ENGLISH

06 ޖުލައި 2025

Advertisement

ވޮލީ މުބާރާތުގެ ޝެޑިއުލަށް ބަދަލުގެނައީ ވީއޭއެމްއާ މަޝްވަރާ ކުރުމަށްފަހު ކަމަށް ވަޒީރު ވިދާޅުވެއްޖެ

08 ޖޫން 2025

|

މުޙައްމަދު އަދުހަމް

ކާވާ އަންހެން ވޮލީބޯޅަ ޗެލެންޖު 2024 ގައި ވާދަކުރާ ގައުމީ ވޮލީބޯޅަ ޓީމަށް ޖާޒީ ހަވާލްކޮށްދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވަޒީރު ރާފިއު ވާހަކަ ދައްކަވަނީ. --ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ކުރިއަށް އޮތް މުބާރާތް ފަސްކޮށް، ޝެޑިއުލަށް ބަދަލުގެނައީ މަޝްވަރާކުރެވިގެން ވީއޭއެމް އިން އެދުނު ގޮތަށް ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ވަޒީރު ރާފިޢު މިހެން ވިދާޅުވެފައިމިވަނީ، ފަހަކަށްއައިސް ވޮލީ މުބާރާތްތަކާ ދިމާކޮށް ޒުވާނުންގެ މަރުކަޒުގެ އެތެރޭގެ ކޯޓު އެކި ބޭނުންތަކަށް ނަގާކަމަށް ފާހަގަކޮށް، ވީއޭއެމްގެ އިސްފަރާތްތަކުން ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައިވާ މައްސަލައަށް އިޝާރާތް ކުރައްވާ ޕީއެސްއެމް އަށް ދިން އިންޓަވިއުއެއްގައެވެ.

ވަޒީރު ވިދާޅުވީ، ވޮލީބޯޅަ މުބާރާތް ލަސްވެގެން އިތުރަށް ހިނގާ ޚަރަދަކީ ކުޅިވަރު ވުޒާރާ އިން ވެސް ހަމަޖައްސައިދޭ ޚަރަދެއް ކަމަށެވެ. މި މަޢުލޫމާތުތައް އާއްމުންގެ ބައެއް ފަރާތްތަކަށް ނުލިބި އޮވެދާނެ ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ވޮލީބޯޅަ މުބާރާތް ލަސްކުރަން ނިންމާފައިވަނީ، ވީއޭއެމްގެ ރައީސް އާއި ކުޅިވަރު ވުޒާރާއާ ދެމެދުގައި ވާހަކަދެކެވިގެން މަޝްވަރާއަށްފަހު އެފަރާތުގެ ރުހުމުގައި ކަމަށެވެ. އަދި، މި ކަމުގެ ސަބަބުން ވޮލީ އަށް ގެއްލުންވާ ކަމެއްގެ ގޮތުގައި ސިފަކޮށް، ކަންބޮޑުވުން ފާޅުކޮށްފައި، އެގޮތަށް އެ އިބާރާތް ބޭނުންކުރުން އެހާ ރަނގަޅު ނޫން ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. އެއީ، މުބާރާތް ނުބޭއްވި ލަސްވެގެން އެ އަންނަ ހަތަރު ދުވަހު އެކަން ކުރެވޭނެ ގޮތަށް ހަމަޖެހިގެން ކުރިއަށްގެންދެވޭނެތީވެ ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ކުޅިވަރު އެސޯސިއޭޝަންތަކާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމެއްގައި ވަޒީރު ވާހަކަ ދައްކަވަނީ. --ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

އެންމެ ފުރަތަމަ އޮތް ގޮތުން ވީއޭއެމްގެ ފިރިހެން ޑިވިޝަނުގެ ކުޅުން ފަށަން ތާވަލުކުރީ މި ޖޫން މަހުގެ 9 ގައެވެ. އެކަމަކު، އެ ދުވަސްވަރު ބައިނަލްއަގުވާމީ ބާސްކެޓް ބޯޅަ މުބާރާތެއް ކުރިއަށްގެންދަން އެތެރޭ ކޯޓު ބޭނުންވާތީ ވޮލީ މުބާރާތް ފަސްކުރީ މި މަހުގެ 19 އަށެވެ. އެހެންނަމަވެސް، ތަޢުލީމީ ވުޒާރާގެ އިވެންޓަކާ ގުޅިގެން އަނެއްކާވެސް ފިރިހެން ޑިވިޝަނުގެ ވޮލީ މުބާރާތް ފެށުން ވަނީ މި މަހުގެ 24 އަށް ލަސްކޮށްފައެވެ.

ރާފިޢު ވިދާޅުވީ، މުބާރާތް ލަސްކުރުމާ ގުޅޭގޮތުން ވީއޭއެމްގެ ރައީސް އާއެކު އެންމެ ފުރަތަމަ ވާހަކަ ދެކެވުނީ މުބާރާތް ފަށަން އޮތް ދުވަހު ފެށުމަށްފަހު، މެދުކަނޑާލާފައި އަލުން ކުރިއަށްގެންދިއުމަށް ކަމަށެވެ. އެގޮތަށް ކުރިއަށްދިއުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ވީއޭއެމް އަށް ނުފެންނާތީވެ، ފަހުން ބޭނުންވި ގޮތަށް މި މަހުގެ 24 ގައި މުބާރާތް ފެށޭނެ ގޮތަށް އިންތިޒާމްތައް ހަމަޖައްސައިދީފައިވާއިރު، އޭގެކުރީ ދެ ދުވަސް ވެސް ލިބޭނެ ގޮތަށް ހުރިހާ ކަމެއް ފަހިކޮށްދީފައިވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އަދި، ވީއޭއެމްގެ ޝެޑިއުލަށް ބަދަލު ގެނެވުނީ، މުބާރާތްތަކަށް ގެންނަ ބޭރު ޤައުމުތަކުގެ ކުޅުންތެރިންގެ ޓިކެޓާއި އެކޮމޮޑޭޝަނުގެ އިތުރުން މުބާރާތް ލަސްވެގެން ކުރިމަތިވާ ކަމެއްގެ ސަބަބުން ހިނގާނެ އިތުރު ޚަރަދެއްވެސް ކުޅިވަރު ވުޒާރާ އިން ހަމަޖައްސައިދޭ ގޮތަށް އެއްބަސްވެގެން ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

މީގެކުރީން ބޭއްވި ވޮލީބޯޅަ މުބާރާތެއްގެ ތެރެއިން. --ފޮޓޯ: ވީއޭއެމް

އެހެން ނޫނަސް، ވޮލީ ބޯޅަ ސީޒަނުގައި މި ބާއްވާ ކޮންމެ މުބާރާތަކީ ވެސް ކުޅިވަރު ވުޒާރާގެ ފުރިހަމަ އެހީތެރިކަމާއެކު ފަންޑުކޮށްގެން ކުރިއަށްގެންދާ މުބާރާތަކަށްވުމާއެކު ކޮންމެ މުބާރާތެއްގެ އިންތިޒާމްތަކުގައި ކުރިމަތިވާ ކޮންމެ ކަމެއްގައިވެސް ހިނގާނެ އިތުރު ޚަރަދެއްވެސް އެ ވުޒާރާ އިން މިހާތަނަށް ވެސް ހަމަޖައްސައިދެމުން އައިސްފައިވާ ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މިހާތަނަށް އައިއިރުވެސް ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓު ހޯދުމަށް އެސޯސިއޭޝަންތަކުން އެދެމުން އަންނަ ގޮތަށް ހަމަޖައްސައިދެމުން އައިސްފައިވާއިރު، އެހެން ހަފްލާއެއް އޮވެގެން މުބާރާތެއް މެދުކެނޑޭނަމަ އެ މެދުކެނޑޭ މުއްދަތަށް އެހެން ދުވަހެއް ހަމަޖައްސައިދޭ ގޮތަށް މީގެކުރީން ވެސް ޢަމަލުކުރަމުން ގޮސްފައިވާ ކަމަށް ވެސް ވަޒީރު ރާފިޢު ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަ ނިންމާލަމުން ވިދާޅުވީ، މި ފަހަރު ވޮލީބޯޅަ އެސޯސިއޭޝަނަށް ވެސް ދިމާވީ މިގޮތަށް ކަމަށާއި، ތަޢުލީމީ ވުޒާރާގެ ހަފްލާއެއް އޮތުމުން ވީއޭއެމްގެ ޝެޑިއުލަށް ބަދަލު ގެންނަން ޖެހިފައިވާއިރު، ކުޅިވަރު ކުރިއެރުވެން އޮތީ ވެސް ތަޢުލީމީ ވުޒާރާއާ ގުޅިގެން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު