ENGLISH

24 ޖޫން 2025

Advertisement

ޕަލްމެއިރާސްއާ ދެކޮޅަށް އިންޓަރ މިއާމީ ނިކުންނަނީ ތާރީޚު ބަދަލުކޮށްލުމުގެ އުއްމީދުގަ

23 ޖޫން 2025

|

މުޙައްމަދު އަދުހަމް

އިންޓަރ މިއާމީގެ ފަރިތަކުރުންތަކުގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް

ފީފާ ކްލަބް ވޯލްޑް ކަޕްގެ ގްރޫޕް އޭ ގެ ފަހު މެޗުގައި ބްރެޒިލްގެ ޕަލްމެއިރާސްއާ ދެކޮޅަށް އެމެރިކާގެ މޭޖާ ލީގު ސޮކާގައި ކުޅެމުން އަންނަ އިންޓަރ މިއާމީ ނިކުންނަނީ އެއްވަރުކުރުމުގެ ނިޔަތުގައި ނޫން ކަމަށާއި، ތާރީޚު ބަދަލުކޮށްލައި މުބާރާތުގެ ނޮކްއައުޓް ބުރުން ޖާގަ ހޯދުމަށް ކަމަށް ބުނެފިއެވެ.

މިއާމީން ވަނީ މިހާތަނަށް ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗު ކާމިޔާބުކޮށް، އަނެއް މެޗު އެއްވަރުކޮށްފައެވެ. އެ ޓީމުން ވަނީ ޕޯޗުގަލްގެ ޕޯޓޯ ބަލިކޮށްފައެވެ. މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި މިސްރުގެ އަލް އަހްލީއާ އެއްވަރުކުރިއެވެ. މިއާމީ އަށް ކުރިއަށް އޮތް މެޗުން ޕޮއިންޓެއް ހޯދައި، ތާރީޚުގައި ފުރަތަމަ ފަހަރަށް ކްލަބް ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރަށް ދަތުރުކުރެވޭނެ އެވެ.

ގްރޫޕް އޭ ގައި މިހާތަނަށް ކުޅުނު މެޗުތަކަށްފަހު، އެންމެ ކުރީގައި އުޅޭ ޕަލްމެއިރާސް އާއި މިއާމީ އަށް ވެސް ދެ މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ޕަލްމެއިރާސް އަށް ކުރިލިބެނީ ފައިދާގޯލްގެ ތަފާތުންނެވެ. މިއާއެކު، ޕަލްމެއިރާސްއާ މިއާމީގެ މެދުގައި ކުޅެވޭ މެޗު އެއްވަރުކޮށްލައިގެން ވެސް އެ ދެ ޓީމަށް އަނެއް ބުރަށް ދަތުރުކުރެވޭނެ އެވެ.

ތިންވަނައިގައި އުޅޭ ޕޯޓޯ އާއި އަލް އަހްލީ އަށް އެއް ޕޮއިންޓް ލިބިފައިވާއިރު، މި ދެ ޓީމަށް ވެސް ނޮކްއައުޓް ބުރުން ޖާގަ ލިބެން އެބައޮތެވެ. އެހެންނަމަވެސް، އަމިއްލަ އަށް އެކަން ނިންމުމުގެ ބާރު އޮތީ ޕަލްމެއިރާސް އާއި މިއާމީ އަށް އެކަންޏެވެ. އެ މެޗު އެއްވަރުކޮށްލައިގެން ޕަލްމެއިރާސް އަށް އެއްވަނަ ޓީމުގެ ގޮތުގައި އަނެއް ބުރުން ޖާގަ ލިބޭނެ އެވެ. މިއާމީ އަށް އެއްވަނަ ލިބެން އޮތީ މެޗު ކާމިޔާބުކޮށްގެންނެވެ.

މި މުބާރާތުގެ ނޮކްއައުޓް ބުރުގައި ގްރޫޕް އޭ ގެ އެއްވަނަ ޓީމު ނިކުންނަންޖެހެނީ ގްރޫޕް ބީ ގެ ދެވަނައާ ދެކޮޅަށެވެ. މިވަގުތު ގްރޫޕް ބީ ގެ އެއްވަނައިގައި އޮތީ ހަ ޕޮއިންޓާއެކު ބޮޓަފޯގޯ އެވެ. ދެވަނައިގައި ތިން ޕޮއިންޓާއެކު އޮތީ އެންމެ ފަހުގެ ޔޫރަޕްގެ ޗެމްޕިއަން، ޕީއެސްޖީ އެވެ.

މެޗުގެ ކުރީން މިއާމީގެ ކޯޗު، ހަވިއޭ މަޝެރާނޯ ބުނީ، އެ ޓީމަށް ކުރިއަށް އޮތީ އެ ކްލަބުގެ ތާރީޚުގައި ކުޅެވިގެންދާނެ އެންމެ މުހިއްމު އެއް މެޗު ކަމަށެވެ. އަދި، އެންމެ މުހިއްމީ، ޖޯޝާއި ފޯރީގައި ކުޅުން ކަމަށާއި، އެ މެޗުގައި ކުޅެލުމުގެ ފުރުޞަތު ލިބުމުން ވެސް އުފާވާން ޖެހޭ ކަމަށް މަޝެރާނޯ ބުންޏެވެ.

އެއީ ބުރައަކަށް ހަދައިގެން ނުވާނެ ކަމަށާއި، މިހާތަނަށް ދެއްކި ކުޅުން ހިތްވަރާއެކު ތަކުރާރުކޮށް، ރަނގަޅު ޗެލެންޖެއްގެ ގޮތުގައި މެޗު ބަލައިގެން އޭނާގެ ކުޅުންތެރިން ނިކުތުމަށް ވެސް މަޝެރާނޯ ވަނީ ބުނެފައެވެ.

މުބާރާތުގެ ގްރޫޕް އޭ ގައި މިއާމީއާ ޕަލްމެއިރާސް ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު ރާއްޖޭގަޑިން ހައެއް ޖަހާއިރު އެވެ. މި ގްރޫޕުގެ އަނެއް ދެ ޓީމު ކަމަށްވާ، ޕޯޓޯއާ އަލް އަހްލީ ބައްދަލުކުރާ މެޗު ވެސް ފެށުމަށް ހަމަޖެހިފައިވަނީ ހަމަ އެގަޑީގައެވެ.

ކިޔުންތެރިންގެ ހިޔާލު