އޮޕަރޭޝަނެއް ކުރުމަށް ނިންމާފައިވާ ކަމަށް ސްޕެއިނުގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ އިނގިރޭސި މިޑްފީލްޑަރު، ޖޫޑް ބެލިންހަމް ބުނެފިއެވެ.

އުމުރުން 21 އަހަރުގެ ބެލިންހަމް ބުނީ، އޭނާގެ ކޮނޑުހުޅަށް ލިބިފައިވާ އަނިޔާއަށް ފަރުވާނުހޯދައި ދިގު މުއްދަތެއް ވެފައިވާ ކަމަށާއި، މިހާތަނަށް ކުޅެމުންއައިސްފައިވަނީ އެކަން މެނޭޖުކޮށްގެން ކަމަށެވެ.

މީގެ ދެ އަހަރެއްހާ ދުވަސްކުރީން، 2023 ވަނަ އަހަރު ޖަރުމަންގެ ބޮރޫޝިއާ ޑޯޓްމުންޑުން ރެއާލަށް ބަދަލުވެ، މިހާތަނަށް ކުޅެމުންއައީ ކޮނޑުގައި ބެންޑޭޖެއް އަޅައިގެންނެވެ.

ބެލިންހަމްގެ ކޮނޑަށް ލިބިފައިމިވާ އަނިޔާ އެންމެ ފުރަތަމަ ފާހަގަކުރެވިގެންދިޔައީ، ރަޔޯ ވަޔެކާނޯއާ ދެކޮޅަށް ރެއާލް ކުޅުނު މެޗުގައެވެ. އެ ފަހަރު މި އަނިޔާގެ ސަބަބުން 2023 ވަނަ އަހަރުގެ ފަހުކޮޅު ރެއާލްގެ އިތުރުން އިންގްލެންޑްގެ ދެ މެޗެއް ވަނީ ގެއްލިފައެވެ.

މެކްސިކޯގެ ޕަޗޫކާ އަތުން ރެއާލް މޮޅުވި މެޗަށްފަހު ދެއްކި ވާހަކައިގައި ބެލިންހަމް ވަނީ، ކޮނޑުހުޅުގެ އޮޕަރޭޝަން ކުރުމަށް ނިންމި ސަބަބު އޮޅުން ފިލުވައިދީފައެވެ.

"މިހާރު އެހާބޮޑަށް ތަދެއް ނުވޭ. އެކަމަކު އަބަދު އެތަނުގައި ބެންޑޭޖެއް އަޅައިގެން ކުޅެން ޖެހޭތީވެ، އެކަން ނުކުރަން ވެގެން." ނޫސްވެރިންގެ ބައްދަލުވުމުގައި ބެލިންހަމް ބުންޏެވެ.

ބެލިންހަމް ބުނީ، އަނިޔާގައި ހުރެ ކުޅެން ޖެހިފައިވުމުން، އެކަމާ ވިސްނައި ކަންބޮޑުވެ އުޅެންޖެހުމާއެކު ހަށިގަނޑުގެ ބަރުދަނަށް ވެސް ބަދަލު އަންނަމުންދާ ކަމަށެވެ. އެހެންކަމުން، މުބާރާތް ނިމުމާއެކު ކޮނޑުހުޅުގެ އޮޕަރޭޝަން ކުރަން ނިންމާފައިވާ ކަމަށާއި، މިއީ ދުވަސްތަކެއް ވަންދެން ކުރަމުންއައި ދިގު އިންތިޒާރެއްގެ ނިމުން ކަމަށް ވެސް ބެލިންހަމް ބުންޏެވެ.

ރެއާލްގައި މިހާތަނަށް ހޭދަކުރީ މުއްދަތުގައި ބެލިންހަމް އަށް ލިބިފައިމިވާ އަނިޔާގައި ކުޅެ، އޭނާ ވަނީ އެ ޓީމުގެ މުހިއްމު ކުޅުންތެރިއަކަށްވެފައެވެ. އޭނާ އެ ޓީމަށް ކުޅުނު ފުރަތަމަ ސީޒަނުގައި ވަނީ، ސްޕެނިޝް ލީގާއި ޔުއެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދައިދިނުމުގައި އިސް ދައުރެއް އަދާކޮށްފައެވެ.

މި އޮޕަރޭޝަނަށްފަހު ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ މުއްދަތެއް ބެލިންހަމް ވެސް، އަދި ރެއާލުން ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު