ENGLISH

06 ޖުލައި 2025

Advertisement

ވަރުގަދަ ސްޕެއިން ބަލިކޮށް، ޕޯޗުގަލް އިން ދެވަނަ ފަހަރަށް ނޭޝަންސް ލީގު ކާމިޔާބު ކޮށްފި

09 ޖޫން 2025

|

އިސްމާއީލް ރާތިއު

ފޮޓޯ: ކްރިސްޓިއާނޯ ރޮނާލްޑޯގެ އިންސްޓަގްރާމް

ޔުއެފާ ނޭޝަންސް ލީގުގެ ފައިނަލްގައި ރޭ، ސްޕެއިން އާއި ޕޯޗުގަލް ބައްދަލުކުރި މެޗު ވާދަވެރި ކުޅުމަކަށްފަހު ޕޯޗުގަލް އިން ކާމިޔާބުކޮށްފި އެވެ.

ޖަރުމަނުގެ އެލިއަންޒް އެރީނާގައި ރޭ ކުޅުނު މެޗުގައި ފުރަތަމަ ގޯލު ޖަހާ، ލީޑު ނެގީ ސްޕެއިންއެވެ. ޕޯޗުގަލްގެ ޕެނަލްޓީ އޭރިއާ ތެރެއަށް ނަގައިދިން ހުރަސް ރަނގަޅަށް ސާފުކޮށްނުލެވުމުގެ ފައިދާ ނަގާ، މެޗުގެ 21 ވަނަ މިނިޓުގައި ސްޕެއިން އަށް މި ގޯލު ކާމިޔާބުކޮށްދިނީ އެ ޓީމުގެ މިޑްފީލްޑަރު، މާޓިން ޒުބިމެންޑީ އެވެ. ނަމަވެސް މާ ގިނަ އިރެއް ނުވެ، ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި ޕޯޗުގަލްގެ ޑިފެންޑަރު ނޫނޯ މެންޑޭޒް، ވަނީ މެޗުގެ 26 ވަނަ މިނިޓުގައި ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ވިޓީނިއާ ދިން ޕާހެއް ހިފައިގެން ސްޕެއިންގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ސްޕެއިން އިން ވަނީ ދެވަނަ ފަހަރަށް ލީޑު ނަގާފައެވެ. ސާޅީސް ފަސް ވަނަ މިނިޓުގައި މި ލަނޑު ކާމިޔާބުކުރީ، ޕޯޗުގަލްގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަންނަމުން ޕެޑްރީ ދިން ޕާހަކުން މިކޭލް އޮޔަރްޒަބާލް އެވެ. ޕޯޗުގަލް އަށް ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަކޮށްދިނީ އުމުރުން 40 އަހަރުގައި ވެސް އެޓީމުގެ މައި ތަނބު އަދި ކެޕްޓަން، ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

މެޗުގެ 90 މިނިޓުގެ ކުޅުން ނިމި، އިތުރަށް 30 މިނިޓު ކުޅުނުއިރުވެސް ނަތީޖާ ހަމަހަމަ ވުމުން، ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕޯޗުގަލް އިން ޖެހި ފަސް ޕެނަލްޓީ ވެސް ކާމިޔާބުކުރި އިރު، ސްޕެއިންގެ އަލްވާރޯ މޮރާޓާ ޖެހި ޕެނަލްޓީ ވަނީ، ޕޯޗުގަލްގެ ގޯލްކީޕަރު ޑިއޯގޯ ކޮސްޓާ ހިފަހައްޓާފައެވެ.

މި މެޗުގައި މޮޅު ކުޅުމެއް ދައްކާނެ ކަމަށް ގިނަ ބަޔަކު ބުނަމުންދިޔަ ބާސެލޯނާގެ ޒުވާން ތަރި، ލަމީން ޔަމާލްއަށް މެޗު ނިންމާލަން ޖެހުނީ ހުސް އަތާއެވެ. މެޗުން ސްޕެއިން ބަލިވިއިރު، ގޯލެއް ނުޖެހުނު އިރު ގޯލެއް ޖަހަން އެހީވެވިފައިވެސް ނެތެވެ.

މި މުބާރާތަކީ ޕޯޗުގަލްގެ ތާރީޚުގައި ވެސް ކާމިޔާބުކުރެވުނު ތިންވަނަ މުބާރާތެވެ. މީގެ ކުރިން އެޓީމުން ކާމިޔާބުކޮށްފައި ވަނީ 2019 ވަނަ އަހަރުގެ ޔުއެފާ ނޭޝަންސް ލީގުގެ އިތުރުން 2016 ވަނަ އަހަރުގެ ޔުއެފާ ޔޫރޯއެވެ.

ކިޔުންތެރިންގެ ހިޔާލު